މި އަހަރު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ (ޑަބްލިޔުޑީސީ) އިންތިޚާބަށް އަމާޒުކޮށް، އިދިކޮޅު މައި ޕާޓީ އެމްޑީޕީން "ހޭވައްލާ ތައްޔާރު" ނަމުގައި އެ ޕާޓީގެ ރަސްމީ ކެމްޕޭން މިރޭ މާލޭގެ އާޓިފިޝަލް ބީޗުގައި ކުލަގަދަ ޖަލްސާއަކާއެކު ލޯންޗްކޮށްފިއެވެ.

މި ޖަލްސާގައި އެމްޑީޕީގެ އިސް ބޭފުޅުންނާއި ސިޓީތަކުގެ މޭޔަރުކަމަށް ވާދަކުރައްވާ ކެންޑިޑޭޓުން ބައިވެރިވެވަޑައިގެންނެވިއިރު، ކުޅުދުއްފުށީ ސިޓީގެ މިހާރުގެ މޭޔަރު މުހައްމަދު އާތިފް ވަނީ އެ ސިޓީގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ކާމިޔާބު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައެވެ.

ކެމްޕޭން ލޯންޗްކުރި ދުވަހު، އިލެކްޝަންސް ކޮމިޝަނުން ވަނީ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ގުރުއަތުލުން ވެސް ކުރިއަށް ގެންގޮސްފައެވެ.

ކުރިއަށް އޮތް އިންތިޚާބުގައި ހަ ސިޔާސީ ޕާޓީއަކުންނާއި އަމިއްލަ ގޮތުން ޖުމުލަ 2,993 ކެންޑިޑޭޓުން ވާދަކުރާއިރު، އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ މި ވޯޓުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް އެ އަދަދަށް މެންބަރުން ހޮވުމަށް ވަނީ ނިންމާފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ޖުމުލަ 294,937 މީހުންނަށް ލިބިގެންވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ. އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައް ސިޔާސީ ޕާޓީތަކުންނާއި ކޮމިޝަނުން ބާރުސްޕީޑުގައި ކުރިއަށް ގެންދާއިރު، މިއީ ރާއްޖޭގެ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އަތޮޅުތަކާއި ސިޓީތަކުގެ ހިންގުމަށް ބޮޑު ބަދަލުތަކެއް އަންނާނެ މުހިންމު އިންތިޚާބެކެވެ.



ކިޔުންތެރިންގެ ހިޔާލު