އަންނަ ކައުންސިލް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ކޮށްނުދޭ ކަމަށް ބުނެ، ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރައްވާފައިވާ ސިޔާސީ މުވައްޒަފުންނަށް މަޑަވެލި ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝަމީޒު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ޝަމީޒު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މަޑަވެލި ދާއިރާއަށް ނިސްބަތްވާ ސިޔާސީ މުވައްޒަފުންނަށް އެ ދާއިރާގެ ކެންޑިޑޭޓުންނަށް ކެމްޕެއިން ނުކުރެވޭ ނަމަ، އެ ފަރާތްތަކަކީ އެ މަގާމުތަކަށް އެކަށީގެންވާ ބައެއް ނޫން ކަމަށެވެ. އަދި އެފަދަ ފަރާތްތަކަށް އޮތީ ދެ ގޮތެއް ކަމަށާއި، އެއީ އިޚްލާސްތެރިކަމާއެކު މަގާމުގައި ދެމިތިބުން ނުވަތަ ވަގުތުން އިސްތިއުފާ ދިނުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި މައްސަލައިގައި ދިމާވެގެން އުޅޭ ކަންތައްތަކުގެ ތަފްސީލު ހޯދުމަށް ޝަމީޒަށް ގުޅުމުން، އޭނާ ފޯނަށް ޖަވާބު ނުދެއްވާތީ އިތުރު މައުލޫމާތެއް އަދި ލިބިފައެއް ނުވެ އެވެ. ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ގާނޫނުއަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރައްވާއިރު، ދައުލަތުގެ ހަރަދު އެންމެ ބޮޑުވާ އެއް ސަބަބަކީ ވެސް މިފަދަ މުވައްޒަފުން ގިނަވުމެވެ.

މި ސަރުކާރުގެ ވައުދަކީ ސިޔާސީ މުވައްޒަފުންގެ އަދަދު 700 ގައި ހިފެހެއްޓުން ކަމަށް ވިޔަސް، މިހާރު 900 އަށް ވުރެ ގިނަ ސިޔާސީ މުވައްޒަފުން ތިބި ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް، އެ މުވައްޒަފުންގެ ފުރިހަމަ ލިސްޓެއް ސަރުކާރުން މިހާތަނަށް އާންމުކޮށްފައެއް ނުވެ އެވެ. އިދިކޮޅުފަރާތްތަކުން ތުޙުމަތު ކުރާ ގޮތުގައި މިސަރުކާރުގެ ސިޔާސީ މުވަޒަފުންގެ އަދަދު 3000 އަށް ވުރެ މަތިވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު