ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތަށް ގާނޫނުއަސާސީ އަށް ހުށަހެޅި އިސްލާހާ ދެކޮޅު ހެދުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ރޭ ފާސްކޮށްފި އެވެ.

އެގޮތަށް ނިންމާފައިވަނީ އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައެެވެ. ދެ އިންތިހާބު އެއްކޮށް ބޭއްވުމާއި ގުޅޭގޮތުން ބޭއްވި ގައުމީ މަޖިލީހުގެ ޖަލްސާއަށް އެކަމާ ގުޅޭ ގަރާރެއް ހުށައެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަޙްމަދު ނަސީމެވެ.

މީކާއީލް ހުށަހެޅުއްވި ޤަރާރުގައި ފާހަގަކޮށްފައިވާ މުހިންމު ކަންބޮޑުވުންތަކުގެ ތެރޭގައި ހިމެނެނީ:

1: ރައްޔިތުންގެ ސީދާ މަޞްލަޙަތާ ގުޅުންހުރި މިފަދަ ބޮޑު ބަދަލެއް ގެނައުމުގެ ކުރިން، އާންމުންގެ ޚިޔާލާއި މަޝްވަރާ ހޯދުމެއް ނެތި ޤާނޫނުއަސާސީ އިޞްލާޙުކުރަން ހުށަހެޅުން.

2: މި ބިލު ދިރާސާކުރުމާއި ފުންކޮށް މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތު ދިނުމުގެ ބަދަލުގައި، އަވަސްއަރުވާލައިގެން ފާސްކުރަން އުޅުމަކީ އިޚްލާޞްތެރި ނިޔަތެއް އޮތް ކަމެއް ކަމަށް ނުފެނުން.

3: ދެ އިންތިޚާބު އެއްކޮށްލުމާ މެދު އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓު، ކައުންސިލް އިންތިޚާބާ ދިމާކޮށް ނަގަން ނިންމާފައިވީ ނަމަވެސް، އެކަމަށް ތައްޔާރުވުމަށް އެކަށީގެންވާ މުއްދަތެއް ނެތުން.

މި ސަބަބުތަކަށްޓަކައި، ދެ އިންތިޚާބު އެއްކޮށްލުމާ މެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ދެކޮޅު ހެދުމަށް، ބައްދަލުވުމުގައި ބައިވެރިވި 48 މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މީގެ އިތުރުން، މި މައްސަލައާ ގުޅިގެން ސިޔާސީ ގޮތުން މަގުމަތީގެ ޙަރަކާތްތައް ފެށުމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ރާއީ ހުށަހެޅުއްވި ޤަރާރުވެސް މެންބަރުންގެ ފުރިހަމަ ތާއީދާއެކު ވަނީ ފާސްވެފައެވެ.

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ އެކު، މި ރިފަރެންޑަމް ކުރިއަށް ގެންދާނެކަން އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އިޢުލާންކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު