އެމްޕީއެލް ބަނދަރު
އެމްޕީއެލް ބަނދަރު
މާލޭ މައި ވިޔަފާރި ބަނދަރަށް އަންނަ މުދާ އުފުލާ ބޯޓުފަހަރަށް ދެމުންދާ ކްލިއަރެންސް އަދި ޕައިލޮޓޭޖްގެ ޚިދުމަތްތައް، މެދުނުކެނޑި 24 ގަޑިއިރު ލިބޭނެ އިންތިޒާމު މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން މިއަދު ހަމަޖައްސައިފިއެވެ.

ކުރިން ޢަމަލުކުރަމުން ދިޔަ އުޞޫލުގެ ދަށުން، މެންދަމު 12 އިން ހެނދުނު 6 އަށް މާލޭ ބަނދަރަށް އަންނަ ބޯޓުފަހަރު ބަނދަރަށް ވަނުމަށްޓަކައި ހެނދުނު ވަންދެން ބޭރުގައި މަޑުކުރަން ޖެހެއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، މި ބަދަލުގެ ދަށުން ޕައިލޮޓޭޖްގެ ޚިދުމަތާއި، ސެކިއުރިޓީ ބެލެހެއްޓުމާއި، އަދި އައިއެސްޕީއެސް ކްލިއަރެންސްގެ ޚިދުމަތްތައްވެސް ދެން މެދުނުކެނޑި 24 ގަޑިއިރު ލިބެން ހުންނާނެ ކަމަށެވެ. މިއީ ރާއްޖެއަށް އަންނަ ބޯޓުފަހަރުގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުންދާތީ، ބަނދަރުގެ ހިންގުން ހަރުދަނާކޮށް، ވިޔަފާރިވެރިންނަށް ލުއިފަސޭހަ ކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

މި ބަދަލުގެ ސަބަބުން ޕައިލޮޓް ބޯޓަށް އަރާ ސަރަހައްދުގައި ބޯޓުފަހަރު މަޑުކުރަންޖެހޭ ވަގުތު ކުޑަވާނެ ކަމަށާއި، ބޯޓު ފަހަރު ދުއްވާ ފަރާތްތަކުގެ އޮޕަރޭޝަނަލް ޚަރަދުތައް ކުޑަކުރެވި، ވަގުތު ސަލާމަތްވެ، ރާއްޖޭގެ ވިޔަފާރީގެ ހިންގުން އިތުރަށް ހަލުވިވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފައެވެ.

އޭގެއިތުރުން މިނިސްޓްރީން ބުނީ، މާލޭ ވިޔަފާރި ބަނދަރަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ، ޒަމާނީ ކަނޑުގެ ދަތުރުފަތުރުގެ މަރުކަޒަކަށް ހެދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު