ރައީސް މުޢިއްޒުއާއި ކުރީގެ ރައީސް ވަހީދު-
ރައީސް މުޢިއްޒުއާއި ކުރީގެ ރައީސް ވަހީދު-
ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެންވޯއިގެ މަޤާމުގައި ހުންނެވި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މިއަދު އެ މަޤާމުން އިސްތިޢުފާ ދެއްވައިފިއެވެ.

ރައީސް އޮފީހުން ބުނީ ޑރ. ވަޙީދު މަޤާމުން އިސްތިޢުފާ ދެއްވިކަން އަންގައި، އެމަނިކުފާނުގެ އިސްތިޢުފާގެ ސިޓީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ފޮނުއްވާފައި ވާކަމަށެވެ.

މަޤާމުން އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނެއްގައި ރައީސް ވަޙީދު ވިދާޅުވީ، އެމެރިކާގެ ބިލިއަނަރު ޖެފްރީ އެޕްސްޓީންއާއި ގުޅުވައި ކުރެވޭ ދޮގު ތުހުމަތުތަކުގެ ސަބަބުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައި، އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރެއްވީ ޤައުމުގެ ހަމަޖެހުމާއި، ސިޔާސީ ގޮތުން އެންމެން ބައިވެރިވުމާއި، ޤާނޫނީ އިސްތިޤުލާލު ދެމެހެއްޓެވުމަށް ކަމަށެވެ.

އަދި ރާއްޖެއާއި ބައިނަލްއަޤުވާމީ ދާއިރާގައި މަސައްކަތް ކުރެއްވިއިރު، މަސްއޫލިއްޔަތު އަދާކުރެއްވުމަށްޓަކައި އެކި ދާއިރާތަކުގެ ފާހަގަކޮށްލެވޭ ބޭފުޅުންނާ ބައްދަލުކުރައްވާފައިވާނެ ކަމަށްވެސް ވަހީދު ވިދާޅުވިއެވެ.

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ދެކެވޭ ވާހަކަތަކަށް އިޝާރާތް ކުރައްވައި ރައީސް ވަޙީދު ވިދާޅުވީ، އެފަރާތާ އެއްވެސް ގޮތަކުން ގުޅުމެއް އޮތުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށެވެ. އަދި އެޕްސްޓީނަކީ އެފަދަ ނުބައި ސިފަތަކެއް ހުރި މީހެއްކަން އެނގިވަޑައިގަތް ނަމަ، އެއްވެސް ސިފައެއްގައި ނުވަތަ އެއްވެސް ގޮތަކުން އޭނާއާ އެއްވެސް ގުޅުމެއް ނުބޭއްވީސް ކަމަށްވެސް ވަހީދު ވަނީ ވިދާޅުވެފައެވެ.

ވަހީދު ވިދާޅުވީ މަޤާމުގައި ހުންނެވި ދުވަސްވަރު ނުވަތަ ރައީސްކަމުގެ ދައުރަށްފަހުވެސް، އެއްވެސް ގޯސް ކަމެއް ކުރައްވާފައި ނުވާނެ ކަމަށެވެ.

އެހެންނަމަވެސް ނަމަވެސް، އެޕްސްޓީންއާ އެކު ބޭއްވޭ އެންމެ އާދައިގެ ގުޅުމަކީވެސް މިހާރު މުޖުތަމައު ބަލައިގަންނަ ކަމަކަށް ނުވާތީއާއި، މިހާރުގެ މަސްއޫލިއްޔަތުތައް އެންމެ އެދެވޭ ގޮތެއްގައި ކުރިއަށް ނުގެންދެވޭނެތީ، ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބުގެ މަޤާމުން އިސްތިއުފާ ދެއްވަން ނިންމެވީ ކަމަށް ވަހީދު ވަނީ ވިދާޅުވެފައެވެ.

ވަޙީދު މިހެން ވިދާޅުވެފައިވާއިރު، އެމެރިކާގެ މަހުޖަނު، އަދި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށް އެ ކުދިންގެ ބަރަހަނާ މަންޒަރު ވީޑިއޯކޮށްގެން ނުފޫޒުގަދަ މީހުންނަށް "ސެކްސް ޓްރެފިކް" ކުރި ޖެފްރީ އެޕްސްޓީނަށް، ރާއްޖޭގެ ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކު 2012 އިން ފެށިގެން 2015 ވަނަ އަހަރާ ހަމައަށް ރާއްޖެއާ ގުޅުންހުރި ވަރަށް ތަފްސީލު އަދި ހައްސާސް މައުލޫމާތުތަކެއް ޙިއްސާކުރެއްވިކަން ވަނީ ހާމަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު