ސަރުކާރު ހިންގާ ޕީއެންސީގެ ފުރިހަމަ އަޣުލަބިއްޔަތު އޮތް މާލޭ ސިޓީ ކައުންސިލްގެ ރަސްމީ ބައްދަލުވުންތައް ކައުންސިލަރުން ބޮއިކޮޓް ކުރަމުންދާ މައްސަލާގައި، އިނަ މޯލްޑިވިސްގެ ވެރިޔާ މުހައްމަދު ފިރާޤު ވަރުގަދަ ސުވާލުތަކެއް ކުރިމަތިކުރައްވައިފިއެވެ.

ފިރާޤު މިހެން ވިދާޅުވީ ޕީއެންސީގެ ކައުންސިލަރުން މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުންތަށް ބޮއިކަޓް ކުރަމުންދާތީ އެކަމަށް އިޝާރަތް ކުރަށްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. ފިރާޤު ވަނީ ކައުންސިލް ފްލޯގައި ސަރުކާރު ނިސްބަތްވާ ޕާޓީގެ މެޖޯރިޓީ އޮތް ނަމަވެސް، ބައްދަލުވުންތައް ބޮއިކޮޓްކޮށް ކައުންސިލްގެ މަސައްކަތްތައް ކުރިއަށް ނުގެންދަން އިޚްތިޔާރު ކުރުމަށްފަހު، އަނެއްކާވެސް ރައްޔިތުންގެ ގާތަށް ގޮސް ވޯޓަށް އެދޭނީ ކިހިނެއްތޯ ސުވާލުކުރަށްވާފައެވެ.

އޭނާ ވިދާޅުވީ އަޣުލަބިއްޔަތު ހިފެހެއްޓުމަކީ ހަމައެކަނި މެންބަރުންގެ އަދަދު ހަމަވުމެއް ނޫން ކަމަށެވެ. އެއީ ބޮޑު ޒިންމާއަކާ އެކު އަންނަ ކަމެއްކަން ފާހަގަކުރައްވަމުން ފިރާޤު ވިދާޅުވީ، ކައުންސިލްގެ ބައްދަލުވުންތަކުގައި ނިންމާ ނިންމުންތަކަކީ މާލޭ ސިޓީގެ ރައްޔިތުންނާ ސީދާ ގުޅުންހުރި މުހިންމު ކަންތައްތަކެއް ކަމަށެވެ. ނަމަވެސް އެފަދަ މުހިންމު ނިންމުންތައް ނިންމަން އޮންނަ ފުރުސަތުގައި ބައިވެރިނުވުމަށް ކައުންސިލަރުން ނިންމި ނިންމުމަށް އޭނާ ފާޑުވިދާޅުވިއެވެ.

"ބައްދަލުވުންތަކުގައި ބައިވެރިވުމާއި، މުހިންމު މައްސަލަތަކާ ބެހޭގޮތުން މަޝްވަރާކުރުމާއި، މުޖުތަމައުގެ މަސްލަހަތަށް އެންމެ ރަނގަޅު ނިންމުންތައް ނިންމުމަށް ރައްޔިތުން މަންދޫބުން ހޮވާފައިވަނީ،" ފިރާޤު ވިދާޅުވިއެވެ.

ފިރާޤު އިތުރަށް ވިދާޅުވީ، މުހިންމު މައްސަލަތަކުގައި އަމަލު ކުރުމުގެ ފުރިހަމަ ބާރު ލިބިފައިވީ ނަމަވެސް އެކަން ނުކުރަން ނިންމުމުން، ވޯޓުލާ މީހުން އަނެއްކާވެސް އެ މީހުންގެ މެންޑޭޓާއެކު އިތުބާރު ކުރަންވީ ކީއްވެގެންތޯ ސުވާލު ކުރުމަކީ އިންސާފުވެރި ކަމެއް ކަމަށެވެ. އަދި މިއީ ކައުންސިލަރުން ރުޅިގަދަވެ ނަފުރަތު ކުރަންޖެހޭ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުންތައް ބޭއްވުމަށް ދަތިތަކެއް ކުރިމަތިވެފައި މިވަނީ، މޭޔަރު އާދަމް އާޒިމްއާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން ބައްދަލުވުންތަކަށް ހާޒިރުނުވާ މައްސަލަ ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.



ކިޔުންތެރިންގެ ހިޔާލު