ސައުދީ އަރަބިއްޔާގެ މަޝްހޫރު ދީނީ އިލްމުވެރިއެއް ކަމަށްވާ ޝައިޚް ސުލައިމާން އަލް-އަލްވާން، ޖަލުގައި 22 އަހަރު ހޭދަކުރެއްވުމަށްފަހު އަލުން ޝަރީއަތް ފެށުމަށް ސައުދީ ސަރުކާރުން ތައްޔާރުވަމުންދާ ކަމަށް "ސައުދީ ޕްރިޒަނާސް އޮފް ކޮންޝަންސް" ގްރޫޕުން ހާމަކޮށްފިއެވެ.

މި ފަހަރުގެ ޝަރީއަތުގެ މައިގަނޑު މަގްސަދަކީ އޭނާގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް އިތުރަށް ބޮޑުކުރުން ކަމަށް އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ތުހުމަތުކުރެއެވެ.

ޝައިޚް އަލް-އަލްވާން އެންމެ ފުރަތަމަ ހައްޔަރުކުރެވުނީ 2004 ވަނަ އަހަރެވެ. އޭގެ ފަހުން 2012 ވަނަ އަހަރު ކުރު މުއްދަތަކަށް ދޫކޮށްލުމަށްފަހު، 2013 ވަނަ އަހަރު އަލުން ހައްޔަރުކުރެވުނު ގޮތަށް އޭނާ އަދިވެސް ހުންނެވީ ބަންދުގައެވެ.

އޭނާގެ މައްޗަށް ކުރެވުނު ދައުވާތަކުގެ ތެރޭގައި ސައުދީގެ ސީނިއާ ސްކޮލާސް ކައުންސިލްގެ ނިންމުންތަކާ ދެކޮޅުވުން ހިމެނޭއިރު، ފުރަތަމަ އިއްވީ 15 އަހަރުގެ ޖަލު ހުކުމެކެވެ. ފަހުން އެ ހުކުމަށް އިތުރު 4 އަހަރު އިތުރުކޮށް، ޖުމްލަ 19 އަހަރަށް ހުކުމް ދިގުދެންމި ނަމަވެސް، ހުކުމުގެ މުއްދަތު ހަމަވިއިރުވެސް އޭނާ ދޫކޮށްލާފައެއް ނުވެއެވެ.

ޖަލުގައި ހޭދަކުރެއްވި ދުވަސްތަކުގައި ޝައިޚް އަލް-އަލްވާނަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މީގެ ތެރޭގައި އެކަހެރިކޮށް ބަންދުކުރުމާއި، ނިދިި މަހުރޫމްކުރުމާއި، އަދި ޖިސްމާނީ ގޮތުން ކުރެވުނު އަނިޔާތަކުގެ ސަބަބުން ބައެއް ފަހަރު ހޭފުޅުނެތިފައިވާ ކަމަށްވެސް މައުލޫމާތު ލިބެއެވެ. މީގެ އިތުރުން، ދިގު މުއްދަތަކަށް ބަލިހާލަތަށް އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން އޭނާ މިހާރު ތަހައްމަލު ކުރައްވަމުން ގެންދަވަނީ ބުރަކަށީގެ އޮޕަރޭޝަނެއް ބޭނުންވާ ފަދަ ސީރިއަސް ބަލިތަކެކެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތައް ކަމަށްވާ "ސަނަދު" އަދި "އަލްގަސްތު" އިން ވަނީ ޝައިޚް އަލް-އަލްވާނަށް އިންސާފުވެރި ޝަރީއަތެއް ލިބިފައިނުވާ ކަމަށާއި، އޭނާގެ ސިއްހީ ހާލަތަށް ސަރުކާރުން އިހުމާލުވަމުންދާ ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. މިހާރު އޭނާ ބަންދުކޮށްފައި ހުންނެވީ ބުރައިދާގައި ހުންނަ އަލް-ތަރްފިޔާ ޖަލުގައެވެ.



ކިޔުންތެރިންގެ ހިޔާލު