މި އަހަރުގެ ރަމަޟާން މަހު މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ އިދާރީ މުވައްޒަފުންގެ މަސައްކަތު ގަޑި ކުރުކުރި ނަމަވެސް، އިތުރުގަޑީގެ ފައިސާ ލިބޭނީ ހަފްތާއަކު 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުމުން ކަމަށް އެ ކުންފުނިން ނިންމައިފިއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނެރުނު ސަރކިއުލަރއެއްގައި ބުނެފައިވަނީ، ރަމަޟާން މަހުގެ ރަސްމީ ގަޑިތަކާއި ޝައްވާލު މަހުގެ ފުރަތަމަ 7 ދުވަހު، އެ ކުންފުނީގެ އިދާރީ މުވައްޒަފުންގެ މަސައްކަތު ވަގުތަކީ ދުވާލަކު 4 ގަޑިއިރާއި 30 މިނެޓް ކަމަށެވެ. އެގޮތުން މަސައްކަތު ގަޑީގެ ގޮތުގައި ކަނޑައަޅާފައިވަނީ ހެނދުނު 9:00 އިން މެންދުރުފަހު 1:30 އަށެވެ. އަދި ހެނދުނު 9:00 އިން 9:30 އާ ދެމެދު ގްރޭސް ޕީރިއަޑެއްވެސް ވަނީ ކަނޑައަޅާފައެވެ.

ޑިއުޓީ އުސޫލުން މަސައްކަތް ކުރާ މުވައްޒަފުންގެ ވަގުތުތަކާ ގުޅޭގޮތުން އެ ކުންފުނިން ބުނީ، އެފަދަ މުވައްޒަފުންގެ މަސައްކަތު ގަޑިތައް ހަމަޖައްސާނީ އެ މުވައްޒަފަކު މަސައްކަތް ކުރާ ޑިޕާޓްމަންޓަކުން ނުވަތަ ސެކްޝަނަކުން ކަނޑައަޅާ ޑިއުޓީ ރޯސްޓަރާ އެއްގޮތަށް ކަމަށެވެ.

ނަމަވެސް، މުވައްޒަފުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ އިތުރުގަޑީގެ ފައިސާ ދިނުމުގައި ގެންގުޅޭ އުސޫލެވެ. އެމްއޭސީއެލްގެ ނިންމުމުގައިވާ ގޮތުން، ރަމަޟާން މަހު ވެސް އިތުރުގަޑީގެ ފައިސާ ލިބޭނީ އެހެން މަސްތަކެކޭ އެއްފަދައިން ހަފްތާއަކު ޖުމްލަ 48 ގަޑިއިރަށްވުރެ އިތުރަށް މަސައްކަތް ކުރުމުންނެވެ.

މި ނިންމުމާ ގުޅިގެން ކުންފުނީގެ ގިނަ އަދަދެއްގެ މުވައްޒަފުން ދަނީ ނުރުހުން ފާޅުކުރަމުންނެވެ. މިއީ ރަމަޟާން މަހު މުވައްޒަފުންނަށް ކުރިމަތިވާނެ ބޮޑު ދައްޗެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ. ސަބަބަކީ ރަމަޟާން މަހުގެ ރަސްމީ ގަޑިތައް ކުރުކޮށްފައިވާއިރު، 48 ގަޑިއިރު ހަމަކުރުމަށްޓަކައި ގިނަ ވަގުތު މަސައްކަތުގައި ހޭދަކުރަން ޖެހުމުން، ރަސްމީކޮށް ގަޑި ކުރުކުރުމުގެ ފައިދާ މުވައްޒަފުންނަށް ފުރިހަމައަށް ނުލިބޭތީއެވެ.

އެމްއޭސީއެލް އިން މިފަދަ ފިޔަވަޅެއް އަޅާފައިވާއިރު، އެމްއޭސީއެލްގެ ކޭޝްފްލޯ ދަށްވެ، ބޭރުގެ ބޭންކަކުން ލޯނެއް ނެގުމަށް މަސައްކަތް ކުރަމުންދާކަމުގެ އަޑުތަކެއް ވަނީ ފެތުރިފައެވެ. އަދި ދާދިފަހުން "ޕެނިންސުއުލާ އިންފްރާސްޓްރަކްޗާ" ނަމުގައި ވަނީ އެމްއޭސީއެލް އިން ވަނީ ކުންފުންޏެއް އުފައްދާފައެވެ. އެއީ ބިންހިއްކުމުގެ މަސައްކަތް ކުރަން އުފެއްދި ކުންފުންޏެކެވެ.

އެގޮތުން ރަސްމާލެ ހިއްކުމާއި، ހުޅުމާލެ ފޭސް 3 ހިއްކުމާއި، ކުދި ރަށްރަށުގައި އެއާޕޯޓު އެޅުމާއި، ބައެއް ރަށްރަށުގައި ޖިމް ހެދުން ފަދަ، ޕްރޮޖެކްޓުތަކަށް އެ ކުންފުނިން ދަނީ ހަރަދުކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު