އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވާދަކުރުމަށް ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަނުން (އީސީ) ކެންޑިޑެސީ ބަލައިނުގަތް ދެ މައްސަލައެއްގައި ގޮތެއް ނިންމައި، ހުކުމް ކުރުމަށް ސުޕްރީމް ކޯޓުން މާދަމާ އަށް ތާވަލުކޮށްފިއެވެ.

މި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ ކ. ގުރައިދޫ އާއި ކ. ތުލުސްދޫ ކައުންސިލަށް ކުރިމަތިލީ ދެ ކެންޑިޑޭޓެއްގެ މައްސަލައެވެ. މި ދެ މައްސަލަ ކޯޓު މަރުހަލާގައި އޮތުމުގެ ސަބަބުން، އެ ދެ ރަށުގެ ކައުންސިލަށް ކުރިމަތިލި ކެންޑިޑޭޓުންގެ ނަންބަރު ކަނޑައެޅުމަށް ބާއްވާ ގުރުލުން މިހާތަނަށް ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ނަމަވެސް، ރާއްޖޭގެ އެހެން ހުރިހާ ރަށެއްގެ ކައުންސިލްތަކަށް ކުރިމަތިލީ ކެންޑިޑޭޓުންގެ ނަންބަރުތައް ގުރުލައިގެން މިހާރު ވަނީ ތަރުތީބުކޮށް ނިންމާފައެވެ.

ސުޕްރީމް ކޯޓުގައި މާދަމާ ހުކުމް ކުރަން ފުރަތަމަ ހަމަޖެހިފައިވަނީ، ކ. ގުރައިދޫ ކައުންސިލްގެ ރައީސް ކަމަށް އަމިއްލަ ގޮތުން ކުރިމަތިލި އަބްދުއްމަޖީދު (ރިނދަލިގެ/ގުރައިދޫ) ހުށަހެޅި މައްސަލައެވެ. މި މައްސަލައިގެ ހުކުމް ކުރުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 10:30 އަށެވެ. މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސައިން ޝަހީދު، ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އަދި ފަނޑިޔާރު މުހައްމަދު ސަލީމް ހިމެނިވަޑައިގަންނަވާ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ.

އޭގެ އިތުރުން ކ. ތުލުސްދޫ ކައުންސިލްގެ އަންހެން މެންބަރު ކަމަށް އަމިއްލަ ގޮތުން ކުރިމަތިލީ ފާތިމަތު ސޫޒަން ހުށަހެޅި މައްސަލައިގެ ހުކުމް ކުރުން ތާވަލުކޮށްފައިވަނީ މާދަމާ ހެނދުނު 11:30 އަށެވެ. މި މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އަބްދުﷲ ހަމީދު، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމް އަދި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އެވެ.

އިލެކްޝަންސް ކޮމިޝަނުން މި ދެ ކެންޑިޑޭޓުންގެ ފޯމު ބަލައިނުގަތުމަށް ނިންމި ސަބަބާމެދު ސުޕްރީމް ކޯޓުން މާދަމާ ވަކި ގޮތެއް ނިންމުމުން، އެ ދެ ރަށުގެ އިންތިޚާބީ ކަންކަން ކުރިއަށްދާނެ ގޮތެއް އިއުލާނު ކުރާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު