އިނގިރޭސިވިލާތުގެ ސްޓޯކް-އޮން-ޓްރެންޓަށް ނިސްބަތްވާ އުމުރުން އެންމެ ދެ އަހަރުގެ ހާޕަރ-ލީ ފެންތޯޕް، ކުޑަ ބެޓެރިއެއް (ބަޓަން ބެޓެރި) ދިރުވާލުމުގެ ސަބަބުން މަރުވި ހިތާމަވެރި ހާދިސާގެ ވާހަކަ އެކުއްޖާގެ މަންމަ ހިއްސާކޮށްފިއެވެ.

މި ހާދިސާ ހިނގި ދުވަހު ހާޕަރ-ލީ އޭނާގެ އަނގަޔަށް އިޝާރާތް ކުރަމުން ދިޔަ ނަމަވެސް، އެއީ އާންމުކޮށް ކަރުގައި ރިއްސާތީ ކުރާ ކަމެއް ކަމަށް ހީކޮށް މަންމަ ސްޓޭސީ ނިކްލިން އަށް އެކަން ފާހަގައެއް ނުކުރެވުނެވެ.

ނަމަވެސް، ސްޓޭސީ ވަޒީފާއަށް ދިޔަ ފަހުން އޭނާގެ ދޮށީ ދަރިފުޅު ގުޅާފައި، ކުޑަ ހާޕަރ-ލީގެ އަނގައިން ލޭ އަންނަ ކަމަށް ބުނުމުން ވަގުތުން ގެއަށް ދިޔައިރު، ކުއްޖާ އޮތީ އެމްބިއުލާންސްގައެވެ.

ހޮސްޕިޓަލަށް ގެންގޮސް ޓެސްޓުތައް ހެދުމުން އެނގުނު ގޮތުގައި، ހާޕަރ-ލީ ދިރުވާލާފައިވަނީ އެލް.އީ.ޑީ ބޮކި ދިއްލާ ރިމޯޓަށް ލައްވާ ކުޑަ ބަޓަން ބެޓެރިއެކެވެ. އެ ބެޓެރީގެ ސަބަބުން ކުއްޖާގެ ކާތަކެތި ހިނގާ ހޮޅިއާއި ހިތަށް ލޭ ފޮނުވައިދޭ މައި ނާރު ފޫގޮސް، ހަށިގަނޑުގެ އެތެރެއަށް ވަރަށް ބޮޑަށް ލޭ ފޭބިއެވެ.

ޑޮކްޓަރުން ބުނި ގޮތުގައި ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށްޓަކައި އެހެން ހޮސްޕިޓަލަކަށް ބަދަލުކުރަން ބޭނުންވި ނަމަވެސް، އެ ދަތުރުމަތީގައި ކުއްޖާ ދިރިއޮންނާނެ ކަމުގެ އެއްވެސް އުންމީދެއް ނެތެވެ.

މި ހިތާމަވެރި ހާދިސާގައި ހާޕަރ-ލީ މަރުވީ 2021 ވަނަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. ދަރިފުޅު ވަކިވެދިޔަ ނަމަވެސް، ސްޓޭސީ މިހާރު މަސައްކަތް ކުރަމުންދަނީ މިފަދަ ބެޓެރިތަކުގެ ނުރައްކަލާ ބެހޭގޮތުން ބެލެނިވެރިން ހޭލުންތެރިކުރުވުމަށެވެ.

އޭނާ ބުނި ގޮތުގައި، މިފަދަ ކުޑަ އެއްޗެއްގެ ސަބަބުން އާއިލާއަކަށް ލިބިދާނެ ބޮޑު ހިތާމައަކުން އެހެން ބަޔަކު ސަލާމަތް ކުރުމަކީ އޭނާގެ މިހާރުގެ އެންމެ ބޮޑު މަގްސަދެވެ. މި ހާދިސާއަށް ފަސް އަހަރުވެފައިވާއިރު، އަދިވެސް އެ ހިތާމައިން އަރައިނުގަނެވޭ ކަމަށް އޭނާ ކިޔައިދިނެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް