ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ
ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ
ޑިމޮކްރެޓިކް ސައްޙަކަމާއި، މުއައްސަސާތަކުގެ މެދުގައި އޮންނަ ހަމަހަމަކަމާއި، އަދި އަޅާކިޔޭ ދުސްތޫރީ އިންޒާރުތައް

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ބިނާވެފައިވަނީ ރައްޔިތުންގެ ސިޔާދަތާއި، ދައުރުވަމުންދާ އިންތިޚާބުތަކާއި، ބާރުތައް ވަކިވެފައި އޮތުމާއި، އަދި ޤާނޫނުއަސާސީގެ މަތިވެރިކަމުގެ މައްޗަށް ބިނާވެފައިވާ ޑިމޮކްރެޓިކް ނިޒާމެއްގެ މައްޗަށެވެ. މަޖިލިސް ދައުރުގެ މުއްދަތަށް ނުވަތަ އިންތިޚާބު ބާއްވާ ތާރީޚަށް ބަދަލު ގެންނަ އިޞްލާޙުތަކަކީ، ސިޔާދަތީ ބާރު ބޭނުންކުރުމާއި، ޒިންމާދާރުކުރުވުމުގެ އަސާސީ ނިޒާމަށް އަސަރުކުރާނެ ކަންކަމެވެ.

ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ ރަސްމީ އިޖުރާއާތުތައް (އަސާސީ މާއްދާތަކަށް ބަދަލު ގެންނަނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބޭނުންވުން ހިމެނޭހެން) ޤާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތް ނަމަވެސް، މިފަދަ އިޞްލާޙުތަކުގެ ސައްޙަކަމާއި ދުސްތޫރީ ތެދުވެރިކަން ބިނާވެފައިވަނީ ހަމައެކަނި އިޖުރާއާތުތަކަށް ތަބާވުމުގެ މައްޗަކަށް ނޫނެވެ. އޭގެ ބަދަލުގައި އެކަން ކުރެވޭ ގޮތާއި، އޭގެ ފަސްމަންޒަރާއި، އަދި އަމިއްލަ އެދުމެއް ނެތި ކުރެވޭ ކަމެއްގެ މައްޗަށެވެ. އެހެން ޤައުމުތަކުގެ ދުސްތޫރީ ތަޖުރިބާތަކުން ދައްކާގޮތުގައި، ގިނަ މެންބަރުންގެ ތާއީދު އޮންނަ ސަރުކާރުތަކުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެއް ނެތި އިންތިޚާބީ ދައުރުތަކަށް ބަދަލު ގެންނަނަމަ، އޭގެ ދިގު މުއްދަތުގެ ނަތީޖާއަކަށް ވަނީ މުއައްސަސާތައް އިޞްލާޙުވުމުގެ ބަދަލުގައި ޑިމޮކްރެސީ ބަލިކަށިވުމެވެ.

މިލިޔުމުގައި، ހުށަހެޅިފައިވާ ބަދަލުތައް ދިވެހިރާއްޖޭގެ ދުސްތޫރީ މާއްދާތަކާއި، ޤައުމީ ނިންމުންތަކާއި، އަދި އެހެން ޤައުމުތަކުގެ ޤާނޫނީ މިސާލުތަކުގެ އަލީގައި ތިރީގައިވާ ތިން ނުރައްކަލުގެ މައްޗަށް ބަލާލެވޭނެއެވެ:

1- ޑިމޮކްރެޓިކް ސައްޙަކަން ގެއްލުން،

2- ބާރުތައް ކޮންޓްރޯލްކުރުމަށް އޮންނަ ނިޒާމު (ޗެކްސް އެންޑް ބެލެންސަސް) ބަލިކަށިވުން، އަދި

3- ސިޔާސީ ނުފޫޒު ވަރުގަދަކޮށް ދެމެހެއްޓުން.

ޑިމޮކްރެޓިކް ސައްޙަކަމާއި ރައްޔިތުންގެ ސިޔާދަތު

ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 4ވަނަ މާއްދާގައި ބަޔާންކުރަނީ ދައުލަތުގެ އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށާއި، އެ ބާރުތައް ދެމިިިއޮންނާނީ ރައްޔިތުންގެ ކިބައިގައި ކަމަށެވެ. އަދި ރައްޔިތުން އިންތިޚާބުކުރާ މަންދޫބުންނާއި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު މެދުވެރިކޮށް އެ ބާރު ބޭނުން ކުރެވޭނެ ކަމަށެވެ. ރައްޔިތުންގެ މަޖިލީހާ ގުޅޭ މާއްދާތަކުން (ޤާނޫނު އަސާސީގެ 75 ވަނަ މާއްދާ ހިމެނޭހެން) ދޭހަވަނީ ގަވާއިދުން އަދި ކުރިއާލައި އެނގޭނެ ފަދަ އިންތިޚާބީ ދައުރުތަކެއް އޮތުމަކީ ދުސްތޫރީ އުސޫލެއް ކަމެވެ.

މަޖިލިސް ދައުރަށް ނުވަތަ އިންތިޚާބު ބާއްވާ ވަގުތަށް ބަދަލު ގެންނަ ކޮންމެ އިޞްލާޙަކީ ރައްޔިތުންގެ ސިޔާދަތީ ބާރު ބޭނުންކުރާގޮތަށް ސީދާ ބަދަލު އަންނާނެ ކަމެކެވެ. ޤާނޫނުއަސާސީ އިޞްލާޙު ކުރުމުގެ އިޖުރާއާތު (262 ވަނަ މާއްދާ) ގައި ބަޔާންކުރާ ފެންނަ ނުފެންނަ ވޯޓަށް ތަބާވި ނަމަވެސް، ނިންމުން ނިންމުމުގެ ކުރިން ރައްޔިތުންނަށް އެކަށީގެންވާ ގޮތެއްގައި މަޢުލޫމާތު ދީ، އެމީހުން ބައިވެރި ނުކުރާނަމަ، އެ ނިންމުމުގެ ސައްޙަކަމާ މެދު ސުވާލު އުފެދޭނެއެވެ.

2009 ވަނަ އަހަރު ވެނެޒުއޭލާގައި ސިޔާސީ މަގާމުތަކުގެ ދައުރަށް އަސަރުކުރާ ދުސްތޫރީ އިޞްލާޙުތަކެއް ރަސްމީކޮށް ފެންނަ ނުފެންނަ ވޯޓަކުން ފާސްކުރިއެވެ. ނަމަވެސް، އެ މަސައްކަތުގައި ޤައުމީ ފެންވަރުގެ އެކަށީގެންވާ މަޝްވަރާއެއް ބޭއްވިފައި ނުވާއިރު، އެކަން ކުރިއަށް ގެންދިޔައީ އޭރު އޮތް ބާރުގަދަ މަޖިލީހުންނެވެ. އޭގެ ނަތީޖާއަކަށްވީ، ދުސްތޫރީ ނިޒާމަށް އޮތް އިތުބާރު ގެއްލި، އެއީ ރައްޔިތުންގެ ބާރު ދެމެހެއްޓުމުގެ ބަދަލުގައި ސިޔާސީ ބާރު ގަދަކުރުމަށް ބޭނުންކުރި ވަސީލަތެއް ކަމަށް ބެލެވުމެވެ.

ކަންމިހެން ހިނގި އިރު، ކެންޔާއިން 2010 ގައި ފެނުނީ ތަފާތު ނަމޫނާއެކެވެ. 2005 ވަނަ އަހަރު، އިސް ސިޔާސީ ފަރާތްތަކުން އެކަނި އިސްވެ ކުރިއަށް ގެންދިޔަ އިޞްލާޙުތަކެއް ނާކާމިޔާބުވުމުން، އެ ޤައުމުން ވަނީ ގިނަ އަހަރުތަކެއް ވަންދެން ރައްޔިތުންގެ ފުޅާ ބައިވެރިވުމާއެކު މަޝްވަރާތައް ބާއްވާފައެވެ. އޭގެ ނަތީޖާއަކީ ގިނަ ބައެއްގެ ތާއީދާއި ދިގު މުއްދަތުގެ ހަމަޖެހުން ލިބުނު ޤާނޫނުއަސާސީއެއް އުފެދުމެވެ. ކެންޔާގެ މިސާލުން ދައްކައިދެނީ، ދުސްތޫރީ ބަދަލެއް ރައްޔިތުން ގަބޫލުކުރުން ބިނާވެފައިވަނީ ހަމައެކަނި ވޯޓެއްގެ މައްޗަށް ނޫން ކަމާއި، އެކަން ކުރާ ގޮތުގެ މައްޗަށް ކަމެވެ.

ދިވެހިރާއްޖޭގައި ކުރިއާލައި ޤައުމީ ފެންވަރުގެ މަޝްވަރާއަކާއި، ރަނގަޅަށް ބިނާކުރެވިފައިވާ ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، އަދި ހުރިހާ ފަރާތްތަކެއް ބައިވެރިވާ ބަހުސެއް ނެތި ފެންނަ ނުފެންނަ ވޯޓެއް ނަގައިފިނަމަ، ކެންޔާގެ މަގުގެ ބަދަލުގައި ވެނެޒުއޭލާގެ މަގަށް ދިއުމުގެ ބިރު އެބައޮތެވެ. އެބަހީ، އިޖުރާއީ ގޮތުން ފާސްވީ ނަމަވެސް، އަސްލު މާނަވީ ސައްޙަކަމެއް އެނިންމުމުގައި ނެތުމެވެ.

ބާރުތައް ކޮންޓްރޯލް ކުރުމާއި މުއައްސަސާތަކުގެ ތެދުވެރިކަން

ޤާނޫނުއަސާސީގެ 70 އިން 94 އަދި 115 އިން 127އަށް ހުރި މާއްދާތަކުން ބަޔާންކޮށްދެނީ ޤާނޫނު ހަދާ މަޖިލީހާއި، ވެރިކަން ހިންގާ ބާރާއި، އަދި އަދުލު އިންސާފު ގާއިމު ކުރުމުގެ ބާރުގެ މެދުގައި އޮންނަ ސާފު ވަކިވުމެވެ. މަޖިލިސް ދައުރުގެ މުއްދަތާއި އިންތިޚާބު ބާއްވާ ތާރީޚަކީ ބާރުތައް ވަކިކޮށް، އެއްބަޔަކު އަނެއްބަޔަކު ޒިންމާދާރު ކުރުވައި، އެއްވެސް މުއައްސަސާއަކަށް މުޅި ނިޒާމު ކޮންޓްރޯލްވިޔަ ނުދިނުމަށް އޮތް މުހިންމު ރައްކާތެރިކަމެކެވެ.

އިންތިޚާބުގެ ތާރީޚަށް ބަދަލު ގެނައުމުން އެކަމުގެ ފައިދާ ލިބޭ ސިޔާސީ ފަރާތްތަކުން އެ ބަދަލު ގެންނަނަމަ، ބާރުތައް ކޮންޓްރޯލް ކުރުމަށް މަޖިލީހުން އަދާކުރަންޖެހޭ ދައުރު ބަލިކަށިވެއެވެ.

އެހެން ޤައުމުތަކުގެ ދުސްތޫރީ މިސާލުތައް

ޕޮލެންޑުގައި (2015-2020)، ދުސްތޫރީ އަދި އިންތިޚާބީ އޮނިގަނޑަށް ބަދަލުތައް ގެނައީ ސިޔާސީ ޕާޓީތަކުގެ މެދުގައި ފުޅާ އެއްބަސްވުމެއް ނެތިއެވެ. ގިނަ އިޞްލާޙުތަކެއް ޤާނޫނީ ގޮތުން ފާސްކުރި ނަމަވެސް، ގުޅިގެން މަޝްވަރާ ނުކުރުމުގެ ސަބަބުން މުއައްސަސާތަކުގެ މެދުގައި ދިގު މުއްދަތުގެ ކުރިމަތިލުންތަކާއި، ޝަރުޢީ މަރުޙަލާގެ ގޮންޖެހުންތަކާއި، ބައިނަލްއަޤްވާމީ ފާޑުކިޔުންތައް އަމާޒުވިއެވެ. މައިގަނޑު މައްސަލައަކަށްވީ އިޞްލާޙުގެ ކަންކަމަށްވުރެ ބޮޑަށް، ވެރިކަންކުރާ މެޖޯރިޓީން ޑިމޮކްރެޓިކް އުސޫލުތަކަށް އެކަނި ބަދަލު ގެނައުމެވެ.

ހަމައެފަދައިން، ހަންގޭރީގައިވެސް އާދަޔާޚިލާފު މެޖޯރިޓީއެއް އޮތް ސަރުކާރުން ތަކުރާރުކޮށް ޤާނޫނުއަސާސީއަށާއި އިންތިޚާބީ ނިޒާމަށް ގެނައި ބަދަލުތަކުން، މަޖިލީހުގެ ފާރަވެރިކަމާއި ފަނޑިޔާރުގެތަކުގެ މިނިވަންކަން މަޑުމަޑުން ބަލިކަށިވިއެވެ. މިއިން އެނގެނީ އިޖުރާއީ ގޮތުން ސައްޙަ ކަމަށް ފެނުނު ނަމަވެސް، ފުލުފުލުގައި ގެންނަ މިފަދަ ބަދަލުތަކުން ބާރުތައް ވަކިވެފައި އޮންނައޮތުން ނެތިކޮށްލެވިދާނެ ކަމެވެ.

ދިވެހިރާއްޖޭގެ މަޖިލީހުގައި ސިޔާސީ ޕާޓީގެ ނުފޫޒު ގަދަވެފައި، ސިޔާސީ ބާރު އެއްދިމާލަކަށް ޖަމާވެފައި އޮތް އޮތުމަށް ބަލާއިރު، ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމެއް ނެތި އިންތިޚާބީ ތާރީޚުތަކަށް ބަދަލު ގެނައުމަކީ، ޤާނޫނުއަސާސީ ނެގެހެއްޓުމުގެ ބަދަލުގައި، ވެރިކަން ހިންގާ ބާރުގެ މަސްލަހަތު ހިމާޔަތްކުރާ ވަސީލަތަކަށް މަޖިލިސް ބަދަލުވެގެން ހިނގައިދާނެ ކަމެކެވެ. މިއީ ޤާނޫނުއަސާސީގައި ބަޔާންކުރާ ބާރުތައް ވަކިވެފައި އޮތުމުގެ އަސާސާ ޚިލާފު ކަމެކެވެ.

ސިޔާސީ ނުފޫޒު ވަރުގަދަކުރުމާއި އިޞްލާޙުކުރުމުގެ ބާރު ނާޖާއިޒު ގޮތުގައި ބޭނުންކުރުން

ދިވެހިރާއްޖޭގެ ދުސްތޫރީ ތިއަރީ

ޤާނޫނުއަސާސީގެ 262 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ބާރު ލިބިދީފައިވީ ނަމަވެސް، ދުސްތޫރީ ތިއަރީތައް ބުނާގޮތުން މިއީ އަމާނާތެއްގެ ގޮތުގައި ލިބިދީފައިވާ ބާރެކެވެ. އިޞްލާޙުތައް ވާންޖެހޭނީ ދުސްތޫރީ ނިޒާމުގެ މަސްލަހަތު އިސްކުރާ އެއްޗަކަށެވެ. އެއީ މަގާމުގައި ތިބި ބަޔަކަށް ލިބޭ ކުރިއެރުމަކަށް ވެގެން ނުވާނެއެވެ. އިޞްލާޙު ހުށަހަޅާ ފަރާތްތަކުގެ މަގާމުގެ މުއްދަތަށް ނުވަތަ ވަގުތަށް އަސަރުކުރާ ފަދަ ބަދަލުތައް ގެނައުމަކީ، ދުސްތޫރީ މަސްލަހަތު ފުށުއަރާނެ ކަމެކެވެ.

ތުރުކީވިލާތުގައި 2017 ވަނަ އަހަރު، ސިޔާސީ ދައުރުތަކަށާއި މުއައްސަސާތަކުގެ ބާރަށް އަސަރުކުރާ ގޮތަށް ގެނައި ބަދަލުތައް ރަސްމީ އިޖުރާއާތުތަކާއި ފެންނަ ނުފެންނަ ވޯޓެއްގެ ތެރެއިން ފާސްކުރިއެވެ. ނަމަވެސް، ސިޔާސީ މާހައުލު ހަނިވެފައި އޮތުމާއި މަޝްވަރާކުރުން މަދުވުމުގެ ސަބަބުން، އޭގެ ނަތީޖާއަކަށްވީ ވެރިކަން ހިންގާ ބާރުގެ ނުފޫޒު ދާއިމީ ގޮތެއްގައި ގަދަވެ، އިންތިޚާބީ ވާދަވެރިކަން ކުޑަވުމެވެ. ތުރުކީގެ މިސާލުން އެނގެނީ، ރަސްމީކޮށް ސައްޙަ އިޞްލާޙުތަކެއްގެ ސަބަބުންވެސް ޑިމޮކްރެޓިކް ހަމަހަމަކަން ގެއްލިދާނެ ކަމެވެ.

ރަޝިޔާގައި 2020 ވަނަ އަހަރު ރައީސްގެ ދައުރުގެ އަދަދު އަލުން ގުނަން ފަށާ ގޮތަށް ގެނައި އިޞްލާޙުތައް ފެންނަ ނުފެންނަ ވޯޓަކުން ފާސްކުރި ނަމަވެސް، އެއީ އަމިއްލަ އެދުން އިސްކޮށްގެން ގެނައި ބަދަލުތަކެއް ކަމަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވިއެވެ. މިއިން ސާބިތުވަނީ، މަގާމުގައި ތިބި ބަޔަކު އަމިއްލަ ދައުރު ބަދަލު ކުރުމަށް ގެންނަ ކޮންމެ ބަދަލަކީ، ޤާނޫނީ ގޮތުން ކިތަންމެ ރަނގަޅަށް ކުރި ނަމަވެސް، އޭގެ ސައްޙަކަން ގެއްލޭނެ ކަމެއް ކަމެވެ.

މި ހުރިހާކަމަކުންވެސް ދޭހަ ވެގެން މިދަނީ، މަޖިލިސް ދައުރަށް ނުވަތަ އިންތިޚާބުގެ ވަގުތަށް ގެންނަ އިޞްލާޙެއް، މަޖިލީހުގެ ބޮޑު މެޖޯރިޓީއަކުން ހުށަހަޅައި، މިނިވަން ފާރަވެރިއެއް ނެތި ރައްޔިތުންނާ ހަމައަށް ގެނެސްފިނަމަ، އެއީ ހަމައެކަނި ސިޔާސީ ބާރު ދެމެހެއްޓުމަށް ކުރާ ކަމެއްގެ ގޮތުގައި ބެލެވި، އޭގެ ދުސްތޫރީ ނުރައްކާ ބޮޑުވާނެއެވެ.

ފެންނަ ނުފެންނަ ވޯޓުގެ ޝަރުތު: އޮނިގަނޑުގެ ވަރުގަދަކަމާއި އެ ބަލިކަށިވެއްޖެ ނަމަ އޮތް ނުރައްކާ

ޤާނޫނުއަސާސީގެ ބައެއް މާއްދާތަކަށް ބަދަލު ގެނައުމަށް ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ބޭނުންވުމަކީ ޑިމޮކްރެސީގެ މުހިންމު ރައްކާތެރި ކަމެކެވެ. ނަމަވެސް، އެހެން ޤައުމުތަކުގެ ތަޖުރިބާއިން ދައްކާގޮތުގައި، ފެންނަ ނުފެންނަ ވޯޓަކުން އެކަނި ރައްޔިތުންގެ ހަގީގީ ރުހުން ލިބުނު ކަމަކަށް ނުވެއެވެ.

ވެނެޒުއޭލާ އަދި ތުރުކީ ފަދަ ޤައުމުތަކުން ފެނުނު ގޮތުގައި، ތިރީގައިވާ ކަންކަން ހިމެނޭނަމަ، ފެންނަ ނުފެންނަ ވޯޓަކީ ޑިމޮކްރެސީގެ އަސާސްތައް ހިމާޔަތް ކުރުމުގެ ބަދަލުގައި ނަތީޖާ "ސައްޙަ" ކުރުމަށް ބޭނުންކުރާ ވަސީލަތަކަށް ވެގެންދާނެކަމެވެ؛

- މައްސަލަތައް ކުރިމަތިކުރާ ގޮތް ވަކި ފަރާތަކަށް ބުރަވުން

- ރައްޔިތުންނަށް ދެވޭ މަޢުލޫމާތު މަދުވުން

- ވޯޓުގެ ކަންކަން ހިންގުމުގައި މިނިވަންކަން ކުޑަވުން

- ބަހުސްކުރުމަށް އެކަށީގެންވާ ވަގުތު ނުދިނުން

ފެންނަ ނުފެންނަ ވޯޓު ކުރިއަށް ގެންދިއުމަށް އެކުލަވާލެވިފައިވާ ޤާނޫނުން ބައެއް ބާރުތައް ރައީސުލްޖުމްހޫރިއްޔާ އަށް އަދި އަނެއް ބާރުތައް މަޖިލީހަށް ލިބޭ ގޮތަށް މިއަދުގެ ސަރުކާރު އިސްވެ އޮވެ ފާސްކޮށް ހުޅުމީދޫ ވަކިކުރަން ފެނޭތޯ ނެގި ވޯޓު ނަގާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އަށް އެ ޤާނޫން ލިބިދޭ ބާރުގެ ދަށުން އެއީ "ޤައުމީ މުހިންމު މައްސަލަ" އެއް ގޮތުގައި މާނަކުރެވިގެންނެވެ. ނަމަވެސް އެކުލަވާލި ޤާނޫނުގެ ދަށުން މިޙާލަތުގައި ރައްޔިތުންނަށް ހުށަހަޅަންޖެހޭ ކަރުދާހާއި ތަފާތު މަޢުލޫމާތުތަކާއި ވޯޓުގެ ނަތީޖާއިން ދެން އަމަލުކުރާނެ ގޮތްތަކެއް ރައްޔިތުންނަށް ސާފުކޮށްދިނުމެއް ނެތެވެ. އަދި އެންމެ ހެއްވާ ކަމަކީ، މަޖިލީހުން ފެންނަ ނުފެންނަ ވޯޓެއް ނަގަން ނިންމައިފިނަމަ، މި ދެންނެވި އިޖުރާއަތްތައް ފުރިހަމަކުރަން ޖެހޭ ކަމެވެ.

މާނައަކީ، މިއީ ވަކިބަޔަކަށް ހެޔޮވަރުކޮށް ފަހާފައިވާ ލިބާހަކައްވެފައި، މަކަރާއި ހީލަތާއި އޮޅުވާލުމުގެ ތެރެއިން ސާފު ދުސްތޫރީ ނުވަތަ ޤާނޫނީ މިންގަނޑުތަކެއް ބަޔާންކޮށްފަ، އެހެނަސް އެހުރިހާކަމެއް ނަފީކޮށް މިފަދަ ވޯޓުތައް ނެގުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ އެ ޤާނޫނުގެ އެހެން މާއްދާއަކުން ލިބި އަދި ރައީސް އެގޮތަށް ޢަމަލުކޮށް އެބާރުގެ ބޭނުންކޮށްފައިވާ ކަމެވެ. ނިޒާމް ބަލިކަށިވާނީ މިހާކަށް ވަރަށް ނޫންތޯއެވެ.

އެހެން ޤައުމުތަކުގެ ދުސްތޫރީ ތަޖުރިބާތަކުން ދިވެހިރާއްޖެއަށް ދޭ އިންޒާރަކީ ސާފު އިންޒާރެކެވެ. މަޖިލިސް ދައުރަށާއި އިންތިޚާބުގެ ވަގުތަށް ބަދަލު ގެންނަ އިޞްލާޙުތަކަކީ އެންމެ މަތީ ދަރަޖައިގެ ޑިމޮކްރެޓިކް ހިފެހެއްޓުންތަކެއް ބޭނުންވާ ކަންކަމެވެ. ޤާނޫނު އަސާސީގެ 262 ވަނަ މާއްދާއިން އިޞްލާޙު ގެނައުމުގެ ހުއްދަ ދީ، ފެންނަ ނުފެންނަ ވޯޓުން ރަސްމީ ސައްޙަކަން ލިބުނު ނަމަވެސް، ޤާނޫނުއަސާސީގެ ދެމިއޮތުން ބިނާވެފައިވަނީ ހުރިހާ ފަރާތްތަކެއް ބައިވެރިވާ މަޝްވަރާއާއި، ދެފުށް ފެންނަ ގޮތަށް ކަންކަން ރޭވުމާއި، އަދި މަގާމުގައި ތިބިފަރާތްތަކުން އަމިއްލަ އެދުމަށްވުރެ ދައުލަތުގެ މަސްލަހަތު އިސްކުރުމުގެ މައްޗަށެވެ.

މި ރައްކާތެރިކަން ނެތްނަމަ، މިފަދަ އިޞްލާޙުތަކުގެ ސަބަބުން ތިރީގައިވާ ނުރައްކާތައް ކުރިމަތިވެދާނެއެވެ:

- ރައްޔިތުންގެ ސިޔާދަތީ ބާރު ކުޑަވުން (ވެނެޒުއޭލާ ފަދައިން)

- ބާރުތައް ކޮންޓްރޯލްކުރާ ނިޒާމު ބަލިކަށިވުން (ޕޮލެންޑް އަދި ހަންގޭރީ ފަދައިން)

- ސިޔާސީ ނުފޫޒު ވަރުގަދަކޮށް ދެމެހެއްޓުމަށް މަގުފަހިވުން (ތުރުކީ އަދި ރަޝިޔާ ފަދައިން)

ދުސްތޫރީ ޙައްޤުތަކާއި ފަހުގެ ނިންމުންތައް

މަޖިލީހުގެ ދައުރާއި އިންތިޚާބު ބާއްވާ ތާރީޚުތަކަށް ބަދަލު ކުރުމަށް ހުށަހަޅާ އިޞްލާޙުތައް ވަޒަންކުރަންވާނީ، ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއަށް ފަހުން އައިސްފައިވާ ބަދަލުތަކުގެ އަލީގައެވެ. ވަކިން ހާއްސަކޮށް، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ނިސްބަތްވާ ޕާޓީން އެމެންބަރަކު ވަކިކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގެނެވުނު އިޞްލާޙަށް ބަލަންޖެހެއެވެ. މިބަދަލުގެ ސަބަބުން، މެންބަރުން ޖަވާބުދާރީވާންޖެހޭ ފަރާތަކީ ވޯޓުލާ ރައްޔިތުންގެ ބަދަލުގައި ޕާޓީގެ ލީޑަރޝިޕް ކަމުގައި ވެ، ރައްޔިތުންގެ މަޖިލީހުގެ ތަމްސީލީ ސިފައަށް ވަނީ ވަރަށްބޮޑު ބަދަލެއް އައިސްފައެވެ.

އެ އިޞްލާޙުގެ ސަބަބުން، އިންތިޚާބީ މަންދޫބުންގެ ދުސްތޫރީ މިނިވަންކަން ކުޑަވެ، މަޖިލީހުގެ ތެރޭގައި ސިޔާސީ ޝުޢޫރު ފާޅުކުރުމުގެ މިނިވަންކަމަށް ހުރަސް އެޅި، މަޖިލީހުން ކުރާ މުހިންމު ސުޕަވައިޒަރީ މަސައްކަތްތަކުގެ ނަތީޖާ ވަނީ ފަނޑުވެފައެވެ. ޢަމަލީ ގޮތުން ބަލާއިރު، މެންބަރުންގެ ގޮނޑި ގެއްލުމުގެ ބިރު އޮތީ ރައްޔިތުންގެ ނިންމުމަކުން ނޫން ކަމަށާއި، އެއީ ޕާޓީގެ އެތެރޭގެ ނިންމުންތަކަކުން ކަމަށް މިހާރު ވަނީ ވެފައެވެ. މީގެ ސަބަބުން ޑިމޮކްރެޓިކް ދާއިރާ ހަނިވެ، މެންބަރުންނަކީ އެންމެ ފުރަތަމަ ރައްޔިތުންނަށް ޚިދުމަތްކުރަން ތިބޭ ބައެއް ކަމަށް ބުނާ ދުސްތޫރީ އަސާސް ވަނީ ބަލިކަށިވެފައެވެ.

މި މާޙައުލުގެ ތެރެއިން، މަޖިލީހުގެ ދައުރު ނުވަތަ އިންތިޚާބު ބާއްވާ ތާރީޚަށް ބަދަލު ގެނައުމަށް ޤާނޫނުއަސާސީއަށް އިޞްލާޙު ހުށަހެޅުމަކީ ދުސްތޫރީ ގޮތުން އިތުރު ކަންބޮޑުވުންތަކެއް އުފެދޭ ކަމެކެވެ. މިފަދަ ބަދަލުތައް އެކުވުމުން، ސިޔާސީ ބާރުވެރިކަން މުށުތެރެއަށް ޖަމާވެ، ރައްޔިތުންގެ ސިޔާދަތީ ބާރު ކުޑަވެ، ޑިމޮކްރެޓިކް ނިޒާމެއްގައި އޮންނަންޖެހޭ ޖަވާބުދާރީވުން އިތުރަށް ބަލިކަށިވެއެވެ. ޚާއްޞަކޮށް، އާންމުންގެ ފުޅާ މަޝްވަރާއެއް ނެތި، މަޖިލީހުގެ ސުޕަމެޖޯރިޓީއަކުން މިފަދަ ބަދަލުތައް ގެންނާތީ އެކަންބޮޑުވުން ބޮޑެވެ.

ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގި ކަމުގައިވިޔަސް، މަދަނީ މިނިވަންކަމާއި، މަޖިލީހުގެ މިނިވަންކަމާއި، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހަނިކުރަމުންދާ ދަނޑިވަޅެއްގައި ސިޔާސީ އަސާސީ ގަވާއިދުތަކަށް ބަދަލު ގެނައުމަކީ ދުސްތޫރީ ސައްހަކަން ގެއްލޭ ކަމެކެވެ. މިފަދަ ހާލަތްތަކުގައި، ދުސްތޫރީ ޙައްޤުތައް ލިޔެވިފައި އޮތް ނަމަވެސް، ޢަމަލީ ގޮތުން އެ ޙައްޤުތަކުގެ ބޭނުން ހިފުމުގެ ފުރުސަތު ދަނީ ދުވަހެއް ދުވަހަކަށް ކުޑަވަމުންނެވެ.

އެހެންކަމުން، ދިވެހިރާއްޖެއަށް އޮތް މައްސަލައަކީ ހަމައެކަނި އިޖުރާއީ ގޮތުން ކަންކަން ފުރިހަމަ ކުރުމެއް ނޫނެވެ. އަދި ކިއެއްތަ، ޤާނޫނުއަސާސީއަށް ގެނެވޭ ބަދަލުތަކަކީ ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށް ބުނާ ޑިމޮކްރެޓިކް އަސާސީ އުސޫލަށް އިޙްތިރާމްކުރާ ބަދަލުތަކެއްތޯ ނުވަތަ އެއީ ޕާޓީގެ ކޮންޓްރޯލާއި ވަގުތީ އަޣުލަބިއްޔަތެއް ދެމެހެއްޓުމަށް ކުރާ ކަމެއްތޯ ކަށަވަރު ކުރުމެވެ.



ކިޔުންތެރިންގެ ހިޔާލު