ރަސްގެފާނު ހުންނެވީ ނުހަނު ކަންބޮޑުވެފައެވެ. އެމަނިކުފާނުގެ ރަސްކަން އޮތީ އެއް ކަނޑުން އަނެއް ކަނޑަށް ފެތުރިފައިވާ ވަރަށް ތަނަވަސް އަދި މުއްސަނދި ގައުމެއްގައެވެ. މާތްﷲ ވަނީ އެ ބިމަކީ ގަސްގަހާގެހި ހެދޭ ފަސްގަނޑެއް ކަމުގައި ލައްވައި، ބަރަކާތްތެރި ވާރޭ މިންވަރުކުރައްވާފައެވެ. އުސް ފަރުބަދަތަކުން ވިރޭ ސުނޯތައް ކޯރުތަކަށް ބަދަލުވެ، މުޅި މައިދާންތަކަށް ފެން ފޯރުކޮށްދެމުންދިޔައެވެ. ބިމުން އުފެދޭ ފެންއާރުތަކުން މުޅި ގައުމަށް ދިރުން ލިބިފައިވާއިރު، އެއްކޮޅުން އަނެއްކޮޅަށް ފެންނަން އޮތީ ބަގީޗާތަކެވެ. މޭވާތަކާއި ގޮވާންތަކުން ބިން އޮތީ ފުރިފައެވެ.

އެހެންނަމަވެސް، ރައްޔިތުން ތިބީ އުފަލަކު ނޫނެވެ. ގޮވާންތައް ގިނަ ނަމަވެސް، ގައުމުގައި އޮތީ ބަނޑުހައިހޫނުކަމެވެ. ބާޒާރުތަކުގައި ތަކެތި ހުރި ނަމަވެސް، ވިޔަފާރިވެރިން ދިޔައީ އޮޅުވާލަމުންނެވެ. ރަސްގެފާނުގެ މުވައްޒަފުންނަށް ބޮޑު މުސާރަ ލިބުނު ނަމަވެސް، އެމީހުން ދިޔައީ ރިޝްވަތު ހިފަމުންނެވެ. ދީނީ އިލްމުވެރިން މީހުންނަށް އިވޭ ވަރަށް ބާރަށް ނަމާދުކޮށް، ދުޢާކުރި ނަމަވެސް، އެމީހުން ދިޔައީ ނަފްރަތު ފަތުރަމުންނެވެ. ފާރަވެރިން ވަގުންނަށް ބަދަލުވެ، އަޚްލާގީ މިންގަނޑުތައް ހިފަހައްޓަން ތިބި މީހުންނަކީ އެންމެ ބޮޑަށް އަޚްލާގުން ބޭރުވި މީހުން ކަމުގައި ވިއެވެ. އަންހެނުންނަށް އަނިޔާކޮށް، ކުޑަކުދިން ވަގަށް ނަގައި، ދުރު ރަށްރަށަށް އަޅުންގެ ގޮތުގައި އަގުހެޔޮކޮށް ވިއްކަމުންދިޔައެވެ.

ރަސްގެފާނު ބޮޑުވަޒީރު ހާޒިރުކުރެއްވިއެވެ. "އަހަރެންގެ ރައްޔިތުން މިހާ ނުތަނަވަސްކޮށް އުޅެނީ ކީއްވެގެން ހެއްޔެވެ؟" ރަސްގެފާނު ސުވާލުކުރެއްވިއެވެ. "މާތްﷲ އަހަރެމެންގެ ބިމަށް ބަރަކާތްތެރި ވާރޭއާއި ގިނަގުނަ ގޮވާންތައް ދެއްވިއެވެ. ނަމަވެސް ރައްޔިތުން ތިބީ ފަގީރުކަމާއި ބަނޑުހައިހޫނުކަމުގައެވެ. މިސްކިތްތަކާއި ފައްޅިތައް އަޅުވެރިންނުން ފުރިފައިވާއިރު، ކޮންމެ ދިމާލަކުން ފެންނަނީ ނަފްރަތެވެ. މިއީ ކީއްވެގެންވާ ކަމެއް ހެއްޔެވެ؟"

ބޮޑުވަޒީރު އިރުކޮޅަކު ފުންކޮށް ވިސްނާލެއްވިއެވެ. އޭނާގެ މުސްކުޅި މޫނުމަތިން ފެންނަނީ ފުން ޚިޔާލެއްގައި ހުރި ކަމުގެ ނިޝާންތަކެވެ. "މާތް ރަސްގެފާނެވެ،" ބޮޑުވަޒީރު ޖަވާބުދެއްވިއެވެ. "އަޅުގަނޑު މަނިކުފާނުގެ އަރިހުން ކަމަކަށް އެދެމެވެ. އެކަން އެގޮތަށް ވެއްޖެނަމަ، މި ގައުމުގައި މިހާ ބޮޑު ހިތްދަތިކަމެއް އޮތް ސަބަބު އަޅުގަނޑު މަނިކުފާނަށް ސާބިތުކޮށްދޭނަމެވެ."

"ބޭނުންވާ ކަމަކަށް އެދޭށެވެ. ތިބާގެ އަޑު އިވޭނެއެވެ،" ރަސްގެފާނު ވިދާޅުވިއެވެ.

ބޮޑުވަޒީރު ދެންނެވިއެވެ. "މަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ދެ ޖާފަތެއް ތައްޔާރުކޮށްދެއްވާށެވެ. އޭރުން މަނިކުފާނުގެ ރަސްކަން ހަލާކުކުރަމުންދާ ބަލިމަޑުކަން އަޅުގަނޑު ދައްކައިދޭނަމެވެ."

ރަސްގެފާނު ހުންނެވީ ހައިރާންވެފައެވެ. "މި މުސްކުޅި ބޮޑުވަޒީރުގެ ސިކުނޑީގައި ރާވާފައިވަނީ ކޮން ކަމެއްބާވައޭ" ރަސްގެފާނުގެ ހިތްޕުޅަށް އެރިއެވެ. ނަމަވެސް ބޮޑުވަޒީރުގެ ބުއްދިވެރިކަމަށް ރަސްގެފާނު އިތުބާރުކުރައްވައެވެ. "އެންމެ ރަނގަޅެވެ. ތިޔަބުނި ގޮތަށް ކަންތައް ކުރާށެވެ!" ރަސްގެފާނު އަމުރުކުރެއްވިއެވެ.

ފުރަތަމަ ޖާފަތުގެ ދުވަސް ކަނޑައެޅުނެވެ. ރަސްގެފާނުގެ ގަނޑުވަރުން މުޅި ގައުމަށް އިއުލާނު ކުރެވުނީ، ސަރުކާރުގެ މުވައްޒަފުންނާއި، މިސްކިތްތަކާއި ފައްޅިތަކުގައި އިސްކޮށް އުޅޭ ދީނީ މީހުންނަށް ރަސްގެފާނު ދެއްވާ ޚާއްޞަ ޖާފަތެއް އޮތް ކަމަށެވެ.

ކަނޑައެޅުނު ދުވަހު، ދީނީ އިލްމުވެރިންނާއި މުވައްޒަފުން އެމީހުންގެ އެންމެ ރީތި ހެދުމުގައި، އަސްތަކާއި ހިމާރުތަކުގައި އައެވެ. އެމީހުން ތިބީ ނުހަނު ފަރިވެ، ތަރުތީބުވެގެންނެވެ. ޖާފަތް ބާއްވާ ހޯލުގެ ދޮރުމައްޗަށް އެންމެން އެއްވެ، ކިއޫގެ ކުރިއަށް އެރުމަށްޓަކައި އެކަކު އަނެކަކު ކޮއްޕައި ތޮއްޖެހެމުންދިޔައެވެ.

ބޮޑުވަޒީރު ވަޑައިގެން، އެމީހުންގެ ކިބުރުވެރިކަން އިމްތިހާނުކުރުމަށްޓަކައި ސުވާލުކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން ވެރިއަކީ ކާކު ހެއްޔެވެ؟"

ކޮންމެ މީހަކުވެސް ޖަވާބުދިނީ، "އަހަރެންނެވެ. މި އެންމެންގެ ވެރިއަކީ އަހަރެންނެވެ. ރަސްގެފާނުގެ އަރިހުގައި އިށީނުމުގެ ހައްގު ލިބިގެންވަނީ އަހަރެންނަށެވެ."

ރަސްގެފާނު އެހެން ދޮރަކުން ވަޑައިގެން ރަން އާސަނެއްގައި އިށީނދެވަޑައިގަތެވެ. ދީނީ މީހުންނާއި މުވައްޒަފުންނަށް ދޮރު ހުޅުވާލުމާއެކު، އެމީހުން އެކަކު އަނެކަކު ފައިދަށުކޮށްލަމުން، ރަސްގެފާނުގެ އަރިހަށް ދިއުމަށްޓަކައި ހޯލު ތެރެއަށް ދުވެގަތެވެ. ގޮނޑިތައް ފުރޮޅި، މުޅި ތަނުގައި އޮތީ ބޮޑު ހައިޖާނެކެވެ.

ރަސްގެފާނު ހިމޭނުން ހުންނަވައި މި މަންޒަރު ބައްލަވަމުން ގެންދެވީ، ބޮޑުވަޒީރު މިފަދަ އަދަބުކުޑަ ބައެއް ހާޒިރުކުރެއްވީ ކީއްވެގެންބާވައޭ ހިތްޕުޅަށް އަރުވަމުންނެވެ. ބޮޑުވަޒީރު އަމުރުކުރެއްވުމުން އެންމެން އިށީނުމުން ކާތަކެތި ސާވްކުރަން ފެށުނެވެ.

ކާތަކެތި ގެނެވުނީ ރިހި ތަށިތަކުގައެވެ. ގަނޑުވަރުގެ ބަދިގެއިން އައި މީރުވަސް މުޅި ހޯލުގައި ހިފާލިއެވެ. ދެން ސަމުސާތައް ގެނެވުނެވެ. ކޮންމެ ސަމުސަލަކީ ހަތަރު ފޫޓު ދިގު އުނދުއްޔެކެވެ. ދީނީ މީހުންނާއި މުވައްޒަފުން އެ އުނދުލިތަކުގައި ހިފައި، އެކަކު އަނެކަކުގެ މޫނަށް ކޮއްޕައި، މޭޒުގެ އަނެއް ފަރާތުގައި ތިބި މީހުންގެ ގައިގައި ޖައްސައި، އެމީހުންގެ ބޯތަކަށާއި ހެދުމަށް ކާތަކެތި ބުރުވަމުންދިޔައެވެ. މުޅި ތަން އޮތީ ހަޑިވެފައެވެ.

ރަސްގެފާނު ހައިރާންކަމާއެކު ބޮޑުވަޒީރަށް ބައްލަވާލެއްވިއެވެ. ރަސްގެފާނު ހިތްޕުޅުހަމަނުޖެހިފައި ހުރިކަން އެނގުމުން ބޮޑުވަޒީރު އަރިހަށް ވަޑައިގެން ކަންފަތްޕުޅު ކައިރީގައި ވިދާޅުވިއެވެ. "މަނިކުފާނެވެ، އަދި އެއް ޖާފަތް ބާއްވައިދެއްވާށެވެ. މަނިކުފާނުގެ ރަސްކަމުގައި އަޚްލާގީ މިންގަނޑު މިހާ ދަށަށް ގޮސްފައިވާ ސަބަބު ދައްކައިދިނުމަށް އަދި އެއް ފުރުސަތު ބޭނުންވެއެވެ."

ޖެހިގެން އައި ހަފުތާގައި، ރަސްގެފާނު ދެވަނަ ޖާފަތެއް ބާއްވާކަން އިއުލާނު ކުރެވުނެވެ. މިފަހަރު ދައުވަތު ދެވުނީ ރަށުން ބޭރުގައި، މާތްﷲ ހަނދުމަކުރުމުގައާއި، އަމިއްލަ މަސައްކަތުން ހަލާލު ރިޒުގު ހޯދައިގެން އުޅޭ، އަދި އިންސާނިއްޔަތަށް ޚިދުމަތްކުރާ ތަގުވާވެރި، ސާލިހު މީހުންނަށެވެ.

ކަނޑައެޅުނު ދުވަހު، އެ ސާލިހު މީހުން ހުދުކުލައިގެ ސާފު ހެދުމުގައި ހިނގާފައި އައެވެ. އެމީހުންގެ ހިތްތައްވެސް އެމީހުންގެ ހެދުން ފަދައިން ސާފެވެ. ހޯލުގެ ދޮރުމައްޗަށް އައުމަށްފަހު، އެކަކު އަނެކަކަށް "އައްސަލާމް ޢަލައިކުމް" އޭ ބުނެ ސަލާމްކޮށް، ވަރަށް އަދަބުވެރިކަމާއެކު ކިއޫ ހަދައިގެން މަޑުކުރިއެވެ.

ބޮޑުވަޒީރު ވަޑައިގެން ކިއޫގެ އެންމެ ކުރީގައި ހުރި މީހާއާ ސުވާލުކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން ވެރިއަކީ ކާކު ހެއްޔެވެ؟"

"އަޅުގަނޑުގެ ސާހިބާއެވެ! އަޅުގަނޑުގެ ފަހަތުގައި ހުރި އަހަރެންގެ އަޚާއަކީ އަހަރެންގެ ވެރިޔާއެވެ،" އެމީހާ ޖަވާބުދިނެވެ.

ދެން ދެވަނަ މީހާއާ ސުވާލުކުރެއްވުމުން އޭނާވެސް ބުނީ އޭނާގެ ފަހަތުގައި ހުރި މީހަކީ އޭނާގެ ވެރިޔާ ކަމަށެވެ. މިގޮތަށް ގޮސް އެންމެ ފަހު މީހާއާ ސުވާލުކުރުމުން އޭނާ ބުންޏެވެ. "ކަލޭގެފާނަށް އޭނާއާ ބައްދަލެއް ނުވޭތޯއެވެ؟ އޭނާ އެހުރީ ކިއޫގެ އެންމެ ކުރީގައެވެ."

ރަސްގެފާނު ވަޑައިގެން އާސަނުގައި އިށީނދެވަޑައިގަތުމުން ހޯލުގެ ދޮރު ހުޅުވާލެވުނެވެ. ސާލިހު މީހުން އެކަކު އަނެކަކަށް އިހުތިރާމްކުރަމުން، ވަރަށް މަޑުމައިތިރިކަމާއެކު ހޯލަށް ވަދެ، އެންމެ ފަހު ގޮނޑިން ފެށިގެން ތަރުތީބުން އިށީނެވެ. އެންމެ ފަހުން އައި މީހާ އިށީނީ ރަސްގެފާނުގެ އަރިހުގައެވެ.

ކާތަކެތި ސާވްކުރެވި، ދިގު އުނދުލިތައް ގެނެވުނެވެ. މޭޒުގެ އެންމެ ކުރީގައި ހުރި މީހާ "ބިސްމިﷲ" ކިޔައި ކާން ފެށިއެވެ. ކޮންމެ މީހަކުވެސް ވަރަށް ފަރުވާތެރިކަމާއެކު އުނދުލީގައި ހިފައި، މޭޒުގެ އަނެއް ފަރާތުގައި ހުރި މީހާއަށް ކާންދިނެވެ. "އަހަރެންގެ އަޚާއެވެ، އަހަރެން ބޭނުންވަނީ ތިބާއަށެވެ،" އެމީހުން އެކަކު އަނެކަކަށް ބުނަމުންދިޔައެވެ. އެންމެ ތިއްކެއްވެސް ބޭރަށް ނުއޮހޮރެއެވެ. އެމީހުން އެކަކު އަނެކަކަށް ކާންދެމުންދިޔައީ ހިމޭންކަމާއި އުފާވެރިކަމާއެކުގައެވެ. ކެއުން ނިމުމުން އެންމެން "ޝުކުރުﷲ" ކިޔައި މާތްﷲ އަށް ހަމްދުކުރިއެވެ.

ރަސްގެފާނު ބޮޑުވަޒީރަށް ބައްލަވާލެއްވިއެވެ. ބޮޑުވަޒީރު އިސްޖައްސަވާލެއްވުމަށްފަހު ވިދާޅުވިއެވެ. "މާތް ރަސްގެފާނެވެ، ރިވެތި އަޚްލާގުގެ ވެރިންނަކީ ތިމާގެ ބަނޑު ފުރާލުމުގެ ކުރިން އަނެކާއަށް ކާންދޭ މީހުންނެވެ. އެމީހުން އަމިއްލަ އެދުމަށްވުރެ ކުރިއަށް އަނެކުންގެ ބޭނުންތައް އިސްކުރެއެވެ. ގައުމުގައި ކޮރަޕްޝަން އާންމުވެފައިވަނީ ދީނީ މީހުން މާތްﷲ ގެ އަޅުންގެ ގޮތުގައި ތިބުމުގެ ބަދަލުގައި އަމިއްލަ އެދުމުގެ އަޅުންނަށް ވެފައިވާތީއެވެ. ދީނަކީ ހަމައެކަނި ދެއްކުންތެރިކަމަކަށް ވެ، ސަރުކާރުގެ މަގާމުތަކަކީ ވައްކަންކުރުމުގެ ހުއްދައަކަށް ވެއްޖެއެވެ. ދީނީ މީހުން ނަފްރަތު ފަތުރާ ބަޔަކަށްވެ، ޚިދުމަތްކުރަން ތިބި މީހުން އަނިޔާވެރިންނަށް ވެއްޖެއެވެ." ރަސްގެފާނު ބޮޑުވަޒީރުގެ ވާހަކަފުޅަށް އެއްބަސްވެވަޑައިގަތެވެ. ދިގު އުނދުލީގެ ސިއްރު މިހާރު ރަސްގެފާނަށް އެނގިވަޑައިގެންފިއެވެ.

ޖެހިގެން އައި ދުވަހު ރަސްގެފާނު ޝާހީ އަމުރުފުޅެއް ނެރުއްވިއެވެ. "މިއަދުން ފެށިގެން އަހަރެންގެ ރަސްކަމުގައި، ކޮންމެ މީހަކުވެސް އަމިއްލައަށް ކެއުމުގެ ކުރިން، އަނެކާއަށް ކާންދޭންވާނެއެވެ."

ބުނެވޭ ގޮތުގައި، މި ރަސްގެފާނާއި ބުއްދިވެރި ބޮޑުވަޒީރުގެ މި ވާހަކައަކީ ގަރުނުތަކަކަށް ދެމިގެންދިޔަ އިބުރަތްތެރި ފިލާވަޅެކެވެ.



ކިޔުންތެރިންގެ ހިޔާލު