ޞާދިރު ޢަލީދީދީ   3 އޮކްޓޯބަރު 2020 - 12:8
ދިޔަރެސް
ދިޔަރެސް
އެޕިސޯޑް 16

...............

[ބައްޕަ ނުދައްކާތަ އަހަންނާ ބެހޭގޮތުން ވާހަކައެއް؟] ނާފިލް ސުދާގެ އަތުގައި ހިފަހައްޓާލަމުން ބުންޏެވެ. އޭރުވެސް ފެރީގައި ތިބި މީހުންނަކަށް ނާފިލް ފިޔަވައި އިތުރު މީހަކު ނުފެނެއެވެ. އެމީހުންނަށް ފާހަގަކުރެވުނީ ނާފިލް އެކަނި ހުރެގެން ވާހަކަ ދައްކަމުންދިޔަ ކަމަށެވެ. އެހެންކަމުން، ވިލިނގިއްޔަށް ދެވުމާއެކުހެން ނާފިލް ދޯނިން ނުފައިބަނީސް އެމީހުންގެ ހިތުގައި އުފެދުނު ސުވާލު އޭނާއާ ކުރިމަތިކުރިއެވެ.

[ކާކާތަ ތި ވާހަކަ ދައްކަނީ؟] ފަޅުވެރިން އެއްސެވެ. ހިނިތުންވުމަކުން ޖަވާބު ދިނުމަށްފަހު، އެވަގުތު ހަމައެކަނި އޭނާއަށް ފެންނަމުންދިޔަ ސުދާގެ އަތުގައި ހިފައިގެން ދޯނިން ފައިބައިފިއެވެ. ދެން އަނެއްކާވެސް އޭނާގެ މިޞްރާބު ބަދަލުވީ ސުދާގެ ފަހަތުންނެވެ.

ރެޔަކީ ހަނދުމަހެއްގެ ދެވަނަ ދިހައިގެ ރޭތަކުގެ ތެރެއިން ރެޔަކަށްވުމުން، މުޅި ކާއިނާތަށްވެސް ފެތުރިފައިވަނީ ޗާލު ސަނދުރަވި އަލިކަމެކެވެ. މިހާރު އެ ރީތި ގޮނޑުދޮށުގައި ސުދާއާއި ނާފިލް ނޫން މީހަކު ނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

[ކިހާ ރީތި މަންޒަރެއް....މި ހިތްގައިމު ގޮނޑުދޮށުގައި އަހަރެމެން ނޫނީ އެއްވެސް މީހަކު ނެތް...އިރުކޮޅެއް ވަންދެން މިތާނގައި މަޑުކޮށްލަމާ....] ވިލިނގިލީގައި މީހުން ނޫޅޭ ހިސާބަކަށް އާދެވުމާއެކު، ނާފިލް ކުޑަކޮށް މަޑުޖެހިލިއެވެ. ޙަޤީޤަތުގައި އެއީ ސުދާވެސް ބޭނުންވެފައިވާ ގޮތެވެ.

[މިރޭ ހަތަރުދަމުވެސް ނާފިލަށް މި ރީތި ގޮނޑުދޮށުގައި އޮވެވިދާނެ.] މިހެން ބުނެފައި ސުދާ ހީގަތެވެ. ނިކަން ބާރަށެވެ. އޭރު ނާފިލް ދޮންވެލިގަނޑުގައި ރާޅުޖަހާފަށުގައި އިށީނދެއްޖެއެވެ. ފަސްއެނބުރި ބަލައިލުމަށްފަހު، ބާރުބާރަށް ހެމުން ހެމުން ސުދާ ގޮސް މަގޫގަސްތަކުގެ ތެރެއަށް ވަދެ ގެއްލުނެވެ. ނާފިލް ހިނިއައިސްފައި ބަލަން ހުއްޓައެވެ.

[ސުދާ ތިގަސްތަކުގެ ތެރެއަށް މިދަންވަރު ނުވަދެ އާދޭ މިތަނަށް.] ނާފިލް އެދުނެވެ. އޭރު މަގޫގަސްތަކުގެ ތެރެއަށް ވަން ސުދާގެ އަޑު އެއްކޮށް ކެނޑިއްޖެއެވެ. ދެވަނަފަހަރަށް ނާފިލް ސުދާއަށް ގޮވީ ސުދާގެ އަޑުނީވި ފަސްވަރަކަށް މިނިޓްވީ ފަހުންނެވެ.

[ސުދާ.....ގަސްތަކުގެތެރޭ ފިލާހުރެ ކީއްތިކުރަނީ؟] ނާފިލް ތެދުވެގެން ހިނގައިގަތެވެ. ނަމަވެސް އެވަގުތު މޫދުގެ ލޮނުގަނޑުތެރޭން އިވުނު އަޑަކުން ދެތިން ފިޔަވަޅެއްވަރު ކުރިއަށް އެޅުމަށްފަހު ނާފިލް ހުއްޓުނެވެ. ސިއްސައިގެން ގޮސްފައި، އެ އަޑު އައި ދިމާއަށް އެނބުރިލެވިއްޖެއެވެ. ލޮނުގަނޑުން ބޮކި ޖަހަމުންދިޔަ ކަމުގައިވިޔަސް، މީހަކު ފެންނާކަށް ނެތެވެ. އެހެންކަމުން، އޭނާ އަނެއްކާވެސް ސުދާއަށް ގޮވާލިއެވެ.

[ސުދާ.....] އޭނާ އުޅުނީ އަނެއްކާވެސް މަގޫގަސްތަކާ ދިމާއަށް ހިނގައިގަންނާށެވެ.

[ނާފިލް...އާދޭ ފަތާލަން...] ދެން އިވުނީ ސީދާ ސުދާގެ އަޑެވެ. މޫދުގެ ލޮނުގަނޑު ތެރެއިންނެވެ. ނާފިލްގެ ހިތަށް ބިރުވެރިކަން ސަވާރުވާން ފެށީ ދެނެވެ.

[ކޮންތާކު ހުރެތަ ތިގޮވަނީ....އަހަންނަކަށް ސުދާއެއް ނުފެނޭ....] ވަށައިގެން ކަޅި އުކަމުން ނާފިލް ބުންޏެވެ.

[އާދޭ މޫދަށް އެރެން. އޭރުން އަހަރެން ފެންނާނެ.] މިފަހަރު އަޑު އައި ދިމާއިން ލޮނުގަނޑު ތެރެއިން ބޮޑުމަހެއްގެ ނިގޫފަތް ނާފިލަށް ފެނުނެވެ. އޭނާގެ ހިތަށް ބިރުވެރިކަން ވަނެވެ. މަޑުމަޑުން ފަހަތަށް ޖެހެން ފެށުނެވެ.

[ސުދާ.....] ނާފިލްގެ ހިތް މަޑުމަޑުން ސުދާއަށް ގޮވާލިއެވެ. ބިރުގެންފައި ހުރެއެވެ.

[ބިރުނުގަނޭ.....އާދޭ މޫދަށް އެރި އަހަންނާއެކު އުފާކޮށްލަން.] މިފަހަރު އެ އަޑު އައި ދިމާއިން ލޮނުގަނޑުގެ ތެރެއިން ސުދާ ބޯހިއްލާލިތަން ނާފިލަށް ފެނުނެވެ. ސުދާ އިނީ ހިނިއައިސްފައެވެ. ނަމަވެސް، އޭރު ކުރިން ނާފިލަށް ފެނުނު ނިގޫފަތްގަނޑެއް ފެންނާކަށް ނެތެވެ. ޙައިރާންކަމާއެކު ނާފިލަށް ހުރެވުނީ ސުދާގެ މޫނަށް ބަލަހައްޓައިގެންނެވެ. އެހިނދު އޭނާގެ ހިތަށް އަރަމުންދިޔައެވެ. ފެންނަމުންމިދާ މަންޒަރުތަކަކީ ޙަޤީޤަތެއް ހެއްޔެވެ.

[އާނ....ޙަޤީޤަތް...އަވަހަށް އާދޭ....އުފަލުގައި ބައިވެރިވާން....] ސުދާގެ އަޑުން ނާފިލަށް ވަރަށްބޮޑު ސިހުމެއް ލިބުނެވެ. ޢަޖައިބުވެސްވިއެވެ. އޭނާގެ ހިތަށްއެރި އެއްޗެއް ސުދާއަށް އެނގި، އޭގެ ޖަވާބު ދިނީތީއެވެ. އޭރު ސުދާ އިނީ ދިޔަރެސްގައި އިށީނދެގެންނެވެ. އުނަގަނޑުން ތިރި މޫދުގެ ލޮނުގަނޑުތެރެއަށް ދޫކޮށްލައިގެނެވެ. ނާފިލް ކުޑަކޮށް ކުރިއަށް ޖެހިލިއެވެ. އަމިއްލަ އިޚްތިޔާރެއްގައެއް ނޫނެވެ. އޭރު އިތުރު މީހެއްގެ ބާރު އޭނާގެ ހަށިގަނޑަށް ފޯރަމުންދިޔަހެން ހީވެއެވެ. ސުދާގެ އުނަގަނޑުން ތިރިއާ އެއްކޮށް ނާފިލަށް ފެނުނީ އޭނާއަށް ސުދާއާ ދާދި ގާތަށް އާދެވުނުފަހުންނެވެ. އެހިނދު ހިތަށް ވެރިވި ބިރުވެރިކަމާއެކު ހަޅޭއްލަވައިގަނެވުމާއެކު، ސަލާމަތަށް އެދި ގޮވަމުން އޭނާއަށް ދުއްވައިގަނެވިއްޖެއެވެ. ސުދާ ހީގަތެވެ. ނާމާން ޒާތަކަށެވެ.

[މަޑުކުރޭ ނާފިލް....މިވަގުތު ކިތަންމެ ބާރަށް ދުވިޔަސް، އެހީވާކަށް މީހަކު ނާންނާނެ....] ސުދާގެ އަޑު ބަދަލުވިއެވެ. ހީވަނީ ހަތަރު ފަސް މީހަކު އެއްފަހަރާ ވާހަކަ ދައްކާހެނެވެ. އަޑު ބަރުވެފައި ނާމާނެވެ. މީގެކުރިން އެފަދަ ބިރުވެރި އަޑެއް ނާފިލަކަށް އިވިފައެއް ނުވާނެއެވެ.

[އަހަރެން ސަލާމަތްކުރޭ....އެހީވެދީ.....] ނާފިލް ސަލާމަތަށް އެދި ގޮވަމުން ދުވަމުން ދިޔައެވެ. ގެންފައިވާ ބިރެއްގެ ސަބަބުން އޭނާ ދުވަމުން ދިޔައީ އެއްވެސް މިޞްރާބެއް ނެތިއެވެ.

[ކިތަންމެ ބާރަށް ދުވިޔަސް އަހަންނާ ދުރަކަށް ނުދެވޭނެ. އަހަރެން މިހާރުވެސް މިހުރީ ނާފިލާ ވަރަށް ގާތުގައި. ހޫނު އިޙްސާސް ކުރެވޭހާވެސް ގާތުގައި.] މިފަހަރު ސުދާގެ އަޑު އިވުނީ ނާފިލްއާ ވަރަށް ކައިރިންނެވެ. ސުދާގެ ނޭވާގެ ވައި ނާފިލްގެ ކަންފަތަށް އެޅުނުހެންވެސް ހީވިއެވެ. ބިރުން ތުރުތުރުއަޅަމުންދިޔަ ނާފިލް ހުއްޓުނެވެ. އެއަށްފަހު ސުދާގެ އަޑު އައި ދިމާ ފާހަގަކޮށް، އެދިމާއަށް ބަލައިލެވުނެވެ. އެވަގުތު ފަހަތުން މީހަކު އޭނާގެ ކޮނޑަށް އަތް ވައްޓާލުމުން އޭނާއަށް ހަޅޭއްލަވައިގަނެވުމާއެކު އެނބުރިލެވިއްޖެއެވެ.

އެއީ ސުދާގެ އަތެވެ. ސުދާ ހުރީ ހިނިއައިސްފައެވެ.

[ތިޔައީ ސުދާއެއް ނޫނޭ....ކޮބައިތަ ސުދާ....؟] ނާފިލް ފަހަތަށް ޖެހެން ފެށިއެވެ. ސުދާ ހީގަތެވެ. ނިކަން ބާރަށެވެ. އޭރު އޭނާގެ ސިފަވެސް އައީ މަޑުމަޑުން ބަދަލުވަމުންނެވެ. ނާފިލް ބަލަން ހުއްޓައެވެ.

ކުޑައިރުކޮޅެއްގެ ތެރޭގައި، އޭނާގެ ސިފަ އެއްކޮށް ބަދަލުވެއްޖެއެވެ. މިހާރު އޭނާ އެހުރި ސިފައިގައި ހުއްޓާ، ފެނިއްޖެ ކޮންމެ މީހަކުވެސް ބިރުގަންނާނެކަން ކަށަވަރެވެ. އަތުގެ ނިޔަފަތިވެސް ދިގުވެފައިވުމުގެ އިތުރުން، މޫނުމަތީގެ ސިފަވެސްވަނީ ބަދަލުވެފައެވެ. މޫނުމަތީގެ ސިފަވަނީ ވަރުގަދަ އަލިފާން ރޯވެފައި ތެދުވެގެން އުޅޭ (އަނދައި ދެއްޔަށް ވެފައިވާ) މީހަކާއެވެ. ދެލޯވެސް ރަތްކަމުން ހީވަނީ އަނގުރު އަލިފާންކޮޅެއް ހެންނެވެ. ދެންވެސް ނާފިލް އުޅުނީ ދުއްވައިގަންނާށެވެ. ނަމަވެސް އެ ބިރުވެރި ސިފައިގައި ހުރި ސުދާ މާ ހުޝިޔާރެވެ. އޭނާ އެއްލި އަތުން ހިފުނީ ނާފިލްގެ ކަނދުރާގައެވެ. ނާފިލް އެކުރަކި އަތުގައި ހިފައި ފޮޅުވާލަން އުޅުނެވެ. ނަމަވެސް، އެއަތުގައި ހިފެހެއްޓީތީ އަމިއްލަ އަތުން ލޭ އައުން ފިޔަވައި އިތުރު ކަމެއް އޭނާއަކަށް ނުކުރެވުނެވެ. އޭނާގެ އަތުން ކަށިކަށްޓަށް ލޭ ފައިބަން ފެށިއެވެ.

[ސުދާދެކެ ލޯބިވެވުން ތިޔައީ ކަލޭގެ ބަދުނަޞީބު. ސުދާގެ ދަހިވެތިކަމުގައި ސުދާގެ ބައްޕައަށް ކަލޭދިން ހެޔޮކަމުގެ ބަދަލު ނިކަން ރަނގަޅަށް މިރޭ ދޭނަން....] ބިރުވެރި ސިފައިގައި ހުރި ސުދާ ކުރިއަށް ވުރެންވެސް ބާރަށް ހީގަތެވެ. އޭރު އޭނާގެ އަނެއް އަތްވެސް ޙަރަކާތް ކުރަމުން ދިޔައީ ނާފިލްގެ ކަނދުރާއާ ދިމާއަށެވެ.

ނާފިލް ސަލާމަތަށް އެދި ގޮވަމުން ތެޅެން ފެށިއެވެ. ދެން ފެނުނީ ނާމާން ހަމައެހާމެ ރަޙުމްކުޑަ މަންޒަރެކެވެ. ނާމާން ސިފައިގައި ހުރި ސުދާގެ ކުރަކި ދެއަތް ނާފިލްގެ ކަނދުރާ ވަށާލިއެވެ. އެހިނދު ނާފިލްގެ ކަރުތެރެއިން ނުކުތީ ބާރު އަޑެކެވެ. އެ އަޑާއެކު ސުދާ ކުރިއަށްވުރެންވެސް ބާރަށް ކަރަށް ފިތާލިއެވެ. އޭރު ނާފިލް ސަލާމަތްވުމަށް ތެޅިފޮޅެނީއެވެ. ނަމަވެސް، ސުދާ އޭނާގެ ރަޙުމްކުޑަ ޢަމަލެއް ހުއްޓައެއްނުލިއެވެ. ދެން ފެނިގެންދިޔައީ ތަފާތު އަނިޔާވެރި ޢަމަލުތަކެވެ.

ޖެހިގެން އައި ދުވަހު ސުދާގެ ބައްޕަ ވަސީމަށް ލިބުނީ ވިލިނގިލީ ދެކުނު ފަރާތު އަތިރިމަތީގައި ނާފިލް މަރުވެފައި އޮއްވާ ފެނުނު ޚަބަރެވެ. އެޚަބަރު ލިބުނު ވަގުތު ވަސީމަށް ހީވީ އޭނާގެ ބޮލުގައި މީހަކު ބާރުގަދަ އެތިފަހަރެއް ޖެހިހެނެވެ. އޭނާ އެންމެ ބޮޑަށް ދެރަވީ ނާފިލްގެ ކަށިކަމާކެމީގެ ކަންތައް ނިމުނުފަހުން އޭނާއަށް އެޚަބަރު ލިބުނީމައެވެ.

[ދަރިފުޅާ...ނާފިލް މަރުވެއްޖެ. ޤުދްރަތީ މަރެއް ކަމަކަށް ޤަބޫލެއް ނުކުރެވެޔޯ ޑޮކްޓަރުންވެސް ބުނަނީ.] ވަސީމް ގެޔަށް އައިސް ވަންނަމުން ހިތާމަވެރި ޚަބަރު ސުދާއަށް ދިނެވެ.

[އޭނ ނުވާނެ ތިހެނެއް...ނާފިލް މަރުވީއޭ...ހާދަ ދެރައޭ....] ސުދާ ހިތާމައިގެ އަސަރު މޫނުމައްޗަށް ވެރިކުރުވިއެވެ.

[ފިސާރި ތެދެއް ދަރިފުޅާ...އެސޮރުގެ މޫނުވެސް ބައްޕައަކަށް ނުފެނުނު...ބައްޕައަށް އެގޭދޮށަށް ދެވުނުއިރު ވަޅުލައިފި....އެސޮރުގެ މަރުގެ ޙަޤީޤަތް ހޯދުމަށްޓަކައި ޝައްކުވާ މީސްމީހުން ގެންގޮސް އެބަ ހައްޔަރު ކުރެޔޯވެސް އެގޭތެރޭން ކިޔާ އަޑު އިވުނު.] ވަސީމް ސޯފާގައި އިށީނެވެ.

އެދުވަހާ ޖެހިގެން އައި ދުވަހު ނުކުތް ނޫސްތަކުގައި ނިކަން ހޫނުކޮށް ނާފިލްގެ މަރާ ބެހޭގޮތުން ލިޔުނެވެ. ނޫސްތަކުގެ އިދާރާތަކާއި ބުކްޝޮޕްތަކުގައި ނޫސް ހޯދަން މީހުން ފުނިޖެހުނެވެ. ބައެއް މީހުންނަށް ނޫސް ލިބުނުއިރު، ނުލިބޭ މީހުން ފޮޓޯކޮޕީވެސް ހެއްދިއެވެ.

ދެނޫހެއްގައި އެއްގޮތަކަށް އެ ޚަބަރު ލިޔެފައި ނެތުންވީ ހުރިހާ ނޫސްތަކަށް އިތުރަށް ބާރުބޮޑުވި ކަމަކަށެވެ. އެއްވެސް ނޫހެއްގައި ނާފިލްގެ މަރަކީ ޤުދްރަތީ މަރެއް ކަމަށް ސިފަކޮށްފައެއް ނުވެއެވެ.

[މިއޮތީ ނޫސް...ސުދާވެސް ކިޔާލަބަލަ...މިރަށުގައިވެސް މިހާރު މަރުވި މީހުންވެސް އުޅެނީތަ؟] ބޭރުން އައިސް ވަން މުޢާޒު، ދުވަހު ނޫސް [މިއަދު] ސުދާގެ އަތަށް ދެމުން ވާހަކަ ދެއްކިއެވެ. ސުދާ ނޫސް ހިފައިގެން ގޮސް ސޯފާއަށް ވެއްޓިގަތެވެ. އޭރު ޒަކީ އަސްޢަދުގެ ފުރޮޅުލީ ގޮނޑި ކޮއްޕަމުން އައިސް އެތަނަށް ހުއްޓެނީއެވެ.

[ދަރިފުޅާ....މިއަދުގެ ނޫސްތަ؟] ސުދާގެ އަތުގައި އޮތް ނޫހާ ދިމާއަށް ބަލައިލަމުން ޒަކީ އެއްސެވެ. ބޮލުގެ އިޝާރާތުން އާއެކޭ ބުނެފައި ސުދާ ޒަކީގެ އަތަށް ނޫސް ދިނެވެ. ޒަކީއާ ދިމާއަށް ނޫސް ދިއްކުރި ވަގުތު ވީލްޗެއަރގައި އިން އަސްޢަދާ ދިމާއަށް ސުދާ ސިއްރު ސިއްރުން ބަލައިލިއެވެ. އޭރު އަސްޢަދަށްވެސް އިނދެވުނީ ސުދާގެ ޙަރަކާތްތަކަށް ބަލަންކަމުން އަސްޢަދާއި ސުދާގެ ހަތަރުކަޅި ހަމަވިއެވެ. ހަމައެއާއެކު އަސްޢަދު ބިރުގަތެވެ. ސުދާގެ ލޮލުގެތެރެއިން އޭނާއަށް ފެނުނީ އާދަޔާ ޚިލާފު އަސަރުތަކެވެ. ގަތްބިރެއްގެ ސަބަބުން އޭނާ ބަހެއް ބުނެވޭތޯ އަނގަ ހުޅުވަން މަސައްކަތް ކުރިއެވެ. އެކަން ސުދާއަށް އެނގުނުވެސްމެއެވެ. އެހިނދު އޭނާގެ ތުންފަތުގައި ކުޅެލީ ހިތި ހިނިތުންވުމެކެވެ.

ދުވަސްތަކަކަށްފަހު އުފަން ގެޔަށް މަންމައާއި ޢާއިލާގެ މެންބަރުންގެ ގާތަށް އާދެވުމުން، އުފާކުރަންވީ ވަގުތުވެސް ފިރާޝާގެ ދެލޮލުން ކަރުނައެއް ނުހިކެއެވެ. ގެޔަށް އައިއްސުރެން އަދިވެސް އޭނާ ރުއިން ހުއްޓައެއްނުލައެވެ. އޭނާގެ މަންމަ ތަފާތު އެތައްފަހަރަކު އޭނާއާ ސުވާލުކޮށްފިއެވެ.

[ދަރިފުޅާ އަނެއްކާ ބަނޑުގައި ރިއްސަނީތަ...މަންމަ މުޢާޒަށް ގުޅަންތަ؟] މަންމަ ފިރާޝާ އޮތް އުނދޯލީގެ މަގަތުގައި އިށީންނަމުން ބުންޏެވެ.

[ނޫން....މަންމާ...މުޢާޒެއް އަހަންނަށް އެހީވާކަށް ނާންނާނެ...މިހާރު އަހަންނަކާ މުޢާޒާ އެއްވެސް ގުޅުމެއް ނެތް...] ފިރާޝާ ކުރިއަށް ވުރެންވެސް ބާރަށް ރޮއިގަތެވެ.

[ކީކޭތަ ދަރިފުޅު ތި ކިޔަނީ؟....ދަރިފުޅު ތިކިއީ އެއްޗެއް މަންމައަކަށް ނުވިސްނުނު.....] ޙަޤީޤަތުގައިވެސް ޢާރިފާއަކަށް ނުވިސްނުނެވެ.

[މަންމާ....މުޢާޒު އަހަރެން ވަރިކޮށްފި....އެކަމަކު މުޢާޒުގެ އެއްވެސް ކުށެއް ނެތް....ކުށްކުރީ އަހަރެން. އަހަންނަށް މުޢާޒާއެކު ޒަވާޖީ ޙަޔާތް ފެށުނީވެސް ރަނގަޅަކަށް ނޫން. ފަހުން އުޅެވުނީވެސް.....] ފިރާޝާގެ އަޑު ކެނޑި ކެނޑިގެން ދިޔައެވެ.

[އޭނ....ވަރިކޮށްފިއޭ....އެއީ ކޮންކަހަލަ ފިރިހެނެއް. ދަރިން ޑަޒަނެއް ހަމަކޮށްފައި ވަރިކުރިނަމަ މާ ރަނގަޅެއްނު.] ޢާރިފާއަށް ކުށްވެރި ކުރެވުނީ މުޢާޒެވެ. ނަމަވެސް، އެއީ އޭނާއަށް ޙަޤީޤަތް ނޭނގޭތީކަން ކަށަވަރެވެ. ގައިމުވެސް ޙަޤީޤަތް އެނގޭނަމަ، އޭނާވެސް ދިފާޢު ކުރާނީ އަމިއްލަ ދަރިފުޅެއް ނޫނެވެ. އޭނާ ކުށްވެރި ކުރާނީ ފިރާޝާއެވެ.

[މަންމާ...މުޢާޒާ ދިމާއަށް އެއްޗެހި ނުކިޔާ...އަހަރެމެންގެ ކައިވެނި ރޫޅުމުގައި މުޢާޒުގެ އެއްވެސް ކުށެއް ނެތް. ކުށްވެރިއަކީ އަހަރެން.] ފިރާޝާ ރޮއިރޮއިފައި ވާހަކަ ދެއްކިއެވެ. އޭރު ޢާރިފާގެ ދެލޮލުންވެސް ކަރުނަ ހިލެން ފަށައިފިއެވެ. ރޮމުން ފިރާޝާގެ ކުށަކީ ކޮބައިކަން އޭނާ އޮޅުންފިލުވަންވެސް އުޅުނެވެ. ނަމަވެސް ފިރާޝާއަކަށް މަންމައަށް ޙަޤީޤަތް ކިޔައިދޭކަށް ނުކެރުނެވެ. އެކަމަށް އޭނާއަށް ހުރަސްއެޅީ ލަދުވެތިކަމެވެ. އޭނާއަށް ވިސްނެއެވެ. ޙަޤީޤަތް އެނގޭހިނދު އެ މަންމަގެ ހަމްދަރުދީއެއްވެސް އޭނާއަކަށް ނުލިބޭނެއެވެ. ހަމްދަރުދީ އޭނާއަށް ޙައްޤެއްވެސް ނުވާނެއެވެ.

[މިހާރަކު ނޫން...ފަހުން އަހަރެން ކިޔައިދޭނަން...އަހަންނަކީ ވަރަށްބޮޑު ކުށްވެރިއެއް...އަހަރެން އެކުށަށް ތައުބާވަން....] މިހެން ބުނެފައި، ފިރާޝާ ރޮމުން އުނދޯލިން ތެދުވެގެން ގޮސް ކޮޓަރިއަށް ވަނެވެ. އެދުވަސްވަރާ ދިމާކޮށް އެންމެފަހުން އެކޮޓަރި ކުއްޔަށް ހިފައިގެން އުޅުނު މީހުން ދޫކޮށްފައި ދިޔަކަން އެއީވެސް ނަޞީބެކެވެ.

ފިރާޝާގެ ކޮއްކޮ މިހާރު ޢުމުރުން އެގާރަ އަހަރުގެ ނާދިޔާ މަދްރަސާ ނިންމާފައި އައިސް ގެޔަށް ވަނީ އެވަގުތުއެވެ. ފިރާޝާ ރޮމުން ރޮމުން ގޮސް ކޮޓަރިއަށް ވަންތަން ނާދިޔާއަށް ފެނުނެވެ.

[މަންމާ ކީއްވެ، ދައްތަ ރޮނީ؟] ފިރާޝާގެ ކޮޓަރިއާ ދިމާއަށް ހިނގައިގަންނަމުން ނާދިޔާ އެހިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ޢާރިފާވެސް ހިނގައިގަތީ އެކޮޓަރިއާ ދިމާއަށެވެ. ތަރުފާލުގަނޑުމަތީގައި ކުޅެން އިން ފިރާޝާގެ ދަރިފުޅުވެސް އެމީހުންގެ ފަހަތުން ކޮޓަރިއަށް ވަނެވެ.

ކޮޓަރިއަށް ވަދެ ސުދާ ދޮރު ލެއްޕިއެވެ. އެއަށްފަހު، އެނދުގައި ޚިޔާލީ ދުނިޔެއަކަށް ގެއްލިފައި އޮތް މުޢާޒުގެ މޫނަށް ބަލައިލިއެވެ. އޭރު އަދި ކޮޓަރިއަށް މީހަކު ވަންކަމެއްވެސް މުޢާޒަކަށް ނޭނގެއެވެ. ސުދާ މަޑުމަޑުން ހިނގާފައި އައިސް މުޢާޒު އޮތް އެނދު ކައިރިއަށް ހުއްޓިއްޖެއެވެ. ޢިޝްޤީ ނަޒަރަކުން ޚިޔާލީ ކަނޑެއްގައި ފެތެމުންދިޔަ މުޢާޒުގެ މޫނަށް އޭނާ ބަލަން ފެށިއެވެ.

[މުޢާޒު....އަދިވެސް ތިޔަ ފިކުރުތަކާ ދުރަށް ދާކަށް ނުވޭތަ؟] ކުރިއަށްވުރެން އެނދާ ކައިރިއަށް ޖެހިލަމުން ސުދާ މުޢާޒުގެ ޚިޔާލީ ވާފަށް ކަނޑުވާލިއެވެ. ސުދާގެ އަޑަށް މުޢާޒު ސިހިފައި ތެދުވިއެވެ. ސުދާ މުޢާޒު ގާތުގައި (އެނދުގައި) އިށީނދެއްޖެއެވެ.

[ސުދާ....އަހަރެންގެ ދަރިއެއް ކަމުގައި އަހަރެން ދުށް އެ ލޯބިލޯބި ދަރިފުޅު މަތިން އަހަރެން ހަނދާން ނައްތާލާނީ ކިހިނެއް؟ އެ ދަރިފުޅުވެސް އަހަރެންދެކެ ހާދަ ލޯބިވެޔޭ.] މުޢާޒު ފެންކަޅިވެއްޖެއެވެ. ސުދާ މުޢާޒުގެ އަތުގައި ހިފެހެއްޓިއެވެ. މުޢާޒު ސުދާގެ މޫނަށް ބަލައިލިއެވެ. އެހިނދު މުޢާޒާ ސުދާގެ ލޮލާއި ލޮލާ ދިމާވިއެވެ. އެވަގުތު މުޢާޒަށް ސުދާގެ ލޮލުގެ ތެރެއިން ސިފަކުރެވުނީ އާދަޔާ ޚިލާފު އަސަރުތަކެކެވެ. ކަޅިނެތްހެންވެސް ހީވިއެވެ.

[ސުދާ ކޮންފާޑަކަށް ތި ބަލަނީ؟ ހީވަނީ ވާހަކަ ލިޔުންތެރިން ސިފަކުރާ ޖިންނިއަކު އިންސާނަކަށް ބަލާހެން.] ނޭނގި ނަމަވެސް، މުޢާޒަށް ބުނެވުނު އެއްޗަކުން ސުދާއަށް ތެޅިގަނެވުނެވެ.

[ކިތަންމެ ލޯބިން ބަލައިލިޔަސް ހެވެއް ނެތްދޯ؟ ގައިމުވެސް އަހަރެން ނޫން މީހަކު މިހާ ލޯބިން މުޢާޒަކަށް ނުބަލާނެ. އެހެން ނޫނަސް، ވެދާނެއެއްނު...އަހަންނަކީވެސް މުޢާޒު ތިބުނި ކަހަލަ ޖިންނިއަކަށްވެސް....] ސުދާ ނިކަން ބާރަށް ހީގަތެވެ. އެ ހުނުމުގެ މާނަ ކިތަންމެ ތަފާތަސް، މުޢާޒަކަށް އެކައްޗެއްވެސް ނޭނގެއެވެ.

އޭނާ ޔަޤީންކުރެއެވެ. ސުދާއަކީ އޭނާއަށް ހެޔޮއެދޭ، އޭނާދެކެ ލޯބިވާ އަންހެން ކުއްޖެކެވެ. ސުދާ އެއްވެސް ކަމެއްގައި އޭނާއަކަށް އޮޅުވައެއްނުލާނެއެވެ. މިހުރިހާ ދުވަސް ވަންދެން ސުދާ ކައިވެންޏެއް ނުކޮށް ހުރުމުގެ އަޞްލަކީ އޭނާދެކެ ސުދާވާ ލޯތްބެވެ. ލޯބިވަނީ ސުދާ އެކަންޏެއް ނޫނެވެ. ސުދާދެކެ އޭނާވެސް އިންތިހާއަށް ލޯބިވިއެވެ. މިހާރުވެސް ވޭމެއެވެ.

ސުދާއާއި އޭނާއާ ދެމެދުވާ ލޯބީގައި ކައިވެނީގެ ކުލަ ޖައްސަން އޭނާ ކިތަންމެހާވެސް ބޭނުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން