ރާއްޖޭގެ ޤައުމީ ފުޓްސަލްޓީމް
ރާއްޖޭގެ ޤައުމީ ފުޓްސަލްޓީމް
ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި މިއަދު މެންދުރު ކުޅުނު މެޗުގައި ނޭޕާލް ބަލިކޮށް ރާއްޖެއިން މުބާރާތުގެ ތަށި ހޯދުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފިއެވެ.

މިހާރު ތައިލެންޑުގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި، މިއަދު ކުޅުނު މެޗުގައި ނޭޕާލް އަތުން ރާއްޖެ މޮޅުވީ 2 ލަނޑު 1 ލަނޑުންނެވެ. ވާދަވެރި ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދިވެހިޓީމަށް ގޯލުތައް ކާމިޔާބު ކޮށްދިނީ، އަބްދުﷲ ޝާފިއު އާއި ކެޕްޓަން މުހައްމަދު އިމްރާނެވެ. ނޭޕާލްގެ ލަނޑު ޖަހައިދިނީ ބިކްރާތުު ނާސިންގ ރާނާއެވެ.

މި ނަތީޖާއާއެކު ރާއްޖެއަށް މިހާރު ވަނީ ކުޅުނު 4 މެޗުން 12 ޕޮއިންޓް ލިބިފައެވެ. ތާވަލުގެ 1 ވަނައިގައި ރާއްޖެ އޮތްއިރު ކުރިއަށް އޮތް ދެމެޗު އެއްވަރު ކޮށްލައިގެންވެސް ރާއްޖެއަށް މުބާރާތުގެ ޗެމްޕިއަންކަން ލިބޭނެއެވެ.

އެހެންނަމަވެސް މިއަދު ޕާކިސްތާނާއި ބަންގްލަދޭޝް ބައްދަލުކުރާ މެޗު އެއްވަރުވެއްޖެނަމަ ދިވެހިރާއްޖެއަށް ޗެމްޕިއަންކަން ޔަގީންވާނެވެ.

ރާއްޖޭން ވަނީ މުބާރާތުގައި މީގެކުރިން ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެވަނަ މެޗުގައި ބަންގްލަދޭޝް ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ. އަދި އިންޑިއާގެ މައްޗަށް ރާއްޖޭން ގަދަވެފައިވަނީ 5-0 ގެނަތީޖާއަކުންނެވެ.

މުބާރާތުގައި ދެން ރާއްޖެއަށް އޮންނާނީ ހޮނިހިރު ދުވަހު ބޫޓާން އާއި ބައްދަލުކުރާ މެޗެވެ. އަދި ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ.



ކިޔުންތެރިންގެ ހިޔާލު