އިންޑޮނޭޝިޔާގެ ސުކާބޫމީއަށް ނިސްބަތްވާ ކުޑަކުއްޖަކު، އޭނާގެ ދޮންމަންމަގެ ރަހުމުކުޑަ އަނިޔާތަކެއްގެ ސަބަބުން މިދުނިޔެ ދޫކޮށްފިއެވެ.

ނިޒާމް ނަމަކަށް ކިޔާ މި ކުއްޖާ މަރުވީ، ރޯދަމަހުގެ ދެވަނަ ރޯދަ ހިފައިގެން ހުއްޓާ، ދޮންމަންމަ އޭނާއަށް މަޖުބޫރުކޮށްގެން ކުކުޅު ކައްކާ ހޫނުފެން ބޯންދީ އަދި ހަށިގަނޑުގެ އެކި ތަންތަނަށް ދިން ބޮޑެތި އަނިޔާތަކުގެ ސަބަބުންނެވެ.

މި ހިތާމަވެރި ހާދިސާ ހިނގާފައިވަނީ ނިޒާމްގެ ބައްޕަ ވަޒީފާގެ ގޮތުން ޖަކާޓާގައި ހުއްޓައެވެ.

ފުލުހެއްގެ ވަޒީފާ އަދާކުރާ ނިޒާމްގެ ބައްޕައަށް، ދޮންމަންމަ ގުޅާފައި ބުނީ ނިޒާމް އުޅެނީ ހުން އައިސްގެން ކަމަށެވެ. ނަމަވެސް، ކުއްޖާގެ ހާލަތު ބެލިއިރު، މުޅި ހަށިގަނޑުގައި ހޫނުފެނުން ފިހިފައިވާ ނިޝާންތަކާއި، ތަޅާ އަނިޔާކުރުމުގެ ސަބަބުން އުފެދިފައިވާ ބޮޑެތި ޒަހަމްތައް ހުއްޓެވެ. ނިޒާމަކީ މީގެ ކުރިންވެސް ދޮންމަންމަގެ ފަރާތުން އަނިޔާ ލިބިފައިވާ ކުއްޖެކެވެ.

އޭރު އޭނާގެ ބައްޕަ އެ މައްސަލަ ފުލުހަށް ހުށަހެޅި ނަމަވެސް، ދޮންމަންމަ އާދޭސްކޮށް މާފަށް އެދުމުން، ނިޒާމްގެ ސަލާމަތަށްޓަކައި އޭނާ ފޮނުވާލީ ބޯޑިންގ ސްކޫލަކަށެވެ. ނަމަވެސް ރަމަޟާން މަހުގެ ޗުއްޓީއަށް ގެއަށް އައުމަކީ އޭނާގެ ފުރާނަ ދާން މެދުވެރިވި ސަބަބަކަށް ވެގެންދިޔައެވެ.



ކިޔުންތެރިންގެ ހިޔާލު