މަސްޓަޑު ތެލަކީ ޒަމާނުއްސުރެ ދެކުނު އޭޝިއާގެ ގައުމުތަކުގައި ތަފާތު އެކި ބޭނުންތަކަށް ބޭނުންކުރަމުން އަންނަ ތެލެކެވެ. މީގެ ތެރެއިން ވެސް ހުޅުހުޅުގައި ރިއްސުމާއި، މަސްގަނޑަށް އަރާ ތަދުތަކަށް ފަރުވާއެއްގެ ގޮތުގައި މަސްޓަޑު ތެޔޮ ބޭނުންކުރުމަކީ އާންމު ކަމެކެވެ. މިފަހަރު މި ބަލާލަނީ މަސްޓަޑު ތެލުން މަސާޖުކުރުމުން ހުޅުގައި ރިއްސުން ރަނގަޅުވާ ބައެއް ސަބަބުތަކަށެވެ.

މަސްޓަޑު ތެލުގައި އެކުލެވޭ "އޮމެގާ-3 ފެޓީ އެސިޑްސް" އަކީ ހަށިގަނޑުގެ ދުޅަހެޔޮކަމަށް މުހިންމު މާއްދާއެކެވެ. މި މާއްދާއަކީ ހުޅުތަކުގައި އުފެދޭ ދުޅަކަން މަދުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ އިތުރުން މަސްޓަޑު ތެލުގައި އެކުލެވޭ "އެލައިލް އައިސޯތިއޯސައިނޭޓް" އަކީ ތަދު ކަނޑުވައިދިނުމުގެ ބާރު ލިބިގެންވާ މާއްދާއެކެވެ. މި މާއްދާތަކުގެ ސަބަބުން ހުޅުތަކުގައި ހުންނަ އުނދަގޫތަކަށް ލުއި ލިބިގެންދެއެވެ.

މަސްޓަޑު ތެޔޮ ބޭނުންކޮށްގެން މަސާޖުކުރުމުން ހަށިގަނޑުގެ ލޭ ދައުރުވުން ރަނގަޅުވެއެވެ. ހަށިގަނޑުގައި ލޭ ފުރިހަމައަށް ދައުރުވުން ހުޅުތަކާއި މަސްތަކަށް ބޭނުންވާ މުހިންމު މާއްދާތައް ފޯރުކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި މި ތެލަކީ އޭގެ ޒާތުގައި ހޫނުކަމެއް އެކުލެވޭ އެއްޗަކަށް ވުމުން، ހުޅުތަކުގައި ހުންނަ ބާރުކަމާއި ރިހުން ކުޑަކޮށް، ހުޅުތައް ހަރަކާތްތެރިކުރުމަށް ފަސޭހަވެގެންދެއެވެ.

މަސްޓަޑު ތެޔޮ ބޭނުންކުރާއިރު އެންމެ ރަނގަޅު ނަތީޖާއެއް ފެންނަނީ ތެޔޮ ކުޑަކޮށް ހޫނުކޮށްލައިގެން ބޭނުންކުރުމުންނެވެ. ބައެއް މީހުން މި ތެލުގެ ތެރެއަށް ލޮނުމެދު ކޮޅެއް އަޅައިގެން ކައްކާލުމަށްފަހު ވެސް ބޭނުންކުރެއެވެ. ލޮނުމެދަކީ ވެސް ދުޅަ ތިރިކޮށްދޭ މާއްދާތައް އެކުލެވޭ އެއްޗަކަށް ވާތީ، މީގެ ސަބަބުން ފަރުވާގެ ނަތީޖާ އިތުރަށް ފުރިހަމަވެ އަވަސްވެއެވެ.

މަސްޓަޑު ތެޔޮ ބޭނުންކުރުމުން ހުޅުތަކަށް ލުޔެއް ލިބުނުނަމަވެސް ހަނދާން ބަހައްޓަން ޖެހޭ މުހިންމު ކަމަކީ، މަސްޓަޑު ތެލަކީ ހުޅުތަކުގެ ރިހުމަށް އޮތް ވަގުތީ ލުޔެއް ކަމެވެ. ހުޅުތަކުގައި ރިއްސުމަކީ ބޮޑު ބައްޔެއްގެ ނިޝާނަކަށް ވެސް ވެދާނެތީ، ދާއިމީކޮށް މިފަދަ ރިހުމެއް ހުންނަނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަކީ މުހިންމު ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު