ޕެންޝަން އޮފީހުން ކުރިޔަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ ސެޝަނެއްގެ ތެރެއިން
ޕެންޝަން އޮފީހުން ކުރިޔަށް ގެންދިޔަ މަޢުލޫމާތު ދިނުމުގެ ސެޝަނެއްގެ ތެރެއިން
ދައުލަތުގެ މާލީ ވުޒާރާގެ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއްގައި އިންވެސްޓު ކުރުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑުން އިއްޔެ ނިންމައިފިއެވެ.

މި ނިންމުމާ ގުޅޭގޮތުން ޕެންޝަން އޮފީހުން ރަސްމީކޮށް އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް، ރާއްޖޭގެ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕެންޝަން ބޯޑުން މި އިންވެސްޓްމަންޓަށް ރުހުން ދީފައިވަނީ އެ އޮފީހުގެ ބޯޑަށް އިއްޔެ ވަގުތީ ޗެއާޕާސަނެއް އައްޔަން ކުރުމަށް ފަހުގައެވެ.

ޕެންޝަން އޮފީހުގެ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާއިރު، މި ވަގުތު ވަގުތީ ގޮތުން ޗެއާގެ މަގާމުގައި ހުންނެވީ ކޮން ބޭފުޅެއްކަން އަދި ސާފެއް ނުވެއެވެ.

މި މުޢާމަލާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މަރުކަޒީ ބޭންކް (އެމްއެމްއޭ) މެދުވެރިކޮށް 2.4 ބިލިއަން ރުފިޔާ ހޯދައިގެންނެވެ. ސަރުކާރުން ބޭނުންވަނީ ދައުލަތުގެ ޚަރަދުތަކަށް ފައިސާ ހޯދުމުގެ ގޮތުން، ޕެންޝަން ފަންޑުން މީގެ ކުރިން ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ޓީބިލް އެމްއެމްއޭއަށް ވިއްކާލުމަށް ފަހު، އެ ފައިސާ ބޭނުންކޮށްގެން އަނެއްކާވެސް ސަރުކާރުގެ އާ ބޮންޑެއް ގަތުމަށެވެ.

ޕެންޝަން ފަންޑުގައި މިވަގުތު އެ މިންވަރަށް ނަގުދު ފައިސާ ނެތްކަމަށް ވެއެވެ.

މިކަމާ ގުޅޭގޮތުން ޕެންޝަން ބޯޑުގެ ކުރީގެ މެންބަރު އަދި ފިނޭންސް މިނިސްޓްރީގެ ކުރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް އަޙްމަދު ސަރުވަޝް މީގެ ކުރިން ވިދާޅުވެފައިވަނީ، އެމްއެމްއޭ މެދުވެރިކޮށް މި ފައިސާ ހޯދައިގެން މިފަދަ އިންވެސްޓްމަންޓެއް ކުރާނަމަ، އެކަން ކުރެވޭނީ ފައިސާ ޗާޕުކޮށްގެން ކަމަށެވެ.

އަދި މިމުޢާމަލާތާމެތު ހިތްހަމަ ނުޖެހިގެން ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަޙްމަދު ސަރުވަޝް އާދަމާއި، އެ އޮފީހުގެ ސީ.އެފް.އޯ ޙައްވާ ފަޖުވާ މިދިޔަ އަހަރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އިއްޔެ އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަޙްމަދު އީނާޒް ވެސް ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު