ދިވެހި ތާރީޚުގައި 7 ފެބްރުއަރީ 2012 އަކީ ދިވެހިރާއްޖޭގެ ޑިމޮކްރެޓިކް ނިޒާމަށް އައި ލޮޅުމަކާއެކު، ބަޣާވާތަކުން ވެރިކަން ބަދަލުކޮށްލި ކަޅު ދުވަހެކެވެ. އެ ދުވަހު ފެށުނު ބިރުވެރިކަމާއި ނުތަނަވަސްކަމުގެ ތެރެއިން، 8 ފެބްރުއަރީގައި އާންމު ރައްޔިތުންނަށް އަމާޒުވި އަނިޔާވެރިކަމަކީ ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންދާނެ ހަނދާންތަކެއް ނޫނެވެ. އެ ބިރުވެރި ދުވަހު، އަނިޔާވެރިކަމުގެ ކުރިމަތީގައި ކޮަންމެ ފަދަ ގުރުބާނީއެއް ވާންވެސް ތައްޔާރަށް ހުރިކަން ސާބިތު ކޮށްދެއްވި އެކަކީ ގދ. ތިނަދޫ، ޒުބައިރުބެއެވެ.

"މަ ޗިސްޗިސް ކޮށްލިޔަސް މަ ފިސްފިސްކޮށްލިޔަސް ނެތޭ ވެވޭކަށް ބާޣީއަކަށް،" މިއީ އެ ދުވަހު ޒުބައިރުބެގެ ދުލުން ބޭރުވި، ގައުމީ ލޯބިން ފުރިގެންވާ ހިތްވަރުގަދަ ބަސްތަކެކެވެ. މީގެ 14 އަހަރު ކުރިން، ފުލުހުންނާއި ސިފައިން ނުކުމެ ރައްޔިތުންގެ ގައިގައި މުގުރުން ތަޅައި، ޒުބައިރުބެގެ ބޯ ފަޅާލައި، އަދި އަތުގެ އިނގިލިތައް ޗިސްޗިސް ކޮށްލި އިރުވެސް، ޒުބައިރުބެ ދެއްކެވީ ބަޣާވާތާ ދެކޮޅަށް އޮތް ސާބިތުކަމެވެ. އަނިޔާވެރިންގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެކަން އޭނާ ވަނީ އަމަލުން ސާބިތުކޮށްދެއްވާފައެވެ.

އެ ދުވަހުގެ އަނިޔާވެރިކަމުގެ ލަކުނުތައް މިއަދުވެސް ޒުބައިރުބެގެ ހަށިގަނޑުން ފެންނަން ހުރި އިރު، އޭނާގެ ހިތުގައި ގައުމަށްޓަކައި އޮތް ލޯތްބާއި އިޚްލާޞްތެރިކަމަށް އެއްވެސް ބަދަލެއް ނާދެއެވެ. އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް މިހާރު ތިނަދޫއަށް ކުރަށްވަމުން ގެންދަވާ ދަތުރުފުޅުގައި ޒުބައިރުބެއާ ބައްދަލު ކުރަށްވައި، 7 ފެބްރުއަރީގައި ރައީސް ނަޝީދުގެ ވެރިކަން ބަދަލުވުމުގެ ހަނދާންތައް ވަނީ އާކުރަށްވާފައެވެ.

ފައްޔާޒް ވިދާޅުވީ، ދިވެހި ގައުމަށްޓަކައި އެފަދަ މަތިވެރި ގުރުބާނީއެއް ވެވަޑައިގެންނެވި ޒުބައިރުބެއާ ބައްދަލުވެ ވާހަކަ ދައްކާލެވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.



ފައްޔާޒް މިހެން ވިދާޅުވެފައިވާއިރު، ރައީސް މައުމޫންގެ ވެރިކަމަށްފަހު 2008 ވަނަ އަހަރު ވެރިކަމަށް އައި ރައީސް ނަޝީދުގެ ވެރިކަން ނިމުމަކަށް އައިސްފައިވަނީ 2012 ވަނަ އަހަރުގެ ފެބުރުއަރީމަހުގެ 7 ވަނަ ދުވަހުއެވެ. ރައީސް ނަޝީދުގެ ވެރިކަން ނިމުމަމަކަށް ގެނުވި ހަތެއް ފެބްރިއަރީގެ ހާދިސާގެ ވާހަކަ ރައީސް ނަޝީދުވެސް އެމްޑީޕީވެސް ސިފަ ކުރަމުން ގެންދަނީ އެއީ އިންސާފު ނުލިބޭ ބަޣާވާތެއްގެ ގޮތުގައެވެ. އަދި އެ ހަނދާންތައް ކޮންމެ އަހަރަކުވެސް ރައީސް ނަޝީދާއި އެމްޑީޕީގެ ގިނަ މެންބަރުން ގެންދަނީ އާ ކުރަމުންނެވެ.

އަދި އެދުވަހާއި ޖެހިގެން އައި 8 ފެބްރުއަރީގައި ރައްޔިތުންނަށް ދިން ރަހުމުކުޑަ ހަމަލާތަކަކީ ދިވެހި ތާރީޚުގައި ލިޔެވިފައިވާ ކަޅު ސަފުހާތަކެކެވެ. ނަމަވެސް، ޒުބައިރުބެ ފަދަ ހިތްވަރުގަދަ ފަހުލަވާނުންގެ ސާބިތުކަމުން ހާމަވަނީ، ކިތަންމެ ބޮޑު އަނިޔާއެއް ކުރިޔަސް، ހައްގު ބަސް ބުނުމާއި ބާޣީންނާ ދެކޮޅަށް ތެދުވުމުގައި ދިވެހި ރައްޔިތުން ފަސްނުޖެހޭނެ ކަމެވެ. ޒުބައިރުބެއަކީ މިއަދުގެ ޖީލަށް ހިތްވަރާއި ގައުމީ ލޯބީގެ ދިރިހުރި މިސާލެކެވެ.



ކިޔުންތެރިންގެ ހިޔާލު