އަތްފޯރާ އަގެއްގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ މަޝްރޫއުގެ ދަށުން، ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި 1،000 ފްލެޓު އަޅައިދޭނެ ބަޔަކު ހޯދަން ހައުސިން މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.

"އެފޯޑަބަލް ހޯމް އޯނަޝިޕް" ގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫއަކީ ދިވެހި ކުންފުނިތަކަށް އިސްކަންދީގެން، ޑިޒައިން އެންޑް ބިލްޑް އުސޫލުން ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއެކެވެ. މި މަސައްކަތަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ މާޗު މަހުގެ 23 ވަނަ ދުވަހެވެ.

މިނިސްޓްރީން ބުނި ގޮތުގައި މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ދިވެހިންނަށް އަތްފޯރާ އަގުގައި ފެންވަރު ރަނގަޅު ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއެކު، ރާއްޖޭގެ ރިއަލް އެސްޓޭޓް ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ގާބިލްކަން އިތުރުކުރުމެވެ.

މީގެ އިތުރުން، އެމްއެމްއޭ އާއި ބީއެމްއެލް ގުޅިގެން ކުރިއަށްގެންދާ ހައުސިން މަޝްރޫއުތަކުގެ ދަށުން ވެސް ހުޅުމާލެ އާއި ވިލިމާލޭގައި 3،000 އަށް ވުރެ ގިނަ ފްލެޓް އެޅުމުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ސަރުކާރުގެ އަމާޒަކީ މިފަދަ މަޝްރޫއުތަކުގެ ސަބަބުން ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. ބީއެމްއެލް އިން އިމާރާތްކުރާ ފްލެޓުތައް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމައި އާންމުންނަށް ދޫކުރަން ފަށާނެ ކަމަށް އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު