މާލޭގެ މަގެއްގައި ސައިރަން އަޅަމުންދިޔަ އެމްބިއުލާންސަކަށް ޖާގަ ނުދީ، މަގު ބްލޮކްވާ ގޮތަށް މުދާ ބާލަން މަޑުކޮށްގެން އޮތް ޕިކަޕް ދުއްވަން އިން ޑްރައިވަރުގެ މައްސަލަ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބަލަން ފަށައިފިއެވެ.

މީސްމީޑިއާގައި މިހާރު ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަ ގޮތުގައި، އެއްކޮޅަށް ދުއްވާ ހަނި މަގެއްގައި އެމްބިއުލާންސެއް ސައިރަން އަޅަމުން ދިޔައިރުވެސް، އޭގެ ކުރީގައި އޮތް ކުޑަ ޕިކަޕެއް މަގު ބްލޮކްވާގޮތަށް މަޑުކޮށްގެން އޮތެވެ. އެ ވަގުތު އެ ޕިކަޕުން މުދާ ހުސްކުރަމުންދިޔަ މަންޒަރު ފެންނަ އިރު، އެމްބިއުލާންސްގެ ފަހަތުގައި ތިބި އެހެން އުޅަނދުތަކުން ބަރުގޮނު އަޅައި ކަންބޮޑުވުން ފާޅުކުރަމުން ދިޔައެވެ.

މި ވީޑިއޯއިން ފެންނަ ގޮތުގައި، ޕިކަޕް އެތަނުން ނެގީ އެއްވެސް އަވަސް އަރުވާލުމެއް ނެތި މުދާތައް ބާލައި ނިންމުމަށްފަހުގައެވެ. އަދި ޕިކަޕް ދުއްވަން އިން ޑްރައިވަރު، އެ މަންޒަރު ވީޑިއޯ ކުރަން ހުރި މީހާއާ ދިމާލަށް ކޮންމެވެސް އެއްޗެއް ބުނާ އަޑު އިވެއެވެ. ނަމަވެސް އެމްބިއުލާންސްގެ ސައިރަންގެ އަޑު ގަދަވުމުގެ ސަބަބުން އޭނާ ބުނި އެއްޗެއް ސާފެއް ނުވެއެވެ.

މި ހާދިސާއާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ޑްރައިވަރަށް އަމާޒުވެފައި ވަނިކޮށް، ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނީ އެ މައްސަލަ ހިނގައިދިޔަ ގޮތް ވަރަށް ސީރިއަސްކޮށް ބަލަމުންދާ ކަމަށެވެ. އަދި މިކަމުގައި ގަވާއިދާ ޚިލާފު ކަންތައްތަކެއް ހުރި ނަމަ، ޑްރައިވަރާ މެދު ފިޔަވަޅު އަޅާނެ ކަމުގެ ޔަގީންކަން ވެސް މިނިސްޓްރީން ވަނީ ދީފައެވެ.



މާލޭގެ ކާރުބާރު ބޮޑު މަގުތަކުގައި، ޚާއްޞަކޮށް މުދާ ބޭލުމަށް މަގުތައް ބްލޮކް ކުރުމަކީ އާންމުވެފައިވާ ކަމެކެވެ. މީގެ ދުވަސްކޮޅެއް ކުރިން ވެސް، ރައީސް އޮފީސް ކައިރިން އަނބުރާލަން އުޅުނު އެމްބިއުލާންސަކަށް މަގު ނުދައްކައިގެން ބައެއް އުޅަނދުތަކުގެ މައްސަލަ ފެންމަތިވެފައިވެއެވެ.

ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި ދުއްވާ އުޅަނދުތަކަށް އިސްކަން ދިނުމަކީ ގާނޫނީ ގޮތުންނާއި އަޚުލާގީ ގޮތުން ވެސް ކޮންމެހެން ކުރަންޖެހޭ ކަމެއްކަން ކަމާބެހޭ ފަރާތްތަކުން އަބަދުވެސް ހަނދާންކޮށްދެއެވެ.



ކިޔުންތެރިންގެ ހިޔާލު