މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިމާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

ޢިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ބުނީ މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ދިރިއުޅުމަށް ބިމާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށެވެ. އެގޮތުން މާލޭގައި ދިރިއުޅޭ ރައްޔިތުން ފުލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު 30 އެޕްރީލް 2026ވަނަ ދުވަހުގެ 23:59 އާ ހަމައަށް އިތުރުކުރުމަށް ނިންމައިފައިވާކަމަށް އެ ވުޒާރާއިން ބުނެފައިވެއެވެ.

ގޯއްޗާއި ފްލެޓަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފައިވާއިރު، މިދިޔަ މަހުގެ 18 ވަނަ ދުވަހު މި ފުރުޞަތުގައި އެންމެ ފުރަތަމަ ހުޅުވާލިއިރު މި ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މާރިޗު މަހުގެ 4ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފުލްޓަށް އެދި ހުށަހެޅޭނީ އޭޕްރީލް މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ސްކީމަށް މިހާތަނަށް ޖުމްލަ 5،067 ފޯމު ހުށަހަޅާފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 3،434 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 1،633 ފޯމެވެ. މީގެ އިތުރުން، ޕޯޓަލް މެދުވެރިކޮށް ފޯމު ފުރުމުގެ "ޑްރާފްޓް" މަރުޙަލާގައި 11،304 ފޯމު ހުރި ކަމަށްވެސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ދަށުން 1،250 އާއި 15،000 އާ ދެމެދުގެ އަދަދަކަށް ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ތެރެއިން މާލޭ ރަށްވެހިންނަށާއި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރާނީ ގްރޭޓަރ މާލޭ ސަރަޙައްދުންނާއި ރަސްމާލެއިންނެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.

ފްލެޓް ދޫކުރުމުގެ އުޞޫލަށް ބަލާއިރު، މި މަޝްރޫޢުގެ ދަށުން ޖުމްލަ 7،900 ފްލެޓް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެއީ މާލޭ ރަށްވެހިންނަށް 4،000 ފްލެޓް، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނަށް 1،500 ފްލެޓް، އަދި ޚާއްޞަ އިސްކަންދޭ ކެޓަގަރީތަކަށް 2،400 ފްލެޓެވެ. މި ފްލެޓްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ މާލެއާއި ވިލިމާލެ ހިމެނޭ ސަރަޙައްދުންނެވެ.

އުޞޫލުގައި ވާގޮތުން، މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާކަމަށް ބަލާނީ 14 ޖަނަވަރީ 2026 ގެ ނިޔަލަށް މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ ނަމައެވެ. ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުގެ ތެރެއިން ބޯހިޔާވަހިކަމަށް ބޭނުންވެފައިވާ ގިނަ އަދަދެއްގެ ރައްޔިތުންނަށް އެ ފުރުޞަތު ފަހިކޮށްދިނުމެވެ.



ކިޔުންތެރިންގެ ހިޔާލު