މެދުއިރުމަތީގައި އެމެރިކާއިން ވަރުގަދަ އަސްކަރީ ހަރަކާތްތަކެއް ފަށާފައިވާ މިދަނޑިވަޅުގައި، އެމެރިކާގެ އެއަރ ފޯސްގެ ހަ KC-135 ސްޓްރާޓޯޓޭންކަރު މެދުއިރުމަތީގެ ސަރަހައްދަށް ދަތުރުކުރަމުން އެބަދެއެވެ.

މި މަތިންދާބޯޓުތަކަކީ ހަނގުރާމަމަތީ މަތިންދާބޯޓުތަކާއި، ބޮން އަޅާ ބޯޓުތަކުގެ އިތުރުން ޖާސޫސީ މަސައްކަތްކުރާ ބޯޓުތަކަށް އުދުހުމުގެ ތެރޭގައި ތެޔޮ އެޅުމަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ބޯޓުތަކެކެވެ. މީގެ ސަބަބުން އެމެރިކާގެ އަސްކަރީ ބޯޓުތަކަށް ބިމަށްނުބާލާ ގިނަ ވަގުތުތަކެއް ވަންދެން ވައިގެ ތެރޭގައި ހަރަކާތްތެރިވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި ޓޭންކަރުތައް މެދުއިރުމައްޗަށް ފޮނުވަން ފަށާފައި މިވަނީ، އީރާނާ ދެކޮޅަށް އެމެރިކާއިން ބޮޑު އަސްކަރީ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާން ކުރެއްވުމާ ގުޅިގެންނެވެ.

ރައީސް ޓްރަމްޕް ވަނީ އެމެރިކާގެ ބާރުތަކުން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދެމުންދާ ކަމަށާއި، މުޅި ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ފުޅާކުރަމުންދާ ކަމަށް ވިދާޅުވެފައެވެ. މި ހަރަކާތްތަކާއެކު މެދުއިރުމަތީގެ މަސްރަހު މިހާރު ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު