އާންމު ވިޔަފާރިތަކަށް އެހީވުމުގެ ބަދަލުގައި މި ސަރުކާރުން މަސައްކަތް ކުރަމުން ދަނީ އެ ވިޔަފާރިތައް ފުނޑާލުމަށް ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްޙީދު ތުހުމަތު ކުރަށްވައިފިއެވެ.

ޝަމްހީދު މި ތުހުމަތުތައް ކުރައްވާފައި މިވަނީ ވިޔަފާރި ބަނދަރުތައް ހިންގުމުގެ ޒިންމާ މަތިކޮށްފައިވާ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑު (އެމްޕީއެލް) އިން، މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސްގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައިގެން ލޮޖިސްޓިކްސް ވިޔަފާރިއަށް ނިކުތުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި ޑރ. ޝަމްހީދު ވިދާޅުވީ ވިޔަފާރިތައް ކުރިއަރުވަން އެހީތެރިވުމުގެ ބަދަލުގައި މިސަރުކާރުގެ ސިޔާސަތަކަށް މިވަނީ އެފަދަ ވިޔަފާރިތަށް ފުނޑާލުން ކަމަށެވެ.

"މިކަހަލަ ގަދީމީ ބޯދާ ވިސްނުމާއި ސިޔާސަތުތަކާއި ދެކޮޅަށް ރައްޔިތުން ނިކުމެ ބަސްބުނަން އެބަޖެހޭ." ޑރ. ޝަމްހީދު ވިދާޅުވިއެވެ.

ޑރ. ޝަމްހީދު ވިދާޅުވީ ‏ސަރުކާރުން ކުރާ ވިޔަފާރިތަކުގެ ގެއްލުން ފޫބެއްދުމަށް މިދިޔަ އަހަރު ބަޖެޓުން އެކަނިވެސް 6 ބިލިއަނެއްހާ ރުފިޔާ ހޭދަކުރަން ޖެހުނު ކަމަށެވެ. ހަމަ އެހެންމެ އަލަށް ފަށާ ކޮންމެ ވިޔަފާރިއަކަށް ބިލިއަނުން ހޭދަކުރަން ސަރުކާރަށް މަޖުބޫރުވާނެ ކަމަށްވެސް ޑރ. ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ސަރުކާރުން ރިސޯޓު ވިޔަފާރިއަށް ވަންނަން އުޅޭ އުޅުމަށް އިޝާރާތް ކުރަށްވަމުން ޑރ. ޝަމްހީދު ވިދާޅުވީ ރިސޯޓް ހިންގިޔަސް ރައްޔިތުންނަށް 400 ޑޮލަރު ލިބުމުގެ ބަދަލުގައި، އެވިޔާފަރިތަކަށް ލިބޭ ގެއްލުން ފޫބެދުމަށްވެސް ރައްޔިތެއްގެ ބޮލަކަށް 400 ހޭދަކުރަން ޖެހުމަކީ މާ ގާތްކަމެއް ކަމުގައި ޑރ. ޝަމްހީދު ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ލޮޖިސަޓިކްސްގެ ވިޔަފާރިތެރެޔަށް ވަނުމުން މި ދާއިރާގައި ހަރަކާތްތެރިވާ ބައެއް އަމިއްލަ ވިޔަފާރިތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިއީ އަމިއްލަ ވިޔަފާރިތަކަށް އިސްކަންދޭން ސަރުކާރުން ގެންގުޅޭ ސިޔާސަތާ ފުށުއަރާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު