ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު
ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު
އެމެރިކާގެ މަހުޖަނު، އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެ ކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށްގެން ނުފޫޒުގަދަ މީހުންނަށް "ސެކްސް ޓްރެފިކް" ކުރި ޖެފްރީ އެޕްސްޓީނަށް، ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު ރާއްޖެއާ ގުޅުންހުރި ވަރަށް ތަފްސީލު އަދި ހައްސާސް މައުލޫމާތުތަކެއް ޙިއްސާކުރެއްވިކަން ހާމަވެއްޖެއެވެ.

މީސް މީޑިއާ ގައިވެސް ވަރަށް ބޮޑަށް މިހާރު ވައިރަލްވެފައިވާ މި އީމެއިލްތަކަކީ އެމެރިކާ ޕާލަމެންޓްގެ ތިރިގެ، ކޮންގްރެސްގެ "ހައުސް އިންސައިޓް ކޮމިޓީ" އިން އާއްމުކުރި 20،000 ފައިލްގެ ތެރޭގައި ހިމެނޭ މައުލޫމާތުތަކެވެ.

މި މެއިލްތަކުން ހާމަވެފައިވާ ގޮތުގައި، ޑރ. ވަޙީދާއި އެޕްސްޓީންގެ ގުޅުން 2012 އިން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ދެމިގެންގޮސްފައިވެއެވެ. މިއީ 2008 ވަނަ އަހަރު ޖިންސީ ކުށުގެ ތުހުމަތުގައި އެޕްސްޓީން ޖަލަށްލައި، ދޫކޮށްލި ފަހުން އޮތް ގުޅުމެއްކަން ފާހަގަކުރެވެއެވެ.

ޓުއަރިޒަމް މަޝްރޫޢުތަކާއި ވިޔަފާރީގެ މުއާމަލާތްތައް

ދައުރުވަމުންދާ މެއިލްތަކުގެ ތެރޭގައި ރާއްޖޭގެ ޓުއަރިޒަމް މަޝްރޫޢުތަކާ ގުޅޭ މައުލޫމާތުތައް ހިމެނެއެވެ. އެގޮތުން އިންނަހެރާ ޕްރޮޖެކްޓަކީ ވަރަށް ބޮޑު މަޝްރޫޢެއް ކަމަށާއި، އެކަމުގައި އެޕްސްޓީނަށް ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރަން ބޭނުންވާކަމަށް ވަޙީދު ވިދާޅުވެފައިވެއެވެ. އިންނަހެރާ ޕްރޮޖެކްޓަށް ސިންގަޕޫރު ކުންފުންޏަކުން ހުށަހެޅުމެއް އޮތް ނަމަވެސް، އެމީހުން ދޭން އެއްބަސްވަނީ ލޯކަލް ކުންފުންޏަށް އެންމެ 10 އިންސައްތަ ކަމަށްވާތީ، އެޕްސްޓީން ރާއްޖެ އައިސް އެކަމަށް އިތުރު ގޮތްތަކެއް ހޯދުމަށްވެސް ވަޙީދު ވަނީ ހުށަހަޅުއްވާފައެވެ.

މީގެ އިތުރުން ފުއްގިރި ތަރައްޤީކުރަން ބޭނުންވަނީ ވީއައިޕީންނަށް ޚާއްޞަކޮށްގެން ކަމަށާއި، އެޕްސްޓީން މެދުވެރިކޮށް މެދުއިރުމައްޗާއި ރަޝިއާގެ ކްލައިންޓުން ހޯދައިގެން އެ ރަށް ލޯކަލީ މެނޭޖުކުރެވޭނެ ކަމަށް ވަޙީދު ވިދާޅުވެފައިވެއެވެ.

ސިޔާސީ ކަންކަމާއި ކުރީގެ ވެރިންނަށް ބަދުބަސް ވިދާޅުވުން

ޑރ. ވަޙީދު ވަނީ އެމަނިކުފާނު ނައިބު ރައީސްކަމާއި ރައީސްކަން ކުރެއްވި ފަސް އަހަރުގެ ތަޖުރިބާގެ މައްޗަށް އިނގިރޭސި ބަހުން ފޮތެއް ނެރުމަށް ބޭނުންވާ ފަންޑު ހޯދުމަށް ނުވަތަ އެމެރިކާގެ ޕަބްލިޝަރަކު ހޯދައިދިނުމަށް އެޕްސްޓީންގެ ކިބައިން އެދިވަޑައިގެންފައެވެ.

ސިޔާސީ ގޮތުން ކުރެއްވި މެއިލްތަކުގައި، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އިންޑިއާއިން ނުފޫޒު ފޯރުވާ ކަމަށް ވިދާޅުވެފައިވެއެވެ. 2013 ގެ އިންތިޚާބީ ކެމްޕެއިން ސްޓްރެޓެޖީ ކަނޑައެޅުމުގައިވެސް ވަޙީދު ވަނީ އެޕްސްޓީންގެ އިރުޝާދު ހޯއްދަވާފައެވެ. އަދި ރިޔާސީ އިންތިހާބަށް ކެމްޕެއިނަށް އެހީތެރިކަން ދޭނެ މޮޅު މީހުން ހޯދައިދޭން ވެސް އެޕްސްޓީން އެހީތެރިވިކަން އީމެއިލްތަކުން އެނގެއެވެ. އެގޮތުން ވަހީދުގެ ކެމްޕެއިން ޓީމު އިންތިޒާމުކުރުވަން ސްވިޑެންގެ ޑިޕްލޮމޭޓަކު ގެންނަން އެޕްސްޓީން ހުށަހެޅި އެވެ. އަދި ހުށަހެޅި މާހިރަކީ އޭނާގެ އެކުވެރިއެއް ކަން ވެސް އެޕްސްޓީންގެ މެއިލް އިން އެނގެއެވެ.

އަދި ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމަށް އިންތިޚާބުގައި "ރަނގަޅު ފިލާވަޅެއް" ދޭނެ ކަމަށާއި، މައުމޫން ޖެހޭނީ ރިޓަޔާ ކުރައްވައިގެން ދުރުގައި ހުންނަވަން ކަމަށް ވަޙީދު ލިޔުއްވާފައިވެއެވެ. މީގެ އިތުރުން 2018 ގައި ރައީސް ޔާމީނަށް އިންތިޚާބު ކާމިޔާބު ނުވާނެ ކަމަށާއި، ރައީސް ނަޝީދު ޖަލުން ސަލާމަތްވާނެ ކަމަށް ނުބެލެވޭ ކަމަށްވެސް އެއް މެއިލްގައި ވިދާޅުވެފައިވެއެވެ.

އދ. ގެ އާއްމު މަޖިލީހުގެ ޖަލްސާގައި ތަގުރީރު ކުރައްވަން، 2012 ވަނަ އަހަރު ވަހީދު އެމެރިކާގެ ނިއު ޔޯކަށް ކުރެއްވި ދަތުރުފުޅުގައި އެޕްސްޓީންއާ ސީދާ ބައްދަލުކުރެއްވި ކަންވެސް އީމެއިލްތަކުން ހާމަވެއެވެ.

މާލީ ކަންކަމާއި އިޤްތިޞާދީ މަޢުލޫމާތު ޙިއްސާކުރުން

އެޕްސްޓީންގެ އިރުޝާދު ހޯއްދެވި އެއްކަމަކީ ރާއްޖޭގެ އިގުތިސާދަށް ބޮޑު ލޮޅުމެއް އަރާފާނެ ގޮތަކަށް، އޭރުގެ ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ހުށަހެޅުއްވި ހަތަރު ބިލިއަން ޑޮލަރު އެކުލެވޭ ޕްރޮޕޯސަލެއްގެ ކަންތަކެވެ.

އެގޮތުން 2013 ވަނަ އަހަރު ޖެނުއަރީ މަހު އެޕްސްޓީންއަށް ފޮނުއްވި މެއިލްގައި ވަހީދު އިރުޝާދު ހޯއްދެވީ އެ މަނިކުފާނުގެ ފިނޭންސް މިނިސްޓަރު، ޝައްކު އުފެދޭ ގޮތަކަށް ހުށަހެޅުއްވި ހަތަރު ބިލިއަން ޑޮލަރުގެ މާލީ ޕްރޮޕޯސަލަކާ މެދު އަމަލުު ކުރައްވަންވީ ގޮތަކާ ބެހޭ ގޮތުންނެވެ. ރާއްޖޭގެ ކްރެޑިޓް ރޭޓިން ވެސް ނެތިފައި ދަރަނި އެހާ ބޮޑުކޮށް އޮއްވައި އެހާ ގިނަ ފައިސާ ޖަމާކުރަން އެއްވެސް މީހަކު ބޭނުންވާންވީ ކީއްވެތޯ ވެސް އެ މެއިލްގައި ވަހީދު އެޕްސްޓީންއާ ސުވާލުކުރައްވާފައި އޮތެވެ.

އޭގެ ޖަވާބުގައި އެޕްސްޓީން ވަނީ އެއީ ސްކޭމް މުއާމަލާތެއް ކަމަށާއި، އޭގައި ކުރިއަށް ދާނަމަ ސްކޭމަރުން ދެން ކަންތައް ކުރާނެ ގޮތް ވެސް ކިޔައިދީފައެވެ.

"އެއީ ސްކޭމެއް. އެމީހުން ތިޔަ ބޭފުޅުން ގާތު ދެން ބުނާނެ ވާހަކަ އަކީ އެ މީހުން ބޭނުންވަނީ ހަމަ އެކަނި އެކައުންޓަކާއި ވެހިކަލެއް [އިންވެސްޓްކުރާނެ ވަސީލަތެއް] ހަމަޖައްސަން ކަމަށް. އެއީ އެކަން ކުރުމުގައި ރިސްކެއް ނެތް ކަމެއް ކަމަށް،" ވަހީދަށް އިރުޝާދު ދެމުން އެޕްސްޓީން ބުނެފައި ވެއެވެ.

މި ފައިސާ ގެނައުމަށް ބޭނުންކުރާނެ ވަސީލަތެއްގެ ގޮތުގައި، އެ މެއިލްތަކުގައި ބުނެފައިވަނީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ ކޮންސްޓްރަކްޝަން ކުންފުންޏެއް އުފެއްދުމެވެ. އެ މައްސަލައިގައި ފިނޭންސް މިނިސްޓަރުގެ ކަންތައް ހަމަަޖައްސަން އެޕްސްޓީން ދިން އިރުޝާދުގައި ބުނީ އެ ޕްރޮޕޯސަލްއާ ބެހޭ ތަފްސީލު ދޭން ފިނޭންސް މިނިސްޓަރަށް އެންގެވުމަށެވެ.

"ޝުކުރިއްޔާ. ތިޔައީ އަހަރެން ސަލާމަތްކުރާ މީހާ، ހަމަ ސީދާ ތިޔަ ބުނި ގޮތަށް ކަންތައް ކުރާނަން،" އެޕްސްޓީންގެ އިރުޝާދަށް ޖަވާބު ދެއްވަން ފޮނުއްވި މެއިލްގައި ވަހީދު ވިދާޅުވައި އޮތެވެ.

ނަމަވެސް، މި ހުރިހާ ތުހުމަތުތަކާއި އާންމުވެފައިވާ މެއިލްތަކާ ގުޅޭގޮތުން ޑރ. ވަޙީދު މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

އެމެރިކާ އާއި އެކި ގައުމުތަކުގެ ސިޔާސީ ބާރުވެރި ފަރާތްތަކާއި ސެލެބްރިޓީންނާ ގާތް ގުޅުމެއް އޮތް މުއްސަނދި ފައިނޭންސަރު އެޕްސްޓީން އެންމެ ފުރަތަމަ ހައްޔަރު ކުރީ 2005 ވަނަ އަހަރުއެވެ. އޭނާ ހައްޔަރުކުރީ އެތައް ސަތޭކަ ކުދިންނަކަށް ޖިންސީ އަނިޔާތައް ދީ ބްލެކްމެއިލް ކުރުމުގެ އަމަލުތައް ހިންގަމުންދިޔަކަމުގެ ތުހުމަތުގައެވެ.

އެފަހުން ދޫކޮށްލާފައި ހުރުމަށް ފަހު އަނެއްކާވެސް 2019 ވަނަ އަހަރު ހައްޔަރުކުރުމަށްފަހު މައްޗަށް އުފުލި ދައުވާތަކަށް އިއުތިރާފުވުމުން ވަނީ ޖަލަށްލާފައެވެ. އަދި ޖަލަށްލިތާ މަހެއްހާ ދުވަސް ފަހުން އެ އަހަރުގެ އޯގަސްޓް މަހުގެ 10 ވަނަ ދުވަހު އޭނާ ޖަލުގައި މަރުވެފައި އޮއްވާ ވަނީ ފެނިފައެވެ.



ކިޔުންތެރިންގެ ހިޔާލު