ކުރީގެ މިނިސްޓަރ ޒިޔާދު (ކ). ބަންޑާރަނާއިބު ރިއްފަތު (މ). އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު (ވ)
ކުރީގެ މިނިސްޓަރ ޒިޔާދު (ކ). ބަންޑާރަނާއިބު ރިއްފަތު (މ). އިސްލާމިކް މިނިސްޓަރ އަޙްމަދު ޒާހިރު (ވ)
ޒިކުރާ މިސްކިތް ހުރި ބިމުގައި 10 ބުރީގެ އިމާރާތެއް އެޅުމަށް، އިސްލާމިކް މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަނާ ދެމެދު ސޮއި ކުރި އެއްބަސްވުން އުވާލީ ބަންޑާރަނައިބު ދެއްވި ލަފަޔާ ހިލާފަށް ކަމަށް ބުނާ ސިޓީއެއް ސޯޝަލް މީޑިއާގައި ޢާއްމު ވެއްޖެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ސޮއި ކުރި އެ އެއްބަސްވުމުގައި ބޮޑެތި މައްސަލަތައް ހުރި ކަމަށް ބުނެ، އެއްބަސްވުން އުވާލުމާއި ގުޅޭގޮތުން މި ސަރުކާރުގެ އިސްލާމިކް މިނިސްޓްރީން އޭޖީގެ ލަފަޔަކަށް އެދުމުން، މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެކަމާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީ އަށް ވަނީ ލަފާދީފައި ކަމަށް އެސިޓީން ހާމަވެއެވެ.

އޭޖީ އޮފީހުން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ލަފާގައި ފަސް ކަމެއް ފާހަގަ ކޮށްފައި ވާއިރު، ފުރަތަމަ ކަމަކަށް އޮތީ އެ ޕްރޮޖެކްޓް އެސްޖޭ ކޮންސްޓްރަކްޝަނަށް ހަވާލުކުރީ މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިޖުރާއާތުތަކާއި އެއްގޮތަށް ކަން އެނގެން އޮތް ކަމަށެވެ.

އޭގެ އިތުރުން އެ އެއްބަސްވުމުގެ ދަށުން، އެއްބަސްވުމަށް އަމަލުކުރަން ފަށާތާ 30 ދުވަހުގެ ތެރޭގައި ކޮންޓްރެކްޓަރު ހުށަހަޅަންޖެހޭ ކުރެހުންތައް، އެކަމާއި ގުޅޭގޮތުން ލަފަޔަކަށް އެދި އިސްލާމިކް މިނިސްޓްރީން އޭޖީގައި އެދުނު އިރު ވެސް ހުށަހަޅާފައި ނުވާ ކަމަށް ބުނެފައިވާ ކަން ފާހަގަ ކޮށްފައި ވެއެވެ. އަދި އެއްބަސްވާ ކަމެއް ފުރިހަމަ ނުވާނަމަ ނުވަތަ މައްސަލައެއް ފެންމަތިވެއްޖެ ނަމަ ދެ ފަރާތުން މަޝްވަރާ ކޮށްގެން، 30 ދުވަހުގެ ތެރޭގައި މައްސަލަ ހައްލު ކުރުން ނުވަތަ އެއަށް ފަހު ކޯޓަށް ހުށަހެޅިދާނެކަމަށް، އެ އެއްބަސްވުމުގައި ބަޔާންކުރާކަން އޭޖީ އޮފީހުން ފާހަގަ ކޮށްފައިވެއެވެ.

އޭޖީ އޮފީހުން ދިން ލަފާގައި ވަނީ އެއްބަސްވުން ބާތިލް ކުރުމުގެ ކުރިން މަސައްކަތް ހަވާލުކޮށްފައިވާ ފަރާތާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން 30 ދުވަހަށް މަސައްކަތް ކުރުން ރަނގަޅު ކަމަށެވެ.

މާލޭގެ މަޖީދީ މަގާއި އިން ވެގެން އޮންނަ ޒިކުރާ މިސްކިތުގެ 7،000 އަކަފޫޓުގެ ބިން، ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ތަރައްގީ ކުރުމަށް އެސްޖޭ އާއި އިސްލާމިކް މިނިސްޓްރީ އާ ދެމެދު، ހަދާފައިވާ އެއްބަސްވުމުގައި ސޮއި ކުރީ ޖުލައި 9، 2018 ގައެވެ. އަދި އާ ވެރިކަމަށް ގާތްގަނޑަކަށް މަހެއްހާ ދުވަސް ތެރޭގައި އެ އެއްބަސްވުން ބާތިލް ކުރަން އިސްލާމިކް މިނިސްޓްރީން އޭޖީގެ ލަފަޔަކަށް އެދުނީ ޑިސެންބަރު 23، 2018ގަ އެވެ.

ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންތަށް ކޮށްފައި ވާތީ ކުރީގެ އިސްލާމިކް މިނިސްޓަރު، ޑރ އަހުމަދު ޒިޔާދު (ހަލަވެލި، ބ.އޭދަފުށި) ގެ މައްޗަށް ދައުވާ ކުރަން ކޯޓަށް ފޮނުވާފައިވަނީ މިދިޔަ މަހުގެ 27 ވަނަ ދުވަހުއެވެ. ޑރ. ޒިޔާދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ 1 އަހަރާއި 7 މަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ޒިޔާދުގެ އިތުރުން އެ މައްސަލައިގައި އިސްލާމިކް މިނިސްޓްރީގެ ކުރީގެ އެންޑޯމަންޓް ސެކްޝަންގެ ވެރިއަކަށް ހުރި، އިބްރާހިމް އަބްދުﷲ ސައީދު ގެ މައްޗަށްވެސް ވަނީ ދައުވާ އުފުލާފައެވެ. އޭނާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއެވެ. ސައީދުގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެ ނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން