ޗާގޯސް ޖަޒީރާތައް ނުވަތަ ފޯޅަވަހީގެ ސިޔާދަތީ ބެލެނިވެރިކަން ދިވެހިރާއްޖެއަށް ލިބުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ނަޝީދު މިފަދައިން ވިދާޅުވީ، ޗާގޯސްގެ މިލްކުވެރިކަން ހޯދުމަށް މޮރިޝަސްއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އެ ރަށްތައް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް އެހުން އެ ގައުމުގެ މަތިގެއިން ފަސްކޮށްފައިވާ ދަނޑިވަޅެއްގައެވެ. މިއީ ރާއްޖޭގެ ހައްގުތައް ހޯދުމަށް ލިބުނު އުންމީދެއްގެ ގޮތުގައި ނަޝީދު ވަނީ ސިފަކުރައްވާފައެވެ.

މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ދާދިފަހުން އިނގިރޭސިވިލާތުގެ "އެކްސްޕްރެސް" ނޫހަށް ދެއްވި ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވާފައެވެ. ރައީސް ދެއްކެވި ވާހަކަފުޅުގައި ވިދާޅުވި ގޮތުގައި، ޗާގޯސްގެ ސިޔާދަތީ ބާރު އެހެން އެއްވެސް ގައުމަކަށް ވުރެ ބޮޑަށް ލިބުން ހައްގީ ރާއްޖެއަށެވެ. އެ ސަރަހައްދާއި ރާއްޖެއާ ދެމެދު އޮތް ތާރީޚީ ގުޅުންތަކަށް ބަލާއިރު، އެއީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބެލެވޭނެ ގިނަ ހެކިތަކެއް ހުރިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިކަމާ ގުޅޭ ރަސްމީ މައުލޫމާތާއި ދިވެހި ސަރުކާރުގެ ކަންބޮޑުވުންތައް މިހާރު ވާނީ އިނގިރޭސި ސަރުކާރާ ހިއްސާކުރައްވާފައެވެ.

ޗާގޯސްގެ މައްސަލައަކީ ބައިނަލްއަގުވާމީ މައިދާނުގައި ބޮޑު ބަހުސަކަށް ވެފައިވާ މައްސަލައެކެވެ. މޮރިޝަސްއިން 2019 ވަނަ އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަށް ހުށަހެޅި މައްސަލަ އެ ގައުމާ އެއްކޮޅަށް ނިމި، އިނގިރޭސިން އެ ރަށްތައް ދޫކޮށްލުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، އިޓްލޮސްއިން ނިންމި ނިންމުމެއްގެ ސަބަބުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ މިހާރުގެ ސަރުކާރުން ދަނީ އެކަން އިސްތިއުނާފު ކުރުމުގެ މަސައްކަތް ކުރަމުންނެވެ.

ރައީސް މުޢިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ، ނިމިދިޔަ ސަރުކާރުން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ދޫކޮށްލާފައިވަނީ ގާނޫނާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ ލަފައެއް ނުވަތަ ބަހެއް ނެތި ކަމަށެވެ. މި މައްސަލަ ދިރާސާކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު އަނބުރާ ހޯދުމަށްޓަކައި ކުރީގެ ބަންޑާރަނައިބު މުޙައްމަދު އަނިލް އިސްކޮށް ހުންނަވާ ޚާއްސަ ކޮމިޓީއެއް މިހާރު ވަނީ އެކުލަވައިލާފައެވެ. ޗާގޯސްގެ ރަށްތަކަކީ 1965 އިން ފެށިގެން އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ތަނެއް ނަމަވެސް، އެތަނުގެ މިލްކުވެރިކަމުގެ މައްސަލަ އަދިވެސް އޮތީ ނުނިމި ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު