އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން-
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން-
އިލެކްޝަންސް ކޮމިޝަން (އީސީ) ގައި ހުރި އެއްވެސް މަޢުލޫމާތެއް ހުއްދަ ނެތް ފަރާތަކަށް ބޭނުން ނުކުރެވޭނެ ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އީސީން މިހެން ބުނެފައި މިވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ފޯމު ހުށަހަޅާ އީސީގެ ޕޯޓަލަށް ވަދެ، އެ މައުލޫމާތުތައް ބެލުމުގެ ބާރު ވެރިކަންކުރާ ޕީއެންސީއަށް އޮންނަ ކަމަށް އިދިކޮޅު އެމްޑީޕީން ތުހުމަތުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މި ތުހުމަތުތައް ދޮގުކުރަމުން އީސީން ނެރުނު ބަޔާނުގައި ބުނީ އިންތިޚާބަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ލިޔުން އެ ކޮމިޝަނަށް ލިބޭތާ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި، އެ ހުށަހެޅުމާމެދު ނިންމި ގޮތެއް އަންގަންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. ނަމަވެސް، ކެންޑިޑޭޓަކަށް ވުމަށް އެދި ފޯމު ލިބެމުންދާ މިންވަރަކުން، ބަޔާންކޮށްފައިވާ މުއްދަތަށް ވުރެ ކުރިން ޖަވާބުދެމުންދާ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

އީސީން ބުނީ އެ ކޮމިޝަނުގައި ޤާއިމުކޮށްފައިވާ ނިޒާމުތަކުގައިވާ މަޢުލޫމާތުތަކަކީ ރައްކާތެރިކަމާއެކު، އެމަޢުލޫމާތު ބޭނުންކުރަންޖެހޭ ޙާލަތްތަކުގައި ހުއްދަލިބިފައިވާ ފަރާތްތަކަށް އެކަނި ބޭނުންކުރެވޭގޮތަށް ފަރުމާކުރެވިފައިވާ ނިޒާމެއްކަމަށެވެ.

އެހެންކަމުން އެ ކޮމިޝަނުން ދެމުންދާ ޚިދުމަތްތަކާ ގުޅޭގޮތުން ޢާންމު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް އެއްވެސް ފަރާތަކުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ނުފެތުރުމަށް އީސީން ވަނީ އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ތައްޔާރީތައް ވަމުންދާއިރު، ސިޔާސީ ޕާޓީތަކުންނާއި ކެންޑިޑޭޓުން ކޮމިޝަނުގެ ނިޒާމުތަކަށް އިތުބާރު ކުރުމަކީ އިންތިޚާބުގެ މިނިވަންކަމާއި އިންސާފުވެރިކަން ދެމެހެއްޓުމަށް މުހިންމު ކަމެއްކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު