ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރު ހިންގާ ޕީއެންސީން އިދިކޮޅު އެމްޑީޕީގެ އަގުވައްޓާލުމަށް ފަށާފައިވާ ކެމްޕޭނަކީ، ސަރުކާރަށް އޮތް ތާއީދު ކުޑަވަމުންދާތީ ކުރަމުންދާ "މަރުފަލި" ޖެހުމެއްގެ ގޮތުގައި ސިޔާސީ މުހައްލިލުން ސިފަކުރަން ފަށައިފިއެވެ.

ރައްޔިތުންގެ މެދުގައި އެމްޑީޕީގެ މަގުބޫލުކަން އިތުރުވަމުންދާކަން ފާހަގަވާން ފެށުމާއެކު، ހަޤީޤަތާ ޚިލާފު ވާހަކަތައް ފެތުރުމަށް ސަރުކާރު ކޯލިޝަނުން އަތުކުރި އޮޅާލާފައިވާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

ޚާއްޞަކޮށް، ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތާރީޚު އޮޅުވާލުމަށް ޕީއެންސީން ކުރަމުންދާ މަސައްކަތްތަކަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ކައުންސިލްތަކަށް މާލީ ބާރުވެރިކަން ހޯދައިދިނީ ރައީސް މުޢިއްޒުގެ ސަރުކާރުން ކަމަށް ބުނެ މީސްމީޑިއާގައި ދައުރުކުރަމުންދާ ޕޯސްޓުތަކަކީ، ތާރީޚީ ހަގީގަތްތަކާ ސީދާ ޚިލާފު، ރައްޔިތުންނަށް އޮޅުވާލުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ވަނީ ފާހަގަވެފައެވެ. ރާއްޖޭގައި ކައުންސިލްތައް އުފައްދައި، އެ ތަންތަނަށް ޤާނޫނީ ބާރާއި ސީދާ ބަޖެޓް ދިނުމުގެ އަސްލު ބާނީއަކީ އެމްޑީޕީ ކަމަށްވާއިރު، މިފަދަ ހާމަކަން ބޮޑު ކަންކަން އޮޅުވާލަން އުޅުމަކީ ސަރުކާރުގެ ސިޔާސީ ނުކުޅެދުންތެރިކަން ހާމަވާ ކަމެއްގެ ގޮތުގައި މުހައްލިލުން ދެކެއެވެ.

މީގެ އިތުރުން، ސަރުކާރުގެ މިފަދަ "އެންޓި ކެމްޕޭން" ހަރަކާތްތަކުން ހާމަވަނީ، އިންތިޚާބާ ކުރިމަތިލާއިރު ސަރުކާރަށް އޮތް ބިރުވެރިކަމާއި އިތުބާރު ނެތް މިންވަރެވެ. ރަށްރަށުގެ ތަރައްޤީއަށްވުރެ ބޮޑަށް، ސިޔާސީ ވާދަވެރިންގެ އަގުވައްޓާލުމަށް އިސްކަންދޭ މިފަދަ ސިޔާސަތުތަކުގެ ސަބަބުން، ސަރުކާރަށް އޮތް އިތުބާރު އިތުރަށް ކުޑަވަމުންދާކަން ފާހަގަކުރެވެއެވެ. ހަޤީޤަތް އޮޅުވާލައިގެން ރައްޔިތުންގެ ތާއީދު ހޯދުމަށް ކުރާ މި މަސައްކަތްތަކުގެ ނަތީޖާ، ކުރިއަށް އޮތް އިންތިޚާބުގައި ސަރުކާރަށް ހިތްދަތި ގޮތަކަށް ފެނިގެންދާނެ ކަމަށް ގިނަ ބަޔަކު ލަފާކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު