އިރާނުގެ ނިއުކްލިއާ މައްސަލައިގައި މަޝްވަރާތައް ކުރިއަށްދާ މިދަނޑިވަޅުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އަމުރު ކުރައްވައިފި ނަމަ އިރާނާ ދެކޮޅަށް ހަފުތާތަކަކަށް ދެމިގެންދާ ފަދަ ވަރުގަދަ އަސްކަރީ އޮޕަރޭޝަނެއް ހިންގުމަށް އެމެރިކާގެ އަސްކަރިއްޔާ އިން ތައްޔާރުވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ ހަމައެކަނި ނިއުކްލިއާ މަރުކަޒުތަކަށް އަމާޒުކޮށްގެން ހިންގާ ހަމަލާތަކެއް ނޫނެވެ. އޭގެ ބަދަލުގައި އިރާނުގެ ދައުލަތުގެ މުހިންމު އިދާރާތަކާއި ސަލާމަތީ މަރުކަޒުތަކަށް ވެސް ހަމަލާދިނުމަށް ވަނީ ރޭވިފައެވެ.

މި އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ އެންމެ ބޮޑު މަތިންދާބޯޓު އުފުލާ މަނަވަރު ކަމަށްވާ "ޔޫއެސްއެސް ޖެރަލްޑް އާރް ފޯޑް" މިހާރު ދަނީ މެދުއިރުމައްޗަށް ދަތުރުކުރަމުންނެވެ. މީގެ ކުރިން ވެސް އެމެރިކާ އިން ވަނީ އިރާނުގެ ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދީފައެވެ. ނަމަވެސް މިފަހަރުގެ ރޭވުންތައް މާ ފުޅާވެފައި، ދިގު މުއްދަތަކަށް ދެމިގެންދާނެ ކަމަށް ބެލެވެއެވެ. ރައީސް ޓްރަމްޕް ވަނީ އިރާނުން ދޫނުދޭ ނަމަ އެ ގައުމުގެ ވެރިކަން ބަދަލުކުރުމުގެ ވިސްނުން ވެސް ގެންގުޅުއްވާކަން ކުރިން ހާމަކުރައްވާފައެވެ.

އެމެރިކާގެ މި ތައްޔާރީތަކާ ގުޅިގެން އިރާނުން ރައްދު ހަމަލާދޭނެ ކަމަށް ބެލެވޭތީ، މެދުއިރުމަތީގައި ތިބި އެމެރިކާގެ ސިފައިންނާއި ބޭސްތަކަށް ވަނީ ސަމާލުކަން އިތުރުކޮށްފައެވެ. ޚާއްޞަކޮށް އިރާގު، ގަތަރު އަދި ޔޫއޭއީގައި ހުރި އެމެރިކާގެ މަރުކަޒުތަކަށް އިރާނުން ހަމަލާދީފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. މި ހާލަތުގެ ސަބަބުން މުޅި ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފެށިދާނެ ކަމުގެ އިންޒާރު ބައެއް ގައުމުތަކުން ވަނީ ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު