ކ. ތިލަފުށީގެ ގުދަނަކުން ދެ މިލިއަން ރުފިޔާގެ އަގުހުރި ހުއިފިލަނޑާތަކަކަށް ޚިޔާނާތްތެރިވި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި، ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) މަސްއޫލިއްޔަތުތަކުން އެކަހެރިކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، މިދިޔަ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހު ހުށަހެޅުނު މި މައްސަލަ ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރު (އައިއޯ) މިހާރު ވަނީ ތަހުގީގީ އެންމެހާ މަސައްކަތްތަކުން ދުރުކުރެވިފައި ކަމަށެވެ. މިއީ ތިލަފުށީގެ ގުދަނެއްގައި ހުރި ގިނަ އަދަދެއްގެ ހުއިފިލަނޑައަށް ޚިޔާނާތްތެރިވި ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލައެކެވެ.

ފުލުހުން އިތުރަށް ބުނީ މި މައްސަލައިގެ ޖިނާއީ ތަހުގީގު ކުރިއަށްދާ ދަނޑިވަޅުގައި، އެ އޮފިސަރާ ގުޅޭ އިދާރީ މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުންވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން، އަށް ބާވަތެއްގެ ހުއިފިލަނޑާ ނީލަމުގައި ވިއްކާލުމަށް ފުލުހުން މިދިޔަ ހޯމަ ދުވަހު ވަނީ އިއުލާނުކޮށްފައެވެ. ކިލޯއަކަށް 300 ރުފިޔާގެ މަގުން ފެށޭ މި ނީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީވުމުގެ ފުރުސަތު އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އާ ހަމައަށް ހުޅުވާލެވިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލާގައި ފުލުހުން ތުހުމަތުކޮށްފައިވަނީ، ވެރިފަރާތަށް އޮޅުވާލައި މަކަރާއި ހީލަތުން އެ ތަކެތި އެހެން ތަނަކަށް  ގެންދިޔަ ކަމަށެވެ. ފުލުހުން މައުލޫމާތުދިންގޮތުގައި، އެ ތަކެތި ތިލަފުށިން މާލެ ގެނެސް ހުރީ ދެ ގެއެއްގައި ރައްކާކޮށްފަ އެވެ. ކޯޓު އަމުރެއްގެ ދަށުން އެ ދެ ގެ ބަލައި ފާސްކުރުމަށްފަހު، އެ ހުއިފިލަނޑާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެން ގޮސް ފުލުހުން އެތަކެތި ނީލަން ކިޔަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުގެ ލަފާގެ މަތިން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު