އީރާނުގެ ތެހެރާން ޔުނިވަރސިޓީގެ ޕްރޮފެސަރު ޑރ. ފުއާދު އިޒާދީ ތުހުމަތު ކުރައްވާ ގޮތުގައި އެމެރިކާ އާއި އެ ގައުމުގެ ބައިވެރިންގެ ހަގީގީ މަގުސަދަކީ އީރާން ބައިބައިކޮށް، އެ ގައުމުގެ މުއްސަނދި ތެލާއި ގަހުގެ ވަސީލަތްތަކުގެ މައްޗަށް އަތްގަދަކުރުމެވެ.

ޑްރޮޕް ސައިޓް ނިއުސްގެ ޖެރެމީ ސީހިލްއާ ވާހަކަދައްކަވަމުން އިޒާދީ ވިދާޅުވީ، 1953 ވަނަ އަހަރު އީރާނަށް ގެނައި ބަޣާވާތް ކާމިޔާބުވި ނަމަވެސް، 2026 ވަނަ އަހަރު އެމެރިކާގެ ރޭވުންތައް ނާކާމިޔާބުވާނެ ކަމަށެވެ. އޭނާ ސިފަކުރެއްވި ގޮތުގައި އެމެރިކާއިން ބޭނުންވަނީ ލީބިޔާއަށް ހެދި ގޮތަށް އީރާން ރޫޅާލައި، ތެލުން މުއްސަނދި ދެކުނުގެ ސަރަހައްދުތައް ވަކިކޮށްލުމަށެވެ. އަދި ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުގެ މައްސަލަ މުޅިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އަތްމައްޗަށް ދޫކޮށްލާފައި ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައި އެމެރިކާއިން ދަނީ މެދުއިރުމައްޗަށް އިތުރު އަސްކަރީ ބާރުތައް ޖަމާކުރަމުންނެވެ. އޭގެ ތެރޭގައި އެފް-15 މަރުކާރުގެ ފައިޓަރު ޖެޓްތަކާއި ޔޫއެސްއެސް އަބްރަހަމް ލިންކަން މަތިންދާބޯޓު އުފުލާ މަނަވަރު ހިމެނެއެވެ.

ރައީސް ޓްރަމްޕް ދެއްވި އިންޒާރެއްގައި ވިދާޅުވީ، އޭނާ އަވަހާރަކޮށްލަން އީރާނުން މަސައްކަތް ކޮށްފިނަމަ، މުޅި އީރާން "ދުނިޔޭގެ ޗާޓުން ފޮހެލާނެ" ކަމަށެވެ. މީގެ ރައްދުގައި އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވިދާޅުވީ، އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީއަށް އަމާޒުކޮށްދޭ ކޮންމެ ހަމަލާއަކީ މުޅި ގައުމާ ދެކޮޅަށް ކުރެވޭ ފުރިހަމަ ހަނގުރާމައެއް ކަމަށެވެ.

މި މަހުގެ ކުރީކޮޅު އީރާނުގެ މަގުތަކުގައި ހިނގި ހަމަނުޖެހުންތަކާ މެދު ބައިނަލްއަގުވާމީ މުޖުތަމައުގައި ދަނީ ދެ ބަހެއް ބުނަމުންނެވެ. ހުޅަނގުގެ މީޑިއާތަކާއި ޖަމިއްޔާތަކުން ބުނާ ގޮތުގައި، ސަރުކާރުގެ އަނިޔާވެރިކަމާ ދެކޮޅަށް އާންމުން ކުރި މުޒާހަރާތަކުގައި 4,500 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. ނަމަވެސް އީރާން ސަރުކާރުން މި ތުހުމަތުތައް ދޮގުކުރެއެވެ. އީރާނުން ބުނާ ގޮތުގައި މި ހަމަނުޖެހުންތަކަކީ އެމެރިކާ އާއި އިސްރާއީލުން އަޑީގައި ތިބެގެން، ގައުމުގެ ހަމަޖެހުން ނަގާލުމަށް ހިންގި ޖާސޫސީ ރޭވުމެކެވެ.

އީރާނުގެ ހިސާބުތަކުން ދައްކާ ގޮތުގައި މަރުވީ 3,100 އެއްހާ މީހުން ކަމަށާއި، އޭގެ ތެރޭގައި ގިނައީ ހަނގުރާމަވެރިންގެ ހަމަލާތަކުގައި މަރުވި އާންމުންނާއި ސަލާމަތީ ބާރުތަކުގެ މީހުންނެވެ.

ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމުގެ ނަމުގައި އީރާން ސަރުކާރުން ވަނީ 12 ދުވަހަށް މުޅި ގައުމުން އިންޓަރނެޓްގެ ޚިދުމަތް ކަނޑާލާފައެވެ. ސަރުކާރުން ބުނަނީ މިއީ ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށް އެޅި ފިޔަވަޅެއް ކަމަށެވެ.

ނަމަވެސް އިދިކޮޅު ފަރާތްތަކުން ބުނަނީ މިއީ ސަރުކާރުން ހިންގި ލޭއޮހޮރުވުންތައް ފޮރުވުމަށްޓަކައި، ދުނިޔެއާ އޮތް ގުޅުން ކަނޑާލުމަށް ކުރި ކަމެއް ކަމަށެވެ. މިދިޔަ ޖޫން މަހު އެމެރިކާ އާއި އިސްރާއީލުން އީރާނުގެ ނިއުކްލިއަރ ވަސީލަތްތަކަށް އަމާޒުކޮށް 12 ދުވަސް ވަންދެން ދިން ބޮމުގެ ހަމަލާތަކަށްފަހު، އީރާނުގެ މަސްރަހު އަދިވެސް އޮތީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު