ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމާ މެދު ރައްޔިތުންގެ މެދުގައި ނަގާ ޚިޔާލު ހޯދުމުގެ ޢާންމު ވޯޓު ނުވަތަ ރިފަރަންޑަމް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާ އެކު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.

މި ވޯޓަކީ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެކުގައި ބޭއްވުމަށާއި، ރައްޔިތުންގެ މަޖިލީހުގެ ދައުރު ގުނުމުގެ އުސޫލުތަކަށް އިސްލާހު ގެނައުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ "ޤާނޫނުއަސާސީއަށް 8 ވަނަ އިޞްލާޙު ގެނައުމުގެ ބިލު" ތަޞްދީޤުކުރެއްވުމުގެ ކުރިން ރައްޔިތުންގެ ލަފައެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކަނޑައަޅުއްވާފައިވާ ވޯޓެކެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ރައީސުލްޖުމްހޫރިއްޔާގެ ޤަރާރުގައިވާ ސުވާލަށް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން އޮންނާނީ އަންނަ އެޕްރީލް މަހުގެ 4 ވާ ހޮނިހިރު ދުވަހުއެވެ. މި ވޯޓު ކުރިއަށްދާނީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބާ އެކުގައެވެ. ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ.

ވޯޓު ގުނުމުގެ މަސައްކަތް ހަމަ އެ ދުވަހު ވޯޓުލާ ނިމޭތާ 30 މިނެޓުގެ ހުސްވަގުތުކޮޅަކަށް ފަހު ފެށުމަށް ހަމަޖެހިފައިވާއިރު، މި ވޯޓުގެ ރަސްމީ ނަތީޖާ އިޢުލާން ކުރުމަށް ތާވަލުކޮށްފައިވަނީ އެޕްރީލް މަހުގެ 11 ވާ ހޮނިހިރު ދުވަހަށެވެ.

މި ރިފަރަންޑަމާ ގުޅޭގޮތުން އީސީން އިތުރަށް ބުނީ، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ނޫން އެހެން ތަނަކަށް ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރަޖިސްޓަރީވުމުގެ ފުރުޞަތު މިއަދު ހެނދުނު 10:00 އިން ފެށިގެން ހުޅުވާލާނެ ކަމަށެވެ. މި ފުރުޞަތު މި މަހުގެ 22 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ނިޔަލަށް ހަމަވާނެ ކަމަށް އީސީން ހާމަކުރިއެވެ.

އެހެންކަމުން، ވޯޓުލާން ރަޖިސްޓަރީވެފައިވާ ތަން ޗެކްކޮށް، ރަޖިސްޓަރީވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން މި މުއްދަތުގެ ތެރޭގައި ރަޖިސްޓަރީ ކުރުމުގެ ކަންކަން ނިންމުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު