އަޝްވާގް ފައުޒީ   18 ޖެނުއަރީ 2026 - 20:12
އިންޑޮނޭޝިއާގެ ސުލަވެސީ އައިލެންޑުގެ ފަރުބަދަމަތީ ސަރަހައްދަކަށް ވެއްޓުނު މަތިންދާބޯޓުން ދަތުރުކުރި މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، އާދީއްތަ ދުވަހު ފިރިހެނެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ޖުމްލަ 11 މީހުންނާއެކު ދަތުރުކުރި މި ބޯޓު ވެއްޓިފައިވަނީ ހޮނިހިރު ދުވަހު މަކާސަރުގެ ސުލްތާން ހަސަނުއްދީން އެއާޕޯޓަށް ޖައްސަން އުޅުމުގެ ތެރޭގައެވެ. މޫސުން ގޯސްވެ، ވިލާގަނޑެއްގެ ތެރޭގައި ބޯޓު ދަތުރުކުރަނިކޮށް ރާޑަރުން ގެއްލުނީ، ބޯޓުގެ މިސްރާބު ރަނގަޅު ކުރުމަށް އެއާ ޓްރެފިކް ކޮންޓްރޯލުން އެންގިތާ މާގިނަ އިރުތަކެއް ނުވަނީހެވެ.

މަކާސަރުގެ ސާޗް އެންޑް ރެސްކިއު އޮފީހުގެ އިސްވެރިޔާ މުހައްމަދު އާރިފް އަންވަރު ވިދާޅުވި ގޮތުގައި، މި ހަށިގަނޑު ފެނިފައިވަނީ މައުންޓް ބުލުސަރައުންގްގެ ބޯޓުގެ ބައިތައް ބުރައިގެން ގޮސްފައިވާ ސަރަހައްދެއްގެ ގާތްގަނޑަކަށް 200 މީޓަރު (656 ފޫޓު) ފުން މިނުގެ ފުންވަޅެއްގެ ތެރެއިންނެވެ. މިހާތަނަށް ފެނުނު ހަށިގަނޑަކީ ކާކުކަން ދެނެގަނެވިފައި ނުވި ނަމަވެސް، އެއީ ބޯޓުން ދަތުރުކުރި މީހެއް ކަމަށް ބެލެވޭ ކަމަށާއި، ހަށިގަނޑު އެ ސަރަހައްދުން ނެރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މީގެ އިތުރުން، ރެސްކިއު ޓީމުތަކަށް ވަނީ ބޯޓުގެ މުހިންމު ބައިތަކެއް ވެސް ފެނިފައެވެ. އޭގެ ތެރޭގައި ބޯޓުގެ އޮނިގަނޑުގެ ބައިތަކާއި، ފަސިންޖަރުން އިށީންނަ ގޮނޑިތައް ހިމެނެއެވެ. އަދި ބޯޓުގެ އިންޖީނު އޮތް ތަން ވެސް ލޮލަށް ފެންނަ ހިސާބުން ދެނެގަނެވިފައިވާ ކަމަށްވެސް އަންވަރު ވިދާޅުވިއެވެ. މި ހޯދުންތަކުގެ ސަބަބުން ބޯޓު ވެއްޓުނު ސަރަހައްދު ވަނީ ވަރަށް ބޮޑަށް ކަށަވަރުވެފައެވެ.

އިންޑޮނޭޝިއާ އެއާ ޓްރާންސްޕޯޓުން އޮޕަރޭޓްކުރާ މި އޭޓީއާރު 42-500 މަރުކާގެ ބޯޓަކީ ޖާވާ އައިލެންޑުގެ ޔޮގްޔަކާޓާ އިން ފުރައިގެން ސައުތު ސުލަވެސީގެ ވެރިރަށް މަކާސަރަށް ދަތުރުކުރި ބޯޓެކެވެ. ބޯޓުގައި ތިބީ އަށް ފަޅުވެރިންނާއި، ކަނޑުގެ ވަސީލަތްތައް ބެލެހެއްޓުމުގެ މިޝަނެއްގައި ދަތުރުކުރި މިނިސްޓްރީ އޮފް މެރިން އެފެއާޒް އެންޑް ފިޝަރީޒްގެ ތިން މުވައްޒަފުންނެވެ. ބާކީ ތިބި 10 މީހުން ހޯދުމުގެ މަސައްކަތް ވަރުގަދަ ކޮށްފައިވާއިރު، މޫސުން ގޯސްވުމުގެ ސަބަބުން ރެސްކިއު ޓީމުތަކަށް ބޮޑެތި ގޮންޖެހުންތަކެއް ދަނީ ކުރިމަތިވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު