ޞާދިރު ޢަލީދީދީ   7 އޮކްޓޯބަރު 2020 - 14:36
ދިޔަރެސް
ދިޔަރެސް
އެޕިސޯޑް 20

...............

[ނޫނޭ.....ތިޔަހެން އެއްގޮތަކަށްވެސް ކަމަކުނުދާނެ. ކޮންމެވެސް އެއްޗެއް ބޯލައިގެން ދާންވާނީ. އެ މަންޖެ މިހާރު ސައި ހަދާ ނިންމާލަފާނެ...އަންނާނަން ބަލާފައި.] ޢަލިމަނިކު ހުއްޓުވުމަށްފަހު، ވަސީމް ކާގެޔާ ދިމާއަށް ހިނގައިގަތެވެ.

ވަސީމް ކާގެޔަށް ވަންއިރު ސައި ތައްޔާރުކޮށްފައި ހުއްޓެވެ. ނަމަވެސް، ސުދާއެއް ނެތެވެ.

ވަސީމް ކާގެޔަށް ވަންއިރު ސައި ތައްޔާރުކޮށްފައި ހުއްޓެވެ. ނަމަވެސް، ސުދާއެއް ނެތެވެ. ހީވާގޮތުން ސުދާ ޢަލިމަނިކުގެ ނަޒަރުން ފިލީއެވެ. ސައި ހަދާފައި ހުއްޓާ ފެނުމުން ވަސީމް ނުކުމެގެން ގޮސް ޢަލިމަނިކު ގޮވައިގެން އައެވެ.

[ކޮބާ އެމަންޖެ....] ހާސްވެ ކަންބޮޑުވެފައި ހުރި ޢަލިމަނިކު ސައިބޯން ފަށަމުން ވާހަކަ ދެއްކިއެވެ.

[ކޮންމެވެސް އެއްޗެއް ގަންނަން ބޭރަށް ދިޔައީ ކަމަށްވެސް ވެދާނެ.] ވަސީމްވެސް ސައިބޯން ފެށިއެވެ. އޭރުވެސް އެމީހުންގެ އަޑު އިވޭހާ ހިސާބުގައި ސުދާ ހުއްޓެވެ. އެމީހުނާ ދާދި ކައިރީގައެވެ. ނަމަވެސް، އެމީހުނަކަށް އޭނާއެއް ނުފެންނާނެއެވެ. ޖިންނި ޝައިޠާނުންނަށް އެ ބާރު ލިބިގެންވެއެވެ. މިހާރު ސުދާ އެހުރީ ޢަލިމަނިކުގެ ޙަރަކާތްތަކަށް ރަނގަޅަށް ބަލާށެވެ. ޢަލިމަނިކުގެ ސަބަބުން އޭނާގެ މުސްތަޤްބަލް ބަނަވެދާނެ ކަމަށް އޭނާއަށް ޤަބޫލު ކުރެވެއެވެ. އެކަމަކު އެ ފުރްޞަތު ޢަލިމަނިކަށް ދޭކަށް އޭނާ ބޭނުމެއް ނޫނެވެ.

މިހާރު އޭނާ ރާވަމުން އެދަނީ ޢަލިމަނިކުގެ ކިބައިން ސަލމަތްވެވޭނެ ގޮތެކެވެ. އޭނާއަށް ގައިމުވެއެވެ. ޢަލިމަނިކަށް އޭނާއާ ދޭތެރޭ އެބަ ޝައްކު ކުރެވެއެވެ. އެހެން ނޫންނަމަ، އޭނާ އެގޮތަށް ބިރުގެންފައެއް ނުހުންނާނެއެވެ.

ސައިބޮމުން ދިޔައިރު، ސުދާއާ ބެހޭގޮތުން އޭނާގެ ހިތަށް އަރަމުންދިޔަ ވާހަކަ ވަސީމް ގާތު ކިޔައިދިނުމަށްވެސް އެތައް ފަހަރަކު ޢަލިމަނިކުގެ ހިތަށްއެރިއެވެ.

[ވަސީމްގެ ދަރިފުޅު މާލޭގައި އުޅޭތާ ވަރަށް ދުވަސް ވެއްޖެތަ؟] ޢަލިމަނިކަށް އަނގަ ކަހައިގެން ނުހުރެވުނެވެ.

[އާނ...މިހާރު ވަރަށް ދުވަސް ވެދާނެ، މިރަށުގައި އުޅޭތާވެސް....ކީއްވެ ތިހެން ތި އެހީ؟] ޢަލިމަނިކަށް ޖަވާބު ދިނުމަށްފަހު، ވަސީމް އެހިއެވެ.

[ކަމެއްނުވޭ....މިރަށުގެ އާދަކާދަ ނިކަން ބޮޑަށް އެ މަންޖެ ގައިގައި އެބަހުރިދޯ؟] ޢަލިމަނިކު ވަރަށްކުޑަ ގޮތަކަށް ސައިބޮއި ނިންމާލިއެވެ.

[ވަރަށް ލަސްވެއްޖެ...ދެން ދަނީ.] ޢަލިމަނިކު ހިނގައިގެންފިއެވެ. އޭރުވެސް ވަރަށް ގާތުގައި ޢަލިމަނިކާ ދިމާއަށް ލޯއަޅައިގެން ސުދާ ހުއްޓެވެ. އޭނާ ހުރީ ކޮންމެވެސްވަރަކަށް ހާސްވެ ކަންބޮޑުވެފައެވެ. ޢަލިމަނިކުގެ ފަރާތުން އޭނާގެ ޙަޤީޤަތް ވަސީމްމެނަށް އެނގި، އޭނާ ފަޟީޙަތް ވެދާނެތީއެވެ.

ޖެހިގެން އައި ދުވަހު އަސްޢަދު ހޮސްޕިޓަލަށް ގެންދެވި، ކުރެވުނު ޓެސްޓްތަކުން އާދައިގެ އޮޕަރޭޝަނަކަށްފަހު އޭނާއަށް ވާހަކަ ދެއްކޭނެ ކަމަށް ޑޮކްޓަރުން ޔަޤީންކަން ދިނެވެ. އެއީ ސުދާ މާޔޫސްވެ، ގޮތް ހުސްވާފަދަ ޚަބަރެކެވެ. އެއީ ފަހަރެއްގައިވެސް ވެގެންވާނޭ ގޮތެއް ކަމަށް އޭނާ ޤަބޫލެއް ނުކުރެއެވެ. އޭގެކުރިން އަސްޢަދާ ދޭތެރޭ ގޮތެއް ނިންމަން އޭނާ ބޭނުންވެއެވެ.

[ސުދާ...ހާދަ ފިކުރެއް ތިކުރަނީ؟] ސުދާ ސިއްސައިގެން ދިޔައީ މުޢާޒުގެ އަޑުންނެވެ.

[ފިކުރެއް ނުކުރަން...އަސްޢަދު ވަރަށް އުފާވާނެދޯ؟ އަސްޢަދު ގާތު ބުނިންތަ...އޭނާއަށް ވާހަކަ ދެއްކޭނޭ.] ސުދާ ނިކަން ހަމަޖެހޭގޮތް ދައްކަމުން ބުންޏެވެ.

[އާނ...ވަރަށް އުފާވެފައި ހުރީ....އޭނާ ދައްކަން ބޭނުންވެފައި ހުރި ހުރިހާ ވާހަކަ އެއްފަހަރާ ދައްކާނެދޯ...އެވަގުތެއްގެ އެއްވެސް ފޫހިކަމެއްނެތި އެވާހަކަތައް އަޑުއަހަން އަހަރެމެންނަށް ތިބެވޭނެދޯ؟] ޑޮކްޓަރުގެ ވާހަކައިން މުޢާޒުވެސް ހުރީ ވަރަށް ބޮޑަށް ހިތްހަމަޖެހި އުފާވެފައެވެ.

[އަހަރެން އެބަ އަންނަން...ތަނަކަށް ޖައްސާލާފައި.] މުޢާޒު ހިނގައިގެންފިއެވެ.

[ކޮންތާކަށް ތިދަނީ؟] ނަޒްމާ ވާހަކަ ދެއްކީ އޭނާގެ ފިރިމީހާ ޢުބޭދާއެވެ. އޭރު ޢުބޭދު ނަލަހެދިލައިގެން ނުކުންނަނީއެވެ. ޖަވާބު ދިނުމުގެ ކުރިން ޢުބޭދު ފުރަތަމަ ހީގަތެވެ.

[މިދަނީ އޮފީހަށޭ ބުނެފިއްޔާ، ނަޒްމާ ޤަބޫލު ކުރާނަންތަ...ނުވާނެދޯ؟ އޮފީހަށް މިދަނީ.] ޢުބޭދު ހުއްޓުނެވެ.

[މިހާރު އަހަރެން ޝަކުވާ ނުކުރާތީ، ދުވަހަކުވެސް ޢުބޭދަށް ގޭގައި މަޑުކުރެވޭ ކަމަކަށް ނުވޭ.] ނަޒްމާ ދުވަސްތަކަކަށްފަހު ޝަކުވާކުރަން ފެށިއެވެ.

[ދުވަސްކޮޅެއްގެ ބުރޭކަކަށްފަހު، އަނެއްކާވެސް ޝަކުވާކުރަން ފެށީދޯ؟] ޢުބޭދު އެނދުގައި އިން ދަރިފުޅު އުރާލިއެވެ.

[މިހުރިހާ ދުވަހުވެސް އަހަންނަށް ކެތްކުރެވުނީކީ ނޫނޭ....] ސުދާ ވާހަކަ ދެއްކީ އަސްޢަދާއެވެ. އޭނާއާ ދެމީހުން އެކަނިވީ ވަގުތު ބަލާފައެވެ. އޭރު އަސްޢަދު ތުރުތުރުއަޅަން ފަށައފިއެވެ. ނަމަވެސް، މަންމަ ކޮޓަރިތެރޭ ހުރި އަޑު އިވުމުން، އޭނާގެ ނުތަނަވަސްކަން ކުޑަވިއެވެ. ނަމަވެސް، ސުދާގެ ލޮލުން އެ ދޭ ބިރުވެރި އިންޒާރުން އޭނާ ހާސްކުރުވައެވެ.

[ވާހަކަ ދެއްކުނަސް، މާބޮޑު އުފަލެއް ނެތެއްނު...އަތްފައި ޙަރަކާތް ކުރެވޭނީކީ ނޫން. ދެން ކޮބައިތަ ކަލޭ ދުނިޔޭގައި އުޅުމުގެ ބޭނުމަކީ....] ސުދާ އަސްޢަދާ ދިމާއަށް ހިނގައިގެންފިއެވެ. އަސްޢަދަށް ރޮވުނެވެ. ދެލޮލުން ހޯސްލާފައި ކަރުނަތައް އޮހިގަތެވެ. ސުދާ ކުރިއަށްވުރެންވެސް އަސްޢަދާ ގާތަށް ޖެހިލިއެވެ. އަސްޢަދު ތެޅިގަތެވެ. ސުދާގެ ކިބައިން ސަލާމަތްވެވޭތޯއެވެ.

[މިހާރު އަހަންނަށް ފުރްޞަތު މިއޮތީ ލިބިފައި...އޮޕަރޭޝަން ކުރެވި، ކަލެއަށް ވާހަކަ ދެއްކުމުގެ ފުރްޞަތު ދޭކަށް އަހަރެން ބޭނުމެއް ނޫން.] ސުދާގެ އަޑު މަޑުވިޔަސް، އެއީ ބިރުވެރި ނާމާން އަޑެއްގެ ގޮތުގައި އިވި، އަސްޢަދުގެ ކަންފަތްވެސް ހީވީ ބައްވެދާނެހެންނެވެ.

[ދަރިފުޅާ ސުދާ...ނިކަން އަވަހަށް މިތަނަށް އައިސްބަލަ.] ކޮޓަރި ބޭރުން މަންމަގެ އަޑު އިވުނެވެ. ސުދާ ސިހުނެވެ. ހީވަނީ ކުޅޭކުޅޭ ގޭމެއްހެންނެވެ. އޭނާގެ ރޭވުންތެރިކަން ކޮންމެ ދުވަހަކުވެސް ނާކާމިޔާބު ކޮށްލަނީ، އެ ޢާއިލާގެ ކޮންމެވެސް އެކެކެވެ.

[ސުދާ.....] އަނެއްކާވެސް މަންމަގެ ކޮޓަރިތެރޭން އަޑު އިވުނެވެ. ސުދާ ނުކުތެވެ. މާޔޫސީ ފާޑަކަށް ބޯހޫރާލަމުންނެވެ. އޭރުވަނީ މުޢާޒު އޮފީސް ނިންމާފައި ގެޔަށް އަންނަ ގަޑިވެސް ޖެހިފައި ކަމުން، މިފަހަރުވެސް ސުދާގެ ކިބައިން ސަލާމަތްވުމުގެ ނަޞީބު އަސްޢަދަށް ލިބުނެވެ.

އޮޕަރޭޝަން ކުރުމަށްޓަކައި ހޮސްޕިޓަލްގައި އަސްޢަދު އެނދުމަތި ކުރީ، ޖެހިގެން އައި ދުވަހުއެވެ. އެހެންކަމުން، ސުދާ ހުންނަނީ ގޮތްހުސްވެފައެވެ.

ކުޑަކުޑަ އަޒްހާން ރޯތީ ފިރާޝާ މުޢާޒުގެ ފޯނަށް ގުޅާފައި، އަޒްހާން އަތަށް ދިނެވެ. ކުޑަކުޑަ އަޒްހާން ފޯނު ހިފައިގެން، ދެފައި ވައްކޮށް އެނދުގައި އިށީނެވެ. މުޢާޒު ފޯނު ނެގީ ރިންގްވާތާ ނިކަން ގިނައިރުވީ ފަހުންނެވެ.

[ބައްޕީ ބުނީމެއްނު...ކޮއްކޮ ބަލާ އަންނާނަމޭ...ކޮއްކޮ ބޭނުން، މާމަ ކައިރިއަށް ދާންވެސް.] މުޢާޒު ފޯނު ނެގުމާއެކު، އަޒްހާން ޝަކުވާކުރިއެވެ. އެއީ މުޢާޒު ދަރިއަކު ފަދައިން ލޯބިދިން ކުއްޖެކެވެ. ފިރާޝާގެ ފަރާތުން ކޮންމެފަދަ ސިފައެއް ފެނުނު ކަމުގައިވިޔަސް، އަދިވެސް އެ ތުއްތު ދަރިފުޅުދެކެ އޭނާ އިންތިހާއަށް ލޯބިވެއެވެ.

[ކޮއްކޯ ބައްޕީ މިއުޅެނީ ވަރަށް ވަރަށް ބިޒީކޮށް...މިއުޅެނީ އަސްޢަދުބެ ހޮސްޕިޓަލްގައި ބާއްވައިގެން...ދަރިފުޅުގެ މަންމީ ގާތުވެސް ބުނޭ...ބައްޕީ ހޮސްޕިޓަލްގައޭ.] މުޢާޒު ބުންޏެވެ.

އޭރު އަސްޢަދު ފަޅާ ކޮޓަރިއަށް ވެއްދުމަށްޓަކައި ހުރިހާ ތައްޔާރީތަކެއްވެސް ވަނީ ކޮށް ނިމިފައެވެ. އެހެންކަމުން، އަސްޢަދުގެ މޫނުމަތިންވެސް ކޮންމެވެސްވަރެއްގެ އުފާވެރި ކަމެއް ޙިއްޞާކުރާފަދަ އަސަރެއް ފާޅުވެއެވެ.

ޢުބޭދު ހުރީ ނަޒްމާގެ ޝަކުވާޔާހުރެ ގެއިން ނުނުކުމެވިފައެވެ. މުޢާޒު ގުޅާފައި، ވީހާވެސް އަވަހަކަށް އައުމަށް އެދުނީ އެވަގުތުއެވެ.

[އަވަހަށް އަންނާތި...އެހެން ނޫނީ ފަހަތުން ދާނަން.] ނަޒްމާ ބުންޏެވެ. ޢުބޭދު ހީގަންނަމުން ހިނގައިގެންފިއެވެ.

ޙަޤީޤަތުގައި ސުދާ މިހާރަކަށް އައިސް ހުންނަނީ ޢުބޭދާ ދޭތެރޭވެސް ނިކަން ހިތްހަމަނުޖެހިފައެވެ. ޢުބޭދު އަސްޢަދުގެ އޮޕަރޭޝަނަށް ބޭނުންވާ ފައިސާގެ ތަނަވަސްކަން ފޯރުކޮށްދިނީތީއެވެ. ނަމަވެސް، ޢުބޭދަކީ އޭނާގެ ލޯބިވާ ފިރިމީހާއަށް ހެޔޮއެދޭ ރަޙްމަތްތެރިޔަކަށްވާތީ، އޭނާއަށް ގެއްލުންވާފަދަ އެއްވެސް ފިޔަވަޅެއް އަޅާކަށް އޭނާ ބޭނުމެއް ނުވެއެވެ.

ކޮންމެ ގޮތެއްވިޔަސް، އޮޕަރޭޝަން ކުރެވި، ވާހަކަ ދެއްކުމުގެ ކުރިން އަސްޢަދުގެ ކިބައިން އޮތް ނުރައްކާ ނައްތާލަން އޭނާ ބޭނުމެވެ. ނަމަވެސް، އަދި އޭނާއަކަށް އެ ފުރްޞަތެއް ނުލިބެއެވެ. އެންމެ މީހެއްގެ ސަބަބުން އޭނާގެ އުފާވެރި ޙަޔާތުގައި ނިމުމުގެ ސިއްކަޖެހޭކަށް ފަހަރެއްގައިވެސް އޭނާ ބޭނުމެއް ނޫނެވެ.

[ދަރިފުޅާ...ސުދާ އެސޮރު އޮޕަރޭޝަންކުރާ ތަނަށް ވައްދައިފިތަ؟] ގޭގައި ހުރި މަންމަ ޙަފީޒާގެވެސް ހުރިހާ ފިކުރަކީ އަސްޢަދެވެ.

[އަދި ނުވައްދަޔޯ...އެކަމަކު ދެން މާގިނައިރެއް ނުވާނެޔޯ. އިރުކޮޅެއްފަހުން އަހަރެމެންވެސް ހޮސްޕިޓަލަށް ދާނީ.] ސުދާ މަންމަގެ ބޯ އޮމާންކޮށްދެމުން ވާހަކަ ދެއްކިއެވެ.

[އަވަހަށް ހިނގާ ދާން...މިހާރު ޒަކީވެސްވީ އެތާނގައޭދޯ.] މަންމަގެ ހިތް އަވަސްވިއެވެ. އެދުވަހު ސުދާއާއި ޙަފީޒާއަށް ހޮސްޕިޓަލަށް ދެވުނުއިރު، އަސްޢަދު އޮޕަރޭޝަން ތިއޭޓަރަށް ވައްދައިފިއެވެ. ސުދާގެ ހިތް އަވަސްވިއެވެ. އިންތިހާއަށް ހާސްވެ ކަންބޮޑުވުމުގެ ސަބަބުން އިސާހިތު މުޅި މީހާ ދާހިއްލާ ފޯވެއްޖެއެވެ.

[ސުދާ ހާދަ ހާސްވެފައި] މުޢާޒު އަނބިމީހާގެ އިޙްސާސްތައް ދެނެގަތެވެ. ސުދާ ތެޅިގަތީ މުޢާޒަށް ޝައްކެއްވީހެން ހީވެގެނެވެ.

[ހާހެއްނުވޭ...މިތަން މާ ހޫނުގަދައީނު....] ސުދާ ހަމަޖެހިލިއެވެ. ނަމަވެސް، އޭރުވެސް އޭނާގެ މޫނުމަތީގެ ހާސްކަމެއް ފިލައިގެނެއް ނުދެއެވެ.

ކާމިޔާބު އޮޕަރޭޝަނަކަށްފަހު، އަސްޢަދު ފަޅާ ކޮޓަރިން ނެރުނީ، އެދުވަހު އިރުއޮއްސުނު ފަހުންނެވެ. ޑޮކްޓަރު ބައިގަޑިއެއްހާއިރުތެރޭ ހޭއަރާނެ ކަމަށް ބުނެފައި ދިޔުމުން، ޢާއިލާގެ ހުރިހާ މެންބަރުންތައް އަސްޢަދު އޮތް އެނދު ކައިރިއަށް ފުނިޖެހުނެވެ. އަސްޢަދުގެ ފުރަތަމަ ޖުމްލައިގެ އަޑުއަހާލުމަށް ކޮންމެ މީހަކުވެސް ވަނީ ކެތްމަދުވެފައެވެ.

ސުދާ ބޭރަށް ނުކުތެވެ. ނިކަން ގިނައިރު ވަންދެން ވިސްނަން ހުރެފައެވެ. ވެދާނެއެވެ. އޭނާގެ ސިކުނޑިއަށް ރަނގަޅު ޚިޔާލެއް ފައިދާވިއެވެ. އެހެން ނޫންނަމަ، އެ އެންމެން އަސްޢަދު ހޭއަރަންދެން އިންތިޒާރު ކުރަމުންދާއިރު، އޭނާވެސް ނުނިކުންނާނެއެވެ. އޭނާވެސް ހުރީހީ އިންތިޒާރުގައެވެ. އޭނާ ބޭރަށް ނުކުމެވީ އިރުކޮޅެކެވެ. އޭނާ އަނެއްކާވެސް އަސްޢަދު އޮތް ވޯޑާ ދިމާއަށް އެނބުރިއްޖެއެވެ. އޭރު އޭނާގެ ތުންފަތްމައްޗަށް ވެރިވެފައިވަނީ ވިހަ ހިނިތުންވުމެކެވެ. އޭނާ މަޑުމަޑުން ހިނގާފައި ގޮސް ވޯޑަށް ވަދެއްޖެއެވެ. އެކަމަކު އޭނާ އެތަނަށް ވަންކަން ދެނަހުރި އެއްވެސް މީހަކު ހުރިހެނެއް ހިއެއްނުވެއެވެ. ތެދެކެވެ. މިހާރު އޭނާ އެހުރި ސިފައިން އަސްޢަދު ނޫން އެއްވެސް މީހަކަށް އޭނާއެއް ނުފެންނާނެއެވެ. އޭނާގެ މިޞްރާބު އެހުރީ ސީދާ އަސްޢަދު އޮތް އެނދާ ދިމާއަށެވެ. އޭރު އަސްޢަދު ގާތުގައި އޭނާގެ މަންމައާއި ބައްޕަގެ އިތުރުން، ސުދާގެ ބައްޕައާއި މުޢާޒާއި ޢުބޭދުމެން ތިއްބެވެ. އެންމެން ތިބީ އެނދުގެ ވަށައިގެންނެވެ. ނަމަވެސް، ސުދާގެ އެއްވެސް ފަރުވާލެއް ނެތެވެ. އޭނާ އެ އެންމެންތަކުގެ ތެރެއިން އައިސް އެނދުގެ މަގަތަށް ހުއްޓިއްޖެއެވެ. އަސްޢަދު ހޭއަރާނެ ކަމަށް ޑޮކްޓަރު ބުނި ވަގުތުވެސް ޖެހެނީއެވެ. އެ ފުރްޞަތު އޭނާއަށް ދޭކަށް ސުދާ މަޑެއް ނުކުރާނެއެވެ.

[މުޢާޒު...އަސްޢަދު އެސްފިޔަ އެބަ ތަޅުވާ....] އަސްޢަދުގެ އެސްފިޔަ ޙަރަކާތް ކުރިތަން އެންމެ ފުރަތަމަ ފެނުނީ ޢުބޭދަށެވެ. އޭރުވެސް އެނދުގެ މަގަތުގައި ހުއްޓިގެން އަސްޢަދާ ދިމާއަށް ބަލަން ސުދާ ހުއްޓެވެ. އެވަގުތު ސުދާގެ ދެއަތް މަޑުމަޑުން އަސްޢަދުގެ ކަރާ ދިމާއަށް ޙަރަކާތް ކުރަން ފަށައިފިއެވެ. އެ އަތްތިލައިގައި ވަނީ ތޫނު ވަކިތަކެކެވެ. މޫނާއި ހަށިގަނޑު ވަނީ ބިރުވެރި ސިފައަކަށް ބަދަލުވެފައެވެ. އަސްޢަދު ރަނގަޅަށް ހޭއެރީ އެވަގުތުއެވެ. އޭނާ ދެލޯ ހުޅުވިއެވެ. ފުރަތަމަވެސް އޭނާގެ ނަޒަރަށް އެރީ ކުރިމަތީގައި އޭނާގެ ކަރާ ދިމާއަށް އަތް ދިއްކޮށްގެންހުރި ސުދާއެވެ. ބިރުވެރި ސިފައިގައި ހުއްޓަސް އެއީ ސުދާކަން އޭނާއަށް އެނގުނެވެ. ސުދާގެ އަތް މަޑުމަޑުން ޙަރަކާތް ކުރަން ފެށީ އަސްޢަދުގެ ކަރާ ދިމާއަށެވެ. އެވަގުތު އަސްޢަދު ވާހަކަ ދައްކަން އަނގަ ހުޅުވަން އުޅުނެވެ. ނަމަވެސް، އެ އަނގައިގައި ވާގިހުރިހެނެއް ހިއެއް ނުވެއެވެ.

[ކޮއްކޮ....ވާހަކަ ދައްކަބަލަ...ކޮންމެވެސް ވާހަކައެއް ބުނާކަށްނު ތިއުޅެނީ.] މުޢާޒު އަސްޢަދު ގާތަށް ޖެހި، އަސްޢަދުގެ ބޮލުގައި އަތް ކާއްތާލިއެވެ. ސުދާ އަސްޢަދާ ދުރަށް ޖެހިލިއެވެ. ހީވެއެވެ. އޭނާއަށް ކޮންމެވެސް ކަމެއް އެނގި ޔަޤީންވީއެވެ. ޔަޤީނެވެ. އޭނާ އެހެން ނޫންނަމަ، އަސްޢަދު ސަލާމަތުން ދޫކޮށެއްނުލާނެއެވެ.

ދެންވެސް އަސްޢަދު މަސައްކަތް ކުރަމުން ދިޔައީ، އޭނާގެ ދުލަށް ބާރު ލިބޭތޯއެވެ. އޭނާ ބޭނުންވެއެވެ. ޖިންނި ސުދާގެ ޙަޤީޤަތް ބޭބެއަށް ކިޔައިދީ، ޖިންނީގެ ކިބައިން ބޭބެ ސަލާމަތްކުރާށެވެ. ނަމަވެސް، މިއަދު އޭނާއަކީ އެކަމަށް ނުކުޅެދިފައިވާ މީހެކެވެ.

އޮޕަރޭޝަން ކާމިޔާބާއެކު ނިމި، އަސްޢަދަށް ވާހަކަ ނުދެއްކީނީތީ ޑޮކްޓަރުވެސް ހުރީ ވަރަށް ޙައިރާންވެފައެވެ.

[މިހާރު އަސްޢަދަށް ވާހަކަ ނުދެއްކެންވީ އެއްވެސް ސަބަބެއް ނެތް....އެންމެންވެސް އޭނާއަށް ހިތްވަރުދޭންވީ. ވާހަކަ ދެއްކުމަށް ބާރުއަޅަންވީ.] ޑޮކްޓަރު އޮބްރޯއީ ވާހަކަ ދެއްކީ މުޢާޒާއެވެ. އޭރުވެސް ދުރުގައި މަންޒަރު ބަލަން ސުދާ އިނެވެ. އެހެން މީހުންނަށް ނުފެންނާނޭހެނެވެ.

ވަސީމް އޭނާގެ ރަޙްމަތްތެރިޔާ ޢަލިމަނިކާއެކު އައިސް އެތަނަށް ވަނީ ޑޮކްޓަރުވެސް އިތުރަށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރުމަށް އަސްޢަދަށް ބާރުލައިދީފައި ދިޔަތަނާހެނެވެ. ޢަލިމަނިކު ފެނުމާއެކު، ސުދާ ތުރުތުރުއަޅައިގަތެވެ. އޭނާ އަވަސް އަވަހަށް އެތަނުން ދުރަށް ޖެހިލިއެވެ. ޢަލިމަނިކަށް އޭނާގެ ވަސް އިޙްސާސް ނުކުރެވޭނެހާ ދުރަށެވެ.

އެތާ ނުހުރެ ތެޅިތެޅި އޮތް ހިތަކާއެކު ސުދާ ދިޔައީ ގެޔަށެވެ. ޢަލިމަނިކަށް ނުފެންނާނެހެން މަންމަވެސް ގޮވައިގެނެވެ. އޭރުވެސް ހޮސްޕިޓަލްގައި ވަރަށްގިނަ އެހީތެރިން އަސްޢަދަށް އެހީތެރިވުމަށްޓަކައި ތިއްބެވެ.

މުޢާޒާއި ޢުބޭދެވެ. ޒަކީއާއި ވަސީމާއި ޢަލިމަނިކެވެ. ޢުބޭދުގެ ޖީބުގައި އޮތް މޯބައިލް ފޯނު ރިންގްވާން ފެށީ އޭނާވެސް އެތާނގައި ހުންނަތާ ދެގަޑިއެއްހާއިރުވީ ފަހުންނެވެ.

[ހަލޯ ނަޒްމާ...ހޮސްޕިޓަލްގައޭ...ބައިގަޑިއެއްހާއިރު ފަހުން އެބަދަން.] ޢުބޭދު އެހެން ބުނެލާފައި ފޯނު ކަނޑާލިއެވެ. ނަޒްމާ ގާތަށް ރުޅިއައީ ކަމަށްވެސް ވެދާނެއެވެ. އަނެއްކާވެސް އޭނާ ގުޅައިފިއެވެ.

[އަހަންނޭ ގުޅީ...ޢުބޭދު ބޭނުންވާ އެއްޗެއް ބުނެވުނީމަ ބާއްވަންވީތަ؟ ކާންހަދައިގެން ކާމޭޒު ވަށައިގެން ޠަވާފްކޮށްކޮށެއް އަހަންނަކަށް ނުހުރެވޭނެ...މިހާރު ބޭރުގައި އުޅޭތާ ކޮންއިރެއް؟ ޢުބޭދު އަބަދު ބޭރުގައި....އަހަރެން ހުންނަން މިޖެހެނީ ގޭތެރޭ ބަނދެވިފައި.] ޢުބޭދު ފޯނު ނެގުމާއެކު، ޢުބޭދަށް އެއްވެސް ފުރްޞަތެއް ނުދީ ނަޒްމާ ފަތިވަރެއްހެން އަމުނާލިއެވެ.

[ނަޒްމާ ގާތު އަހަރެން ނުބުނަންތަ ކާން ނުދެވޭނެ ވާހަކަ.] ނަޒްމާ އައި ރުޅީގައި ޕަސްލާފައި ފޯނު ޖަހައިފިއެވެ. އެއީ އަބަދުވެސް ޢުބޭދު ގެޔަށް ގެނައުމަށް އޭނާ ހަދާ ފަންޑިތައެކެވެ. މިފަހަރުވެސްވީ ކުރީ ފަހަރުތައްހެނެވެ. މާގިނައިރުތަކެއްނުވެ ޢުބޭދު ގެޔަށް އައިސް ވަދެއްޖެއެވެ. އައިއިރު ޢުބޭދުވެސް ހުރީ ކޮންމެވެސް ވަރަކަށް ރުޅިއައިސްފައެވެ. އެހެން ނަމަވެސް، އެވަގުތު ކާމޭޒުމަތި ފެނުމުން، އޭނާގެ ރުޅިގަނޑު ހިނދުނެވެ. ޢުބޭދު ބަލާކަށް ނުހުރެ ކާން ފެށިއެވެ. ހިތްހަމަނުޖެހިފައި ހުރި ނަޒްމާ ތަންކޮޅެއް ދުރުގައި އިން ގޮނޑިއެއްގައި އިނެވެ. ޢުބޭދު ކާން ފެށުމުން، އޭނާ އައިސް ސައި ހަދައިދިނެވެ.

[ނަޒްމާ ކައިފިންތަ؟] ޢުބޭދު ނަޒްމާގެ މޫނަށް ބަލައިލިއެވެ.

[އަހަރެން ނުކެޔަސް ވަރިހަމަނުން.] ނަޒްމާ ޖަގު ހިފައިގެން ހިނގައިގަތެވެ. ޢުބޭދު ކާންފެށިއެވެ.

[ނަޒްމާ ނުކެޔަސް އަހަންނަށް ވަރިހަމައެއް ނޫނޭ....ނަޒްމާއަށް އެއްޗެކޭ ހީވެގެން އުޅުނަސް، އަހަންނަކީ ނަޒްމާ ތިހީކުރާ ކަހަލަ މީހެއް ނޫނޭ...ދެން ރުޅިމަޑުކޮށްގެން އާދޭ އަހަންނާއެކު ބައިވެރިވެލަން.] ޢުބޭދު އެއްލި އަތުން ނަޒްމާގެ އަތުގައި ހިފެހެއްޓިއެވެ. ޢުބޭދުގެ އެ ޙަރަކާތުން ނުހޭން ހުއްޓަސް، ނަޒްމާ ގާތަށް ހިނިއައެވެ. އެއީ އަބަދުވެސް އޭނާގެ އާދައެވެ. ނަޒްމާ ކަމަކާ މާބޮޑަށް ހިތްހަމަނުޖެހިފައި ހުރިއްޔާ، ހެއްވާލާފައި ނޫނީ ދުލެއްނުކުރާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން