މާލެ ސިޓީ ކައުންސިލްގެ މެޖޯރިޓީ ދެން ވެސް ޕީއެންސީއަށް ދީފި ނަމަ، މާލޭގެ ބިންތައް ނުއަގުގައި ވިއްކުން ކުރިއަށް ގެންދާނެ ކަމަށާއި، މާލޭގެ ބިންތައް އެއްކޮށް ހުސްކޮށްލާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިހެން ވިދާޅުވީ އެމްޑީޕީގެ "ހޭވައްލާ ތައްޔާރު" ކެމްޕެއިން ލޯންޗުކުރުމަށް އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވަނީ ރައީސް މުއިއްޒު މޭޔަރުކަމުގައި ހުންނެވި އިރު ބިންތައް ދޫކޮށްފައިވާ ގޮތުގެ އޮޑިޓް ރިޕޯޓަށް އަލިއަޅުވާލައްވައި ފާޑުވިދާޅުވެފަ އެވެ.

އާޒިމް ވިދާޅުވި ގޮތުގައި މާލޭގެ ބިންތަކުގެ އޮޑިޓަށް ބަލާއިރު ކޮރަޕްޝަން ނޫން ކަމެއް ނެތެވެ. އެގޮތުން އެއް ބިމެއް އެތައް ބަޔަކަށް ކުއްޔަށް ދިނުމާއި، ކުލި ނުނަގައި ބިންތައް ބެހުމުގެ އިތުރުން، ބުއްދި ގަބޫލުނުކުރާ ފަދަ ކުޑަ އަގުތަކުގައި ބިންތައް ދޫކޮށްފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ. މާލެ ސަރަހައްދުގެ ބިންތައް ފޮތިފޮތިކޮށް ބަހާ ހުސްނުކުރަނީސް މިހާރު ތިބި ޕީއެންސީގެ ކައުންސިލަރުން ބޭރުކުރަން ޖެހޭ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ އާޒިމް އިތުރަށް ވިދާޅުވީ، މާލޭގެ ރައްޔިތުންގެ ހައްގުތަކަށް ވިސްނައިގެން ކައުންސިލް ހިންގާނީ އެމްޑީޕީން ކަމަށެވެ.

އަދި ސަރުކާރަށް ބަރޯސާވާ ކައުންސިލެއް އިންތިހާބުކުރުމުގެ ބޭނުމެއް ނެތް ކަމަށާއި، އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ އުސޫލުން މިނިވަންކަމާއެކު ކައުންސިލްތައް ހިންގޭނެކަން ސާބިތުކޮށްދީފައިވާނެ ކަމަށް ވެސް އޭނާ ފާހަގަކުރެއްވި އެވެ.



ކިޔުންތެރިންގެ ހިޔާލު