މަރްޔަމް ނަހްދާ ވަޙީދު   5 ފެބްރުއަރީ 2026 - 4:52
އޮރެނއޖު ތޮށި-
އޮރެނއޖު ތޮށި-
އޮރެންޖަކީ އެއިންދޭ މީރު ރަހައާއި، ސިއްހީ ގިނަ ފައިދާތަކެއްގެ ސަބަބުން ދިވެހިންގެ މެދުގައި ވަރަށް މަގުބޫލު މޭވާއެކެވެ. އާންމުގޮތެއްގައި އަޅުގަނޑުމެން އޮރެންޖު ކެއުމަށްފަހު، އޭގެ ތޮށި އެއީ ބޭނުމެއް ނެތް އެއްޗެއް ކަމަށް ބަލައި އުކާލަނީއެވެ. ނަމަވެސް، މިއީ ކުރެވޭ ވަރަށް ބޮޑު ކުށްހީއެކެވެ. އޮރެންޖަށް ވުރެ، އޭގެ ތޮށީގައިވާ ފައިދާތައް މާ ގިނައެވެ. މިފަހަރު މި ހިމަނާލަނީ އޮރެންޖު ތޮށިން ލިބޭ ބައެއް ފައިދާތަަކަށެވެ.

އޮރެންޖު ތޮށީގައި ގިނަ އަދަދަކަށް ވިޓަމިން ސީ އާއި ފައިބަރު އެކުލެވިގެންވެއެވެ. މީގެ އިތުރުން، އޭގައި ގިނަ އަދަދަކަށް ފްލޭވޮނޮއިޑްސް ވެސް ހިމެނެއެވެ. މި މާއްދާތަކަކީ ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށްދީ، ބަލިތަކުން މީހާ ދުރުކޮށްދޭ މާއްދާއެކެވެ.

އޮރެންޖު ތޮށީގައި ހިމެނޭ އެންޓި-އޮކްސިޑެންޓްތަކުގެ ސަބަބުން ހަންގަނޑުގައި ހުންނަ ކަޅުލައްތައް ފިލުވައިދީ، ހަންގަނޑު އުޖާލާކޮށްދެއެވެ. ތޮށި ހިއްކުމަށްފަހު މުގުރައިގެން ތައްޔާރުކުރާ ފޭސްޕެކް ބޭނުންކުރުމަކީ މޫނުގައި ބިހި ނެގުން ހުއްޓުވައިދޭ ކަމެކެވެ.

އޮރެންޖު ތޮށީގައި ހުންނަ ނެޗުރަލް އޮއިލްތަކުގެ ސަބަބުން ބަނޑު ފުއްޕުމާއި، ގޭސްވުން ފަދަ މައްސަލަތަކަށް ހައްލު ލިބެއެވެ. މީގެ އިތުރުން މިއީ މެޓަބޮލިޒަމް ރަނގަޅުކޮށްދީ، މީހާގެ ބަރުދަން ލުއިކުރުމަށްވެސް އެހީވެދޭ އެއްޗެކެވެ.

ކެއުމުގެ އިތުރުން، އޮރެންޖު ތޮށީގެ ވަހަކީވެސް ގިނަ ބަޔަކަށް ކަމުދާ ވަހެކެވެ. ކުނިވަސް ދުވާ ތަންތަނުގައި އޮރެންޖު ތޮށި ބެހެއްޓުމުން ގުދުރަތީ އެއާ ފްރެޝްނާއެއްގެ ދައުރު މިއިން އަދާކުރެއެވެ. އަދި އޮރެންޖު ތޮށި ފެނުގައި ކައްކައިގެން އެ ފެނުން ތަންތަން ސާފުކުރުމަކީ ޖަރާސީމު ނައްތާލުމަށް ލިބޭ ފަސޭހައެކެވެ.

އޮރެންޖު ތޮށި ބޭނުންކުރުމުގެ ކުރިން ރަނގަޅަށް ދޮވުމަކީ މުހިންމު ކަމެކެވެ. އެއަށްފަހު އަވީގައި ހިއްކައި މުގުރައިގެން ސައިގެ ގޮތުގައި ނުވަތަ ކާބޯތަކެތީގެ ރަހަ މީރުކުރުމަށް ބޭނުންކުރެވިދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް