އިސްރާއީލުގެ އަސްކަރިއްޔާއިން އީރާނުގެ 30 އަމާޒަކަށް ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފި ކަމަށް އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މި ހަމަލާތަކުގެ ތެރޭގައި އީރާނުގެ ރައީސް ދިރިއުޅުއްވާ ރަސްމީ ގެކޮޅާއި، އެ ގައުމުގެ އިންޓެލިޖެންސް ހެޑްކުއާޓަރަށް ވެސް ހަމަލާ ދީފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ. އިސްރާއީލުގެ ދިފާއީ ވަޒީރު އިސްރާއީލް ކަޓްޒް ވިދާޅުވި ގޮތުގައި، މިއީ "ޕްރީއެމްޕްޓިވް" ނުވަތަ އިސްވެ ދިން ހަމަލާތަކެކެވެ. މީގެ ބޭނުމަކީ އިސްރާއީލަށް ކުރިމަތިވެދާނެ ނުރައްކާތައް ނައްތާލުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އީރާނުގެ ވެރިރަށް ތެހެރާނުގެ އެކި ސަރަހައްދުތަކުން ބާރުގަދަ ގޮވުންތަކުގެ އަޑު އިވިފައިވާއިރު، ތެހެރާން ޔުނިވަރސިޓީ މަގާއި ޖުމްހޫރީ ސަރަހައްދަށް ވެސް މިސައިލް ހަމަލާތަކެއް އަރާފައިވާ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓްކުރެއެވެ.

މި ހަމަލާތަކާ ގުޅިގެން އިސްރާއީލުން ވަނީ މުޅި ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް، ރައްޔިތުން ރައްކާތެރި ތަންތަނަށް ވަނުމަށް ތައްޔާރުވުމަށް އަންގާފައެވެ. އީރާނުން މި ހަމަލާތަކަށް ރައްދުދޭނެ ކަމަށް ބެލެވޭތީ، އިސްރާއީލުގެ ވައިގެ ސަރަހައްދު ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ހަމަލާތަކުގައި އިސްރާއީލުގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާގެ ބައިވެރިވުން ވެސް އޮތް ކަމަށް ބެލެވެއެވެ. މި ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ވަރަށް ބޮޑަށް ހޫނުވެ، ބޮޑު ހަނގުރާމައަކަށް ފެށިދާނެ ކަމުގެ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު