މާތްވެގެންވާ މައްކާގެ މަސްޖިދުލް ހަރާމްގެ ތެރެއިން ފެނިގެންދިޔަ ނުހަނު އަސަރުގަދަ އަދި އެހާމެ ޢިބްރަތްތެރި މަންޒަރަކުން މުޅި އިސްލާމީ އުންމަތުގެ ހިތްތައް މަޑުމޮޅިކޮށްލައިފިއެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ، އުމުރުން ދުވަސްވީ ބަލިކަށި މަންމަ ކަނދުރާ މައްޗަށް ލައިގެން، ވަރުބަލިކަމެއް ނެތި ކައުބަތުﷲ ގެފުޅުގެ ވަށައިގެން ޒުވާނަކު ތަވާފު ކުރަމުންދިޔަ މަންޒަރެވެ. މި މަންޒަރަކީ މައިންބަފައިންނަށް ކަމޭހިތުމާއި، އެމީހުންނަށް އޯގާތެރިވުމުގެ އެންމެ މަތިވެރި ނަމޫނާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ އެ ޒުވާނާއަށް ތައުރީފު ކުރަމުންނެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި، އެ ޒުވާނާ އޭނާގެ މަންމަ ކަނދުރާ މައްޗަށް އުފުލައިގެން ތަވާފު ކުރަމުންދިޔައިރު، މަންމަގެ މޫނުމަތިން ފެންނަނީ ނުހަނު ބޮޑު ހިތްހަމަޖެހުމާއި އުފާވެރިކަމެވެ.

މަންމަ އޭނާގެ ދަރިފުޅުގެ ނިތްކުރިން ދާތިިކިތައް ފޮހެދީ، ލޯތްބާއެކު ދަރިފުޅުގެ ބޮލުގައި ބޮަސްދެމުންދިޔަ މަންޒަރަކީ ބަލާލަން ހިތްގައިމު، އަދި ހަމަ އެހާމެ އަސަރުގަދަ މަންޒަރެކެވެ. އެ ވަގުތު އެތަނުގައި ތިބި އެހެން ޙައްޖާޖީންނާއި އުމްރާވެރިންވެސް، މި މާތް ޢަމަލަށް ބަލަހައްޓައިގެން ތިބީ ކަރުނުން ފުރިގެންވާ ލޮލަކާއެކުގައެވެ.

މި ވީޑިއޯއަށް ކޮމެންޓު ކުރި ގިނަ ބަޔަކު ފާހަގަކޮށްފައިވާ ގޮތުގައި، އެ ޒުވާނާ އެ އުފުލަނީ ހަމައެކަނި އޭނާގެ މަންމައެއް ނޫނެވެ. އޭނާ އެ އުފުލަނީ އޭނާގެ "ސުވަރުގެ" އެވެ.

ކީރިތި ރަސޫލާ ﷺ ގެ ޙަދީޘްފުޅެއްގައިވާ ފަދައިން، ސުވަރުގެ ވަނީ މައިންގެ ފައިތިލަދަށުގައެވެ. އެހެންކަމުން، މުސްކުޅިވުމުގެ ސަބަބުން އަމިއްލައަށް ހިނގާބިނގާވެ ނޫޅެވޭ މަންމަ ގޮވައިގެން އުމްރާގެ އަޅުކަން ފުރިހަމަކޮށްދިނުމަކީ އެ ޒުވާނާއަށް ލިބުނު ނުހަނު ބޮޑު ނަސީބެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

މި ހާދިސާއަކީ މިއަދުގެ ޒުވާން ޖީލަށް ދޫކޮށްލި ވަރުގަދަ މެސެޖެކެވެ. ދުނިޔޭގެ ކަންކަމުގައި މަޝްޣޫލުވެ، މައިންބަފައިން މުސްކުޅިވާ ދުވަހު އެމީހުންނަށް އަޅާނުލެވި ތިބޭ ދަރިންނަށް، މިއީ އޯގާތެރިކަމުގެ ލާމަސީލު މިސާލެކެވެ.

މަންމަ ބަނޑުގައި އުފުލި އުފުލުމާއި، ކުޑައިރު ބަލައިބޮޑުކުރުމުގައި އުފުލި ތަކުލީފުތަކުގެ ބަދަލު ދުވަހަކުވެސް ނުދެވޭނެކަން ދަންނަވައި، އޭނާ އެ ކޮށްދިން ކަމަކީ ގިނަ ބައެއްގެ ހިތްތަކަށް ދީނީ ރޫޙާއި ކިޔަމަންތެރިކަން އާލާކޮށްދިން ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު