މަރްޔަމް ނަހްދާ ވަޙީދު   24 ފެބްރުއަރީ 2026 - 10:17
ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީގެ ފަރާތުން ދިވެހިރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް 15 ޓަނުގެ ކަދުރު ރަސްމީކޮށް ހަދިޔާކޮށްފިއެވެ.

މި ތަކެތި ހަދިޔާކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސައުދީ ސަރުކާރުގެ ފަރާތުން މި ކަދުރުތައް ރަސްމީކޮށް ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީއެވެ. ދިވެހި ސަރުކާރުގެ ފަރާތުން މި ތަކެއްޗާ ހަވާލުވެވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އިތުރުން އެ ގައުމުގެ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމަށްޓަކައި އިހުލާސްތެރި ޝުކުރެއް އަދާކުރައްވާފައެވެ. އަދި ސައުދީގެ އިސްލާމިކް މިނިސްޓަރު ޝައިހް ޑރ. އަބްދުލްލަތީފް ބިން އަބްދުލްއަޒީޒް އާލްޝައިހް އިސްލާމީ އުންމަތުގެ ލާބަޔާއި މަންފާއަށް ކުރައްވާ މުހިންމު މަސައްކަތްޕުޅުތަކަށް މިނިސްޓަރު ޝަހީމް ވަނީ ތައުރީފު ކުރައްވާފައެވެ.

މީގެ އިތުރުން، ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރަމުންދާ މަސައްކަތްތައް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ސައުދީ ސަރުކާރުން އަބަދުވެސް ރާއްޖެއަށް އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށާއި، އެގައުކުން ހަދިޔާކުރި ކަދުރަކީ ވެސް އެ ގާތް ގުޅުމުގެ ރަމްޒެއް ކަމަށެވެ.

ސައުދީ އަރަބިއްޔާ އިން މި އަހަރުގެ ތެރޭގައި ޖުމްލަ 50 ޓަނުގެ ކަދުރު ދިވެހިންނަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، ރަސްމީކޮށް ހަވާލުކުރި 15 ޓަނުގެ އިތުރުން ބާކީ ހުރި ކަދުރުތައް ރާއްޖެއަށް ގެނައުމުގެ މަސައްކަތް ދެ ގައުމުގެ ކަމާބެހޭ އިދާރާތައް ގުޅިގެން މިހާރު ދަނީ ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު