މަރްޔަމް ނަހްދާ ވަޙީދު   19 ފެބްރުއަރީ 2026 - 10:42
ތިލަފުށީގައި ހުންނަ ވެމްކޯގެ ސައިޓެއްގައި މަސައްކަތް ކުރަމުންދިޔަ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އަމީން މިއާ މަރުވި ހާދިސާއާ ގުޅިގެން ހައްޔަރުކުރި ސްރީލަންކާ މީހާގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން އިތުރުކޮށްފިއެވެ.

ޢުމުރުން 24 އަހަރުގެ އަމީން މިއާ ޖެނުއަރީ 26 ގައި ގެއްލިފައިވާއިރު، އޭނާ ގެއްލުނުކަން ވެމްކޯއިން ފުލުހުންނަށް ރިޕޯޓްކުރީ ޙާދިސާ ހިނގިތާ ދެ ދުވަސް ފަހުންނެވެ. އަމީން މިއާ ފެނިފައިވަނީ، ގެއްލިގެން ހޯދަމުން ދަނިކޮށް ތިލަފުށީ، ކުނިތަކެއްގެ އަޑީގައި މަރުވެފައި އޮށްވައެވެ.

މި މައްސަލާގައި ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަ ނަމަކަށް ކިޔާ ލަންކާ މީހެކެވެ. އޭނާ ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ވަނީ ބަންދަށް 7 ދުވަސް ޖަހާފައެވެ. އަދި އެ މުއްދަތު ހަމަވުމުން، 8 ފެބްރުއަރީގައި ކޯޓަށް ހާޒިރުކުރުމުން ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ.

އެފަހުން އެ މުއްދަތު ހަމަވެގެން އިއްޔެ ކޯޓަށް ގެންދިއުމުން ކޯޓުން ވަނީ އޭނާ އިތުރު 45 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. އޭނާގެ މައްޗަށް ފުލުހުން ކުރަނީ ގަސްދަކާ ނުލައި މީހަކު މެރުމުގެ ކުށުގެ ތުހުމަތެވެ.

ކޯޓުން އޭނާ ބަންދުގައި ބަހައްޓަން ނިންމި ސަބަބުތަކުގެ ތެރޭގައި، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ އެކަށީގެންވާ މިންވަރަށް ހެކި ލިބިފައިވުން ހިމެނެއެވެ. ފުލުހުން ކޯޓަށް ހުށަހަޅާފައިވާ ބަޔާންތަކާއި ސީސީޓީވީ ފުޓޭޖުތަކުން އެނގޭ ގޮތުގައި، އަމީން މިއާ މަރުވެފައިވަނީ ހެޝަން ދުއްވަން އިން އެކްސްކަވޭޓަރުން ޖެހުމުގެ ސަބަބުންނެވެ. އަދި އޭނާ އެކްސްކަވޭޓަރު އޮޕްރޭޓު ކޮށްފައިވަނީ ބަލަންޖެހޭ ވަރަށް ނުބަލައި، އިހުމާލުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މީގެ އިތުރުން، މި ހާދިސާ ހިނގި ފަހުން އޭނާ އަމިއްލަ ގައުމަށް ދާން ބޭނުންވާ ކަމަށް ބުނެ ވާހަކަ ދައްކާފައިވާކަން ހެއްކެއްގެ ބަޔާނުން އެނގެން އޮތް ކަމަށް ކޯޓު އަމުރުގައިވެއެވެ. އެހެންކަމުން، އޭނާއަކީ ބޭރު ގައުމެއްގެ މީހަކަށް ވެފައި، ގައުމުން ބޭރަށް ގޮސް ފިލުމުގެ އިހްތިމާލު އޮތުމަކީވެސް ބަންދުގައި ބަހައްޓަން ޖެހުނު ސަބަބެއް ކަމަށް ކޯޓުން ފާހަގަކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް