ކުރިއަށް އޮތް ކައުންސިލް އިންތިހާބުގެ ފޯރި ގަދަވަމުން އަންނައިރު، ރަށްރަށުގައި ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އެއް ބަޔަކު އަނެއް ބައެއްގެ ކުލަތައް ފޮހެލުމުގެ ހަރަކާތްތަކެއް ވަނީ ފެށިފައެވެ. މިގޮތުން ހއ. ދިއްދޫގައި އެމްޑީޕީގެ ރީނދޫ ކުލަ ލާފައި ހުރި ފާރުތަކުގައި ޕީއެންސީގެ ސަޕޯޓަރުން ވަނީ އެ ޕާޓީގެ ނޫވިލު ކުލަ ލައި، މުޅި މަންޒަރު ބަދަލުކޮށްލާފައެވެ.

ދިއްދޫގެ ރައްޔިތުން ބުނާ ގޮތުގައި މިއީ ހަމައެކަނި ކުލަ ބަދަލުކުރުމެއް ނޫން ކަމަށާއި، މިއީ ރަށަށް ތަރައްގީ އާއި އާ އުންމީދުތަކެއް ގެނައުމުގެ ރަމްޒެކެވެ. ހާއްސަކޮށް، މި ސަރުކާރުން ދިއްދޫގެ ފަޅު ހިއްކައި އޭއާޕޯޓް އެޅުމުގެ މަސައްކަތް ބާރުގަދަ ދުވެއްޔެއްގައި ކުރިއަށްގެންދާތީ އެކަމުގެ އުފާވެރިކަން ޕީއެންސީގެ ސަޕޯޓަރުން ފާޅުކުރެއެވެ.

ދިއްދޫގެ އިތުރުން ހއ. ހޯރަފުށިން ވެސް މިފަދަ މަންޒަރުތަކެއް ވަނީ ފެނިފައެވެ. ނަމަވެސް އެ ރަށުގައި ފެނުނީ އޭގެ އިދިކޮޅު މަންޒަރެކެވެ.



ހޯރަފުށީގެ އެމްޑީޕީ ސަޕޯޓަރުން ވަނީ ކުރިން ޕީޕީއެމްގެ ފިޔާތޮށި ކުލަ ލާފައި ހުރި ފާރުތަކުގައި ރީނދޫ ކުލަ ލައި، އެމްޑީޕީގެ ކައުންސިލް އިންތިހާބުގެ ސްލޯގަން ކަމަށްވާ "ހޭވައްލާ ތައްޔާރު" ޖަހާފައެވެ. މި ހަރަކާތްތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ވެސް ދެ ފަރާތުގެ އެކްޓިވިސްޓުންގެ މެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދެއެވެ.

މިކަމާ ގުޅިގެން އެމްޑީޕީގެ ބައެއް ކެންޑިޑޭޓުން ބުނަމުންދަނީ، ޑިމޮކްރަސީއެއްގައި ސިޔާސީ ޕާޓީތަކާއި އެ ޕާޓީތަކުގެ ފިކުރު ފޮހެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ކޮންމެ ކުލައަކީ ވެސް ދިވެހި ރައްޔިތުންގެ ބައެއްގެ އަޑާއި ހައްގުތައް ތަމްސީލުކޮށްދޭ އެއްޗެއް ކަމަށާއި، އެއީ ފޮހެލަން ޖެހޭ "ލައްގަނޑެއް" ނޫން ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ކޮންމެއަކަސް، އިންތިހާބު ކައިރިވަމުން އަންނަ ވަރަކަށް ރަށްރަށުގައި މިފަދަ "ކުލައިގެ ހަނގުރާމަ" އިތުރަށް ވަރުގަދަވާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު