ދިވެހިރާއްޖޭގެ ދަރަނީގެ ހާލަތު އިންތިހާއަށް ގޯސްވަމުންދާތީ، އިގްތިސާދީ ގޮތުން ގެންނަންޖެހޭ އިސްލާހީ ބަދަލުތައް އަވަސްކުރުމަށް އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން ވަނީ ދިވެހި ސަރުކާރަށް އިލްތިމާސްކޮށްފައެވެ. އެ ބޭންކުގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، ރާއްޖޭގެ އާމްދަނީއަށްވުރެ ހަރަދުތައް މަތިވަމުންދާ މައްސަލައަށް ދާއިމީ ހައްލެއް ލިބޭނީ ދައުލަތުގެ މާލީ ނިޒާމާއި ހިންގުމުގެ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެންނެވެ.

ހާއްސަކޮށް، މާލީ ކަންކަން ހަރުދަނާކޮށް، ޖަވާބުދާރީވުމާއި ފާރަވެރިވުމުގެ ވަރުގަދަ ނިޒާމެއް ގާއިމުކުރުމަކީ މިވަގުތަށް ކޮންމެހެން ބޭނުންތެރި ކަމެއްގެ ގޮތުގައި އޭޑީބީން ވަނީ ފާހަގަކޮށްފައެވެ.

އޭޑީބީގެ ޕަބްލިކް ސެކްޓަރ ސްޕެޝަލިސްޓް އޮލީވިއާ ޗުންޔާންގ ޒޫ ވިދާޅުވި ގޮތުގައި، މޫސުމީ ބަދަލުތަކާއި އިގްތިސާދީ ގޮންޖެހުންތަކުގެ ސަބަބުން ރާއްޖޭގެ މާލީ ނިޒާމަށް ވަނީ ބޮޑެތި ފިއްތުންތަކެއް ކުރިމަތިވެފައެވެ. ދައުލަތަށް ލިބެންޖެހޭ އާމްދަނީ އެއްކުރުމުގައި ހުރި ހުރަސްތަކާއި، ގަވާއިދުތަކަށް އަމަލުކުރުން ބަލިކަށިވުމުގެ ސަބަބުން މާލީ ހާލަތު އިތުރަށް ގޯސްވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މިކަންކަން ހައްލުކުރުމަށްޓަކައި، އޭޑީބީގެ އެހީތެރިކަމާއެކު ސަރުކާރުން މިހާރު ވަނީ އޮޑިޓް ނިޒާމުތައް އިސްލާހުކޮށް، "ރިސްކް-ބޭސްޑް" އުސޫލަކަށް މާލީ މުއާމަލާތްތައް ބަދަލުކުރުމުގެ މަސައްކަތް ފަށާފައެވެ.

ނަމަވެސް، އޭޑިބީން ފާހަގަކުރާގޮތުގައި ރާއްޖޭގެ އިދާރީ މަސައްކަތްތައް ތަރުތީބުކުރުމުގައި ޓެކްނޮލޮޖީގެ ބޭނުން އެންމެ އެދެވޭ ގޮތެއްގައި ނުހިފައެވެ. އެގޮތުން އިދާރީ ހިންގުމުގެ ގިނަ މަސައްކަތްތަކެއް އަތުން ކުރަންޖެހުމުގެ ސަބަބުން މަޝްރޫއުތައް ހިންގުމުގައި ލަސްތަކެއް ކުރިމަތިވާ ކަމަށާއި، ޓެކްސްގެ ނިޒާމުވެސް ބިނާވެފައިވަނީ މުސްކުޅި އުސޫލުތަކެއްގެ މައްޗަށް ކަމަށް އެ ބޭންކުން ބުނެއެވެ. އެހެންކަމުން، ދެމެހެއްޓެނިވި މާލީ ހަމަޖެހުމެއް ހޯދުމަށްޓަކައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން މުއައްސަސާތަކުގެ ގާބިލުކަން އިތުރުކުރުމަކީ މިވަގުތު އެންމެ އިސްކަންދޭންޖެހޭ އެއް ކަންތައް ކަމަށް އޭޑީބީގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު