ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު އިހަވަންދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

މިއަދު ހަވީރު އިހަވަންދޫގައި ކުރިއަށްދިޔަ މި ބައްދަލުވުންތަކުގައި ޝާހިދު ވަނީ އެ ރަށު ކައުންސިލަށާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ (އތމ) ކޮމިޓީގެ ބައި-އިލެކްޝަނުގައި އެމްޑީޕީގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންނާއެކު ރަށުގެ ގިނަ އަދަދެއްގެ ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާފައެވެ.

މި ބައްދަލުވުމަށްފަހު ޝާހިދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިހަވަންދޫގެ ރައްޔިތުން މިހާރު ތިބީ މި ސަރުކާރުގެ ސިޔާސަތުތަކާމެދު ވަރަށް ބޮޑަށް ފޫހިވެ، ހިތްހަމަނުޖެހިފައި ކަމަށެވެ. އަދި ރާއްޖޭގެ ކަންކަން އަލުން ހަމަމަގަށް އެޅުވޭނީ ހަމައެކަނި އެމްޑީޕީއަށް ކަމަށް ރައްޔިތުން ގަބޫލުކުރާކަމަށް ޝާހިދު ވިދާޅުވިއެވެ.

މީގެ އިތުރުން ޝާހިދު އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަކީ ސަރުކާރުގެ މިހާރުގެ މިސްރާބާމެދު ރައްޔިތުންގެ މެސެޖެއް ދޭންޖެހޭ ވަގުތު ކަމަށް އިހަވަންދޫގެ ރައްޔިތުން ބުނަމުންދާ ކަމަށެވެ. އަދި މި އިންތިޚާބުގައި އިހަވަންދޫ އިން އެމްޑީޕީ ފުރިހަމަ ކާމިޔާބީއެއް ހޯދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި ކެމްޕެއިން ދަތުރުފުޅުގައި އެމްޑީޕީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވާއިރު، އިދިކޮޅު ޕާޓީގެ ހަރަކާތްތައް މި ދުވަސްވަރު ވަނީ އަތޮޅުތެރޭގައި ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު