ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހީލަތްތެރި ރޭވުންތަކެއް ރާވަމުންދާ ކަމަށް، ލޯކަލް ކައުންސިލް އިންތިޚާބުގެ ކަންކަން ވިލަރެސްކުރާ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު ހުޅަނގު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މީޑިއާއެއްގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ ނަމުގައި ބިންގާ އަޅަމުންދަނީ އެއްވެސް އިޚުލާސްތެރިކަމެއް ނެތި ކަމަށާއި، އެ މަޝްރޫއުތައް ކުރިއަށް ނުދަނީ ކައުންސިލްތަކުގެ ސަބަބުން ކަމަށް ބުނެ ސަރުކާރުން ދަނީ ރައްޔިތުންނަށް އޮޅުވާލަމުން ކަމަށެވެ.

ފަލާހު އިތުރަށް ސިފަކުރެއްވި ގޮތުގައި، މި ސަރުކާރުން ތަރައްގީ ގެންނަނީ "އުވަ ދޯންޏެއް ހިފައިގެން" ގޮސް އެތަންމިތާ ބިންގާ އެޅުމަށްފަހު އެކަންކަން ހުއްޓާލައިގެންނެވެ. އޭނާ މިސާލެއްގެ ގޮތުން ފާހަގަކުރެއްވީ އައްޑޫ ސިޓީގެ މޭޔަރު ވިދާޅުވި 14 މަޝްރޫއެއްގެ ވާހަކައެވެ. އެ މަޝްރޫއުތަކުގެ ބިންގާ އެޅުމަށްފަހު މަސައްކަތް ހުއްޓިފައިވަނީ ކައުންސިލުން އެއްބާރުލުން ނުދީގެން ނޫން ކަމަށާއި، އެއީ ސަރުކާރުގެ ރޭވުމެއްގެ ތެރެއިން ހިނގާ ކަންކަން ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ. އަދި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާ ދިމާކޮށް ވެސް ސަރުކާރުން ގިނަ ދޮގުތަކެއް ހަދާފައިވާ ކަމަށާއި، އެ ހުރިހާ ވައުދެއް މިހާރު ބިލާހަކަށް ވެފައިވާ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

މީގެ އިތުރުން ފަލާހު ވިދާޅުވީ، ރަށްރަށުގައި ހިންގަން ސޮއިކޮށްފައިވާ މަޝްރޫއުތައް ނުފެށި ވަނީ ކައުންސިލްތަކުގެ ސަބަބުން ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅަކީ ހަގީގަތެއް ނޫން ކަމަށެވެ. ސަބަބަކީ، ކައުންސިލްގެ ހުއްދައާ ނުލާ ވެސް ސަރުކާރަށް ބޭނުންވާ މަޝްރޫއުތައް ހިންގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް މި ސަރުކާރުން މިދިޔަ ޑިސެމްބަރު މަހު ބަދަލު ގެނެސްފައިވާތީއެވެ. އެހެންކަމުން، ކުރިއަށް އޮތް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ފަތުރާ މިފަދަ ހީލަތްތެރި ވާހަކަތަކަށް ރައްޔިތުން ސަމާލުވުމަށް ފަލާހު ވަނީ އިލްތިމާސް ކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު