ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއް، ފޮޓޯ: އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގި އޮޕަރޭޝަނެއް، ފޮޓޯ: އިމިގްރޭޝަން
ޤާނޫނާ ގަވާއިދުތަކާ ހިލާފަށް މަގުމަތީގައި އުޅޭ ބިދޭސީންގެ މައްޗަށް ޓްރެފިކް ޤާނޫނު ނުހިނގާކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

މިއަދު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މާލޭގެ "އޯކިޑު" މަގުގެ ފޮޓޯއެއް ހިއްސާކުރުމަށްފަހު، މޫސަ ވަނީ ރަސްމީ ގަޑީގައި މަގުމަތީގައި ބިދޭސީން އުޅެމުންދާ ގޮތާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ފޮޓޯ ހިއްސާކުރެއްވުމަށްފަހު މޫސާ ވަނީ ބިދޭސީންގެ މައްޗަށް ޓްރެފިކް ޤާނޫނު ނުހިނގާ ކަމަށް ވިދާޅުވެފައެެވެ.

"މި މީހުންނަށް އަމުރު ކުރާނެ ޓްރެފިކް ޕޮލިހުންނެއް ނުތިބޭތޯ؟ މިވެރިންނަށް މަގުމަތި ހިތަކަށް." މޫސާ ވިދާޅުވިއެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީ ނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް މީގެކުރިން މާބޮޑެތި މަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ.

ނަމަވެސް މި ސަރުކާރުން ވަނީ ކުރަނގިނަމުގައި ހާއްސަ އޮޕަރޭޝަނެއް ހިންގައި ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދައި، އެމީހުން ކުރާ ވިޔަފާރިތައް ހުއްޓުވައި، އެފަދަ ފަރާތްތައް އަނބުރާ އެމީހުންގެ ޤައުމުތަކަށް ފޮނުވާލުމުގެ މަސައްކަތް ފަށާފަައެވެ. އަދި ހަމައެއާއެކު ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމަށްވެސް މިހާރު ވަނީ ފަށާފައެވެ.

ސަރުކާރުން ހިންގަމުންދާ ކުރަނގި އޮޕަރޭޝަންގެ ދަށުން މިހާތަނަށް 202،000 މީހެއްގެ މަޢުލޫމާތު ހޯދައި އެއްކުރެވިފައިވާއިރު، ޤަވާއިދާ ޚިލާފަށް އުޅޭ މީހުންގެ ތެރެއިން 9،697 މީހުން މިހާތަނަށްވަނީ ޑީޕޯޓުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު