ޤަދީމީ ޒަމާނުގެ "މެގާ ކޯމެޓެއް" ނުވަތަ ބޮޑު ސިންގާ ގަނޑުފެންގަނޑެއްގެ ބޮޑު ބައެއް އިރާ ދިމާލަށް މިސްރާބު ޖަހާފައިވާ ކަމަށާއި، އަންނަ އޭޕްރީލް މަހުގެ ތެރޭގައި ދުވާލުގެ އަލީގައި ވެސް މި ކޯމެޓް ފެނުމުގެ ފުރުސަތު އެބައޮތް ކަމަށް ފަލަކީ މާހިރުން ހާމަކޮށްފިއެވެ.

"މެޕްސް" ގެ ނަމުން ނަންދެވިފައިވާ މި ކޯމެޓަކީ މި އަހަރުގެ ޖެނުއަރީ 13 ވަނަ ދުވަހު ޗިލީގެ އަޓަކާމާ ހަަރުކަށި ސަރަހައްދުގައި ތިބި އޭމެޗަރ ފަލަކީ މާހިރުންތަކެއް ހޯދި އެއްޗެކެވެ. މިއީ މީގެ އެތައް ޤަރުނެއް ކުރިން ކުދިކުދިވެގެން ދިޔަ ބޮޑު ކޯމެޓެއްގެ ބައިތަކުގެ ތެރެއިން މިހާތަނަށް ފެނުނު އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ އެއް ބައެވެ.

މި ކޯމެޓްގެ ޚާއްޞަ ސިފައަކީ އޭގެ ބޮޑުމިނެވެ.

މީގެ ކުރިން މި ގްރޫޕަށް ނިސްބަތްވާ އެތައް ހާސް ކުދި ބައިތަކެއް ފެނިފައިވީ ނަމަވެސް، މި ފަހަރު ފެނުނު ކޯމެޓަކީ އިރާ ގާތްވުމުން ވިރިގެން ފިލައިގެންދާނެ ކުޑަ އެތިކޮޅެއް ނޫން ކަމަށާއި، މިއީ ވަރަށް ވަރުގަދަ ގަނޑުފެންގަނޑެއް ކަމަށް ސައިންސްވެރިން ލަފާކުރެއެވެ.

2026 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ކުރީކޮޅު، މި ކޯމެޓް އިރުގެ ސަތަހައިގެ އެންމެ 120,000 ކިލޯމީޓަރު މަތިން ވަރަށް ނުރައްކާތެރި ދަތުރެއް ކުރާނެއެވެ. މި ދަތުރުގައި އިރުގެ ގަދަ ހޫނާއި އޭގެ ދަމާ ބާރުގެ ސަބަބުން ކޯމެޓަށް ބޮޑެތި ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.

މި ކޯމެޓް އިރުގެ ހޫނުގައި އަނދައިގެން ނުގޮސް ސަލާމަތްވެއްޖެ ނަމަ، އުޑުމަތީގައި ވިދާ ބަބުޅާ 'ވީނަސް' ނުވަތަ ޒުހުރާ ގުރަހަށް ވުރެ ވެސް ބޮޑަށް މީގެ އަލިގަދަވެގެންދާނެ ކަމަށް ބެލެވެއެވެ. މިފަދަ ހާލަތެއްގައި، ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކަށް ދުވާލުގެ އަލީގައި ވެސް މި މަންޒަރު ފެނުމުގެ ފުރުސަތު އޮންނާނެއެވެ.

ނާސާގެ ސޯލާ އެންޑް ހީލިއޯސްފެރިކް އޮބްޒަވޭޓަރީ މެދުވެރިކޮށް މި މަދުން ނޫނީ ނުފެންނަ ހަރަކާތްތައް ސައިންސްވެރިން ވަރަށް ގާތުން ބަލަމުންދާނެއެވެ. މިއީ މިފަދަ ބިޔަ ކޯމެޓްތައް ރެނދުލައި ކުދިކުދިވާ ގޮތާ ބެހޭ ގޮތުން އާ މައުލޫމާތުތަކެއް ހޯދުމަށް ލިބޭނެ ރަނގަޅު ފުރުސަތެކެވެ.



ކިޔުންތެރިންގެ ހިޔާލު