ޞާދިރު ޢަލީދީދީ   9 އޮކްޓޯބަރު 2020 - 13:43
ދިޔަރެސް
ދިޔަރެސް
އެޕިސޯޑް 22

...............

[އާނ...ކުޑަކޮށް ބޮލުގައި ރިއްސާތީ ހަމަނިންޖެއް ނުލިބޭ. މިހާރު ބޭސްވެސް ކައިފިން.] ސުދާ ދޮގެއް ހަދާލިއެވެ.

[ބޭސް ކެއީމަވެސް ރަނގަޅެއްނުވޭ؟] މުޢާޒު ނުހަނު ލޯތްބާއެކު ސުދާގެ ބޯ މޮޑެދިނެވެ. ސުދާ ނޫނެކޭ ބުނާފަދަ ގޮތަކަށް ބޯހޫރާލިއެވެ. ބޮޑުކޮޓަރީގައި ހުރި ފޯނު ރިންގްވާން ފެށި އަޑު އެވަގުތު އިވުނެވެ.

[ސުދާ ދޭބަލަ ފޯނު ނަގަން.] މުޢާޒު އެދުނެވެ. ސުދާ ގޮސް ފޯނު ނެގިއެވެ. ފޯނުކުރީ ސުދާގެ ބައްޕަ ވަސީމެވެ.

[ހަލޯ.....] ސުދާ ހުރީ ފިނިވެފައެވެ.

[ދަރިފުޅުތަ؟ ބައްޕައޭ މީ.] ވަސީމް ސުދާކަން އެނގިހުރެ ވާހަކަ ދެއްކިއެވެ.

[އާނ...ބައްޕާ ކިހިނެއްވީތަ؟ ކޮންދުވަހަކު ބައްޕަ އަންނަނީ....؟] ސުދާ އަނގަ އޮޅޭގޮތްވިއެވެ.

[ދަރިފުޅު ރަނގަޅުތަ؟ ބައްޕަ ވަރަށް އަވަހަށް އެބަދަން.] ވަސީމް ވާހަކަ ދައްކާ ގޮތުން އޭނާ ކޮންމެވެސް ކަމަކާ ހާސްވެފައިވާކަން ދޭހަވެއެވެ.

[އާނ...ބައްޕާ...އަހަރެންގެ ޙާލުވެސް...މިގޭ އެންމެންވެސް ރަނގަޅު. ބައްޕަ ހާދަ ހާސްވެފަ.] ސުދާ ވަސީމްގެ ހިތް ދެނެގަންނަން ބޭނުންވިއެވެ.

[ފަހުން ބައްޕަ ކިޔައިދޭނަން...އިހަށް މިވަގުތު ބާއްވަނީ. އެންމެންނަށްވެސް ބައްޕަގެ ސަލާމް.] ވަސީމް ފޯނު ބާއްވާލުމަށްފަހު ބޫތުތެރެއިން ނުކުމެއްޖެއެވެ. އޭރު ބޭރުގައި ޢަލިމަނިކު ހުއްޓެވެ.

[ﷲގެ އިރާދަފުޅުން އެމަންޖެ ހެޔޮ ޙާލުގައި އަދި އެބަހުރި. ބައްޔެއްވެސް ނޫނޯ.] ވަސީމް ޢަލިމަނިކުވެސް ގޮވައިގެން ގެޔަށް ދިޔުމަށްޓަކައި ހިނގައިގަންނަމުން ބުންޏެވެ. ޢަލިމަނިކު ވިސްނާލިއެވެ. ކުރީ ދުވަހު އޭނާއަށް ފެނުނު ވަސީމްގެ ދަރިފުޅު ސުދާއާ ދޭތެރޭގައެވެ. ސުދާގެ ކިބައިން އާދަޔާ ޚިލާފު ކަންތަކެއް އެދުވަހުވެސް އޭނާއަށް ފާހަގަކުރެވުނެވެ. ލޮލާއި ލޯ ސީދާކޮށް ސުދާއަށް ބަލާލަން އޭނާ ބޭނުންވިއެވެ. އޭނާގެ ކިބައިން އެދުވަހު ފާހަގަކުރެވުނު އާދަޔާ ޚިލާފު ކަމަކީ ކޮބައިކަން ދެނެގަންނަން އޭނާ ބޭނުންވެއެވެ. ނަމަވެސް، އޭގެކުރިން ވަސީމަށް އެކަމުގެ ހިލަންވާކަށްވެސް އޭނާ ބޭނުމެއް ނުވޭމެއެވެ. ވަސީމަށް މޭރުންވިޔަސް ލޮލުން ފެނި އަތުން ނުހިފެނީސް އޭނާއަށް އެކަން ޤަބޫލު ކުރެވޭނެ ކަމަކަށް ނުބެލެވެއެވެ.

އެހެންކަމުން ޢަލިމަނިކު ޤަޞްދުކުރީ ވީހާވެސް އަވަހަކަށް މާލެ ދިޔުމަށެވެ.

[މިހާރު މިރަށަށް އައި ކަންތައްވެސް މި ނިމުނީއެއްނު...ހިނގާ އަވަހަށް މާލެދަމާ....] ޢަލިމަނިކު ވަސީމާ ވާހަކަ ދެއްކިއެވެ. ނަމަވެސް އެއީ އަދި ވަސީމް ބޭނުންވާ ގޮތެއް ނޫނެވެ. އޭނާ ބޭނުންވަނީ ދުވަސްކޮޅަކަށް ނަމަވެސް ރަށުގައި މަޑުކޮށްލާށެވެ.

[އަދި ދެތިންދުވަސް ވަންދެން މިރަށުގައި ތިބެފައެއްނޫންތަ ދާނީ.] ވަސީމް ބުންޏެވެ.

[ނޫނޭ...ދެން މިރަށުގައި ތިބޭނެ ކަމެއްނެތް....ކޮންމެހެންވެސް އަހަރެން ދާންޖެހޭ މާލެއަށް.] ޢަލިމަނިކު ބަދަލެއް ނުކުރިއެވެ. އެހެންކަމުން، ވަސީމްވެސް އެގޮތަށް ނިންމިއެވެ.

ވަސީމްގެ ފޯނުކޯލަށްފަހު ސުދާ ހުންނަނީ މިހާރު ނިކަން ހިތްހަމަޖެހިފައެވެ. އޭނާއަށް މިހާރު އެއްވެސް ނުރައްކަލެއް ނެތް ކަމަށް ދެކިގެނެވެ. އެހެންކަމުން، އޭނާއާއި މުޢާޒުގެ ދެމެދަށް ހުރަސްއަޅަން މިހާރު ދުނިޔޭގައި ހުރިހާވެސް މީހަކީ ފިރާޝާ ކަމުގައި އޭނާ ދެކެއެވެ. މިހާރު އޭނާގެ އެންމެބޮޑު މަޤްޞަދަކީ ފިރާޝާގެ ކިބައިން މިންޖުވުމެވެ.

[ފިރާޝާ މިހާރުވެސް އަހަރެމެންގެ ދިރިއުޅުމުގެ ތެރެއަށް ވަންނަން މަސައްކަތް ކުރޭދޯ...އޭނާވެސް އެހެން މީހަކާ އިނީމަވީނު.] ސުދާ ވާހަކަ ދެއްކީ މުޢާޒާއެވެ.

[ކިހިނެއް ސުދާއަށް އެނގުނީ...އޭނަ އަހަންނަށް ގުޅާކަން؟] މުޢާޒު އެހިއެވެ.

[ކޮންމެ ދުވަހަކުވެސް އަހަރެން ބަލާއިރު، މުޢާޒުގެ ފޯނުގައި ހުރެޔޭ ނަމްބަރު.] ސުދާ ބުންޏެވެ. މުޢާޒު ބޯޖަހާލިއެވެ.

[އޭނަ ކިތަންމެ ގުޅިޔަސް...އަހަރެންގެ ޚިޔާލު ބަދަލެއް ނުވާނެ...ސުދާ ބިރުގަންނަނީ އަހަރެން ސުދާ ދޫކޮށް އޭނަޔާ ދިމާއަށް މިޞްރާބު ޖަހާފާނެތީއެއްނު.] މުޢާޒު ނިކަން ލޯތްބާއެކު ސުދާގެ ނޭފަތުގައި ހިފާލިއެވެ.

[އާނ...އޭނަ އެއުޅޭ ގޮތުން އަހަރެން ބިރުގަނޭ.] ސުދާ މުޢާޒުގެ މޭގައި ލައްވެލިއެވެ.

[ތިހެން ހީނުކުރޭ ސުދާ....ދެން އަހަންނެއް އެ ކެހިވެރިޔާގެ މަޅިއަކު ނުޖެހޭނަން.] މުޢާޒު ސުދާއަށް ޔަޤީންކަން ދިނެވެ. ލިބުނު އުފަލާއި ހިތްހަމަޖެހުމާއެކު، ސުދާއަށް މުޢާޒުގެ މޭގެތެރެއަށް ބޮނޑިވެލެވުނެވެ.

[ފިރާޝާ ކޮންމެ ގޮތަކަށް ކަންތައް ކުރިޔަސް، ދަރިފުޅުދެކެ އަހަރެން ވަރަށް ލޯބިވޭ...ކޮންމެ ދުވަހަކުވެސް ދަރިފުޅު ދެކޭހިތްވޭ.] މުޢާޒު ކުޑަކުޑަ އަޒްހާންގެ މަތިން ހަނދާންކޮށްލިއެވެ. ތެދެކެވެ. އޭނާ އެ ދަރިފުޅުދެކެ އިންތިހާއަށް ލޯބިވެއެވެ. އެ ދަރިފުޅުވެސް އޭނާޔާ ހެދި އެވަރު ހުރެއެވެ. ދުވާލަކު އެތައްފަހަރަކު އޭނާޔަށް ގުޅަންވެސް ގުޅައެވެ.

[ގުޅިޔަސް ކީއްކުރާނީ...އޭނަ އަހަންނަކަށް ވާހަކަ ދައްކާނެ ފުރްޞަތެއް ނުދޭ.] ފިރާޝާ ވާހަކަ ދެއްކީ އަސްމާއާއެވެ. އަސްމާއަކީ މަދްރަސާ ދައުރުން ފެށިގެން އަދިއަދަށް ދާންދެންވެސް ދިރިއުޅުމުގެ ގިނަ ކަންތައްތަކުގައި ފިރާޝާ ޚިޔާލު ހޯދައި، ދިރިއުޅުމުގެ ކަންތައްތައް ޙިއްޞާކުރާ އެކުވެރިއެކެވެ.

[އަހަރެންގެ ކުށް އަހަރެން ޤަބޫލުވެސް ކުރަން. އަހަރެން ބޭނުން...އަލުން އޭނަޔާއެކު ދިރިއުޅެން.] ދެންވެސް ވާހަކަ ދެއްކީ ފިރާޝާއެވެ.

[ފޯނުން ވާހަކަ ނުދައްކަންޏާ...ހިނގާ ސީދާ ގޮސް ބައްދަލުކުރަމާ. ދޮގެއް...ބައްދަލުކުރާނީކީ ނޫން...އެބައޮތް އެހެން ގޮތެއް.] އަސްމާ ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ބުންޏެވެ.

[ކޮންގޮތެއް؟] ފިރާޝާގެ ހިތް އަވަސްވިއެވެ.

[އުޅޭނެ...އަހަރެން ދަންނަ ވަރަށްމޮޅު މީހަކު...އެމީހާ ލައްވާ ކޮންމެވެސް ކަމެއް ކުރުވާނީ.] އަސްމާ ލަފާދިނެވެ.

[ތި މީހަކު ކޮށްދީފާނެތަ؟] ފިރާޝާ ސީރިޔަސްވިއެވެ.

[އާނ...ހިނގާ މިރޭ ކޮންމެވެސް ވަގުތަކުން ޖައްސާލަމާ....ޔަޤީނުންވެސް އޭނަ ކޮށްދީފިއްޔާ، ދެގޮތެއް ނުވާނެ.] އަސްމާ އެމީހަކަށް ކުރާ އިތުބާރު ބޮޑެވެ. އެދުވަހު އެދެމީހުން އެބުނާ މީހަކާ ބައްދަލުކޮށް، މުޢާޒު ފިރާޝާގެ ޙަޔާތަށް އަނބުރާ ގެނައުމަށްޓަކައި މަސައްކަތް ކުރުމަށް ނިންމިއެވެ.

ޢަލިމަނިކު އަތިރިޔަށް އެރި ގޮނޑުދޮށުގައި ފުންނާބުން ޖަހައި ވަޅެއް ކޮނެ މުންޑު ހިއްލައި އަނގުނުން އިށީނދެއްޖެއެވެ. ރެޔަކީ ރީތި ހަނދުވަރެއް ދިއްލާފައިވާ ރެޔަކަށްވުމުން، އޭނާވެސް ރަށްފުށުގެ (ބައެއް ރަށްރަށުގެ) އާދައިގައި ބައިވެރިވިއެވެ. ގޭގައި ފާޚާނާ ހަދާފައި ހުއްޓަސް އަތިރިއަށް ބޮޑުކަމު ދިޔުމަކީ ބައެއް ރަށްރަށުގެ މީހުންގެ އާދައެކެވެ. އޭރުވެސް ޢަލިމަނިކާ ފަންސާހަކަށް ފޫޓް ދުރުގައިވެސް މީހަކު އިށީނދެ އިންތަން ފެނެއެވެ. ޢަލިމަނިކު އުޅޭ ގޭ (ވަސީމްގެ ގެ) ގައިވެސް ފާޚާނާ ހަދާފައި ހުރެއެވެ. އެކަމަކުވެސް އެރަށަށް އައިފަހުން ގިނަ ރޭރޭ ގޭ ފާޚާނާ ބޭނުން ކުރުމުގެ ބަދަލުގައި އޭނަ ދަނީ އަތިރިއަށެވެ.

ވަސީމް ގަޑިއަށް ބަލައިލުމަށްފަހު، ޢަލިމަނިކު ނިދާ ކޮޓަރިއާ ދިމާއަށް ހިނގައިގަތެވެ. ނަމަވެސް، ދޮރުމަތީގައި ޢަލިމަނިކުގެ ފައިވާން ނެތުމުން އޭނާ ހުއްޓިއްޖެއެވެ.

[ކޮންތާކަށްބާ އެ ދިޔައީ؟] ވަސީމަށް ހިތާހިތާ ކިޔާލެވުނެވެ. ޢަލިމަނިކު ދިޔައީ އަތިރިއަށްކަން ހަނދާންވީ ދެނެވެ. އެހެންކަމުން، އޭނާ އަވަސް އަވަހަށް އަތިރިއާ ދިމާއަށް ހިނގައިގެންފިއެވެ. ޢަލިމަނިކު އަތިރިއަށް ދިޔައީ އޭނާ ގާތު ބުނެވެސްފައެވެ.

[ޢަލިމަނިކު....] ވަސީމް އަތިރިޔަށް އެރި މަޑުމަޑުން ޢަލިމަނިކުގެ ހިލަންވޭތޯ ގޮވާލިއެވެ. ނަމަވެސް، އޭނާ ދެތިން ހަތަރުފަހަރު ގޮވީމާވެސް ޢަލިމަނިކުގެ ޚަބަރެއް ނުވިއެވެ. އެހެންކަމުން، ޢަލިމަނިކު އެއްގަމަށް އަރައިގެން ދިޔައީއޭ ހީކޮށްފައި، އޭނާވެސް ގެޔާ ދިމާއަށް ހިނގައިގެންފިއެވެ. ގެޔަށް އައި މަގުމަތީގައިވެސް އޭނާ ޢަލިމަނިކު ފެނޭތޯ ހޯދިއެވެ. ގެޔަކުވެސް ޢަލިމަނިކެއް ނެތެވެ.

[ޙަޤީޤަތުގައިވެސް ނެތްތަ؟ ކަރީމްބެ އަންނާނެ އިރެއްވެސް ނޭނގޭތަ؟] އަސްމާއާއި ފިރާޝާ ވާހަކަ ދެއްކީ ކަރީމްބެގެ ދަރިޔަކާއެވެ. އަސްމާ ބުނާ މޮޅު މީހަކީ އެއީއެވެ. އޭރުވެސް ކަރީމްބެ ލައްވާ ކަންތައް ކުރުމަށް އައިސް ދެތިން ގްރޫޕެއް ދޮރާށި ބުޑުގައި ތިއްބެވެ.

[ހީވަނީ ބައިގަޑިއެއްހާއިރު ފަހުން އަންނާނެހެން...އެތެރެއަށް ވަދެ އިށީންނަންވީނު.] ކަރީމްބޭގެ އަންހެނުން ދަލޭކަ ބުންޏެވެ. ނަމަވެސް، ފަހުން އަންނާނަމޭ ބުނެފައި، އަސްމާއާއި ފިރާޝާ ދިޔައީއެވެ. ކަރީމްބެ ގެޔަށް އައިސްވަނީ އެމީހުން ނުކުމެގެން ދިޔަތަނާހެނެވެ.

[ކޮންތާކުން ތިއައީ ނުކައި...އަހަރެން އިންތިޒާރުގައި ހުންނަތާ ކޮންއިރެއް؟] މުޢާޒު ވާހަކަ ދެއްކީ، ބޭރުން ގެޔަށް އައިސް ވަން ސުދާއާއެވެ. އޭނާ ހީވަނީ ބޮޑު ކާމިޔާބަކަށްފަހު އައިސް ގެޔަށް ވަންހެނެވެ. އޭނާގެ މޫޑުވަނީ އެހާވެސް ބޮޑަށް ބަދަލުވެފައެވެ.

[މިތާ ކައިރި ފިހާރަޔަކަށް އާ ފޮތި އައި ވާހަކަ ލިޔެފައި އޮތީމަ، އެ ފިހާރަޔަށް ވަދެލީ...ހާދަހާ ނަލަ ފޮތި އެތާ އެބަހުއްޓޭ.] ސުދާ ރާވާލައިގެން ދޮގު ހެދިއެވެ. ޙަޤީޤަތުގައި އޭނާ ހުޝިޔާރީ ދޮގުހަދާކަށް އެކަންޏެއް ނޫނެވެ. އޭނާ ހުރިހާ ކަމަކަށްވެސް ކުޅަދާނައެވެ.

[ރީތިވީމަ ކީއްވެ ފޮތި ނުގަތީ....މިހާރު ހެދުން އާކޮށްނުލާތާ ލައްކަ ދުވަސް ވެއްޖެއެއްނު.] މުޢާޒު ބުންޏެވެ. ސުދާ ހިނިތުންވެލަމުން މުޢާޒަށް ކާން ހަދަން ފެށިއެވެ.

[މީ ނުލާހިކު ތާށި ދުވަސްވަރެއް...ކިހިނެއް ހެދުން އާކުރާނީވެސް...އެހެން ނޫނަސް، އަހަރެން މާބޮޑު ޝައުޤުވެރިކަމެއް ނުހުރޭ، އާ ހެދުން ފައްސާކަށް.] ސުދާ ބުންޏެވެ. މުޢާޒު ކާންފެށިއެވެ.

ޢަލިމަނިކުގެ ޚަބަރެއް ނުވެގެން ކަމާބެހޭ ފަރާތަށް ވަސީމް އެންގީ އެރޭގެ ދަންވަރުގެ ވަގުތެއްގައެވެ. ނަމަވެސް، ރަނގަޅު ގޮތުގައި ރަށުގެ ވެރިންނާއި ރައޔިތުން އެކުވެގެން ހޯދަން ފެށުނީ ޖެހިގެން އައި ދުވަހު ހެނދުނުން ފެށިގެންނެވެ. ޢަލިމަނިކުގެ މަރުވެފައިވާ ހަށިގަނޑު ފެނުނީ ރާޅުޖަހާ ފަށުގައި (ދިޔަރެސްގައި) ވަކިހިސާބަކަށް ވަޅުލާފައި އޮއްވައެވެ. ބެލި ބެލުންތަކުންނާއި، ހޯދި ހޯދުންތަކުންނާއި، ކުރެވުނު ތަޙުޤީޤުތަކުން އެއީ ކޮންމެވެސް އަނިޔާވެރިއެއްގެ ރަޙުމްކުޑަ ޢަމަލެއް ކަމުގައި ދޭހަވިއެވެ. ނަމަވެސް، ރަށުގެ ރައްޔިތުންނާއި ސިފައިން ގުޅިގެން ކުރި މަސައްކަތަކުންވެސް ޢަލިމަނިކުގެ ޤާތިލް ހޯދުން މާފަސޭހަ ކަމަކަށް ނުވިއެވެ. ތަޙުޤީޤަށް ވަސީމް ގެންދެވި، ކުރެވުނު ސުވާލުތަކަށް އޭނާގެ ފަރާތުން ލިބުނު ޖަވާބުތަކުން ޢަލިމަނިކުގެ މަރާ ވަސީމާ އެއްވެސް ގުޅުމެއް ނުވާކަން ސާބިތުކުރެވި، ހަމަ އެދުވަހު ވަސީމް ދޫކޮށްލެވުނެވެ.

[ޢަލިމަނިކުބެ މަރާލައިފިއޭ!؟] ސުދާ ވާހަކަ ދެއްކީ ފޯނުން ބައްޕަ ވަސީމާއެވެ.

[ތެދެއް މިބުނީ ދަރިފުޅާ...ކޮންމެވެސް ބަޔަކު، ކޮންމެވެސް ދަހިވެތި ކަމެއްގައި ޢަލިމަނިކު މަރާލީ.] ވަސީމްގެ އަޑުގައި ވަނީ ހިތާމައިގެ އަސަރެވެ.

[ތިރަށުން ތިވަރުގެ ކަމެއް ކުރާނީ ކޮންބައެއްބާ؟ ރަޙުމް ކުޑަ އިންސާނުންވެސް އުޅެނީތާ.] ސުދާ ވިހަގޮތަކަށް އަނގަޔަށް ވައްތަރެއް ޖައްސާލަމުން ބުންޏެވެ.

[ބައްޕައަށް ލަފާކުރެވެނީ، މި ގޯއްޗާ ހެދި އުޅޭ ބަޔަކު ކުރި ކަމެއް ކަމަށް. މިރަށުގެ ވަރަށްގިނަ ބަޔަކަށް އެނގޭނެ، ޢަލިމަނިކު މިރަށަށް އައި މަޤްޞަދު.] އެއީ ވަސީމް ހީކުރިގޮތެވެ. ނަމަވެސް، އޭނާއަށް ސީދާ ޢަލިމަނިކުގެ މަރާމެދު ވަކިބަޔަކަށް ޝައްކެއް ނުކުރެވެއެވެ.

[އެކަމަކު އެހެން ހަދާކަށް ނުވާނެއެއްނު.] ސުދާ ބުންޏެވެ. ޢަލިމަނިކަށް ހަމްދަރުދީވާފަދަ ގޮތަކަށެވެ.

[ބައްޕަ މާދަމާ އެބަދަން...މިހާރު މިރަށްމަތިން ބައްޕަ ފޫހިވެސްވެއްޖެ...ދެން ބާއްވަނީ.] ވަސީމް ފޯނު ބޭއްވިއެވެ.

ސުދާ ފޯނު ބާއްވާލުމަށްފަހު ހިނިތުންވެލިއެވެ. އެއީ އުފާވެރިކަމާއި ހިތްހަމަޖެހުން ޙިއްޞާކުރާ ހިނިތުންވުމެކެވެ. ނަމަވެސް، އޭނާގެ އެ އިޙްސާސްތައް އެނގޭނެ މީހަކު ހުރިހެނެއް ހިއެއްނުވެއެވެ. އެފަދަ މީހެއްހެން ހީވާ މީހަކުވެސް ދުނިޔޭގައި ހުރިތޯ ބަލައި، އޭނާ އަންނަނީ އެމީހެއްގެ ކިބައިން ފުރިހަމައަށް ސަލާމަތްވަމުންނެވެ.

މިހާރު ހަތަރުވަނަ މީހަކުވެސް މިދުނިޔެ ދޫކޮށް ދިޔައީއެވެ. ރަޙުމްކުޑަ އަނިޔާތަކަކުން ވޭން ލިބި، އެ ވޭން ތަޙައްމަލް ކުރުމަށްފަހުގައެވެ. އަދިއަދަށްދާންދެންވެސް ހޯދިފައި ނުވަނީ ޙަޤީޤީ ޤާތިލެވެ.

[އަދި ހޯދޭނެ...މުޢާޒުގެ ލޯބި ނުހޯދޭންވީ ސަބަބެއް ނެތް...ހަމަގައިމުވެސް ކަރީމްބެ ރަނގަޅަށް ގަޔާވެގެން ކޮށްދީފިއްޔާ ކާމިޔާބުވާނެ.] އަސްމާ ވާހަކަ ދެއްކީ ފިރާޝާއާއެވެ. ފިރާޝާއަށް އުންމީދު އާކޮށްދެމުންނެވެ.

[އެގެއަކަށް ގޮސްގޮސްވެސް ތިބުނާ ކަރީމްބެއަކާ ދިމައެއްނުވިއެއްނު...އެ ސުދާއާއި މުޢާޒަށް ދަރިޔަކު ލިބުމުގެ ކުރިން އަހަރެން މުޢާޒު ބޭނުން.] ފިރާޝާގެ ކެތްތެރިކަން ކޮޅުންލަމުން އެހިއެވެ.

[ފިރާ ހާސްނުވެބަލަ...އެކަން ވާނެޔޭ.] އަސްމާ ޔަޤީންކަމާއެކު ބުނެލިއެވެ. ފިރާޝާގެ ދަރިފުޅު އަޒްހާން ދުވަމުން ފުމެމުން އައިސް ހުއްޓުނީ އެވަގުތުއެވެ. އަޒްހާން އައިގޮތަށް އައިސް މަންމަގެ ކަރުގައި އެލިގަތެވެ.

[މަންމާ...ކޮއްކޮ ބޭނުން ބައްޕީއަށް ގުޅަން...މިއަދު މާބޮޑަށް ބައްޕައާ ވާހަކަ ދައްކާހިތްވަނީ.] އަޒްހާން މަންމަގެ ގައިން ދޫކޮށްލަމުން ބުންޏެވެ.

[ކޮއްކޮ އަމިއްލައަށް ގޮސް ގުޅާލާ.] ފިރާޝާގެ ބަދަލުގައި އަޒްހާނަށް ހުއްދަ ދިނީ އަސްމާއެވެ. އެހެންކަމުން، ދިޔުމުގެ ކުރިން ކުޑަކުޑަ އަޒްހާން މަންމަގެ މޫނަށް ބަލައިލީ މަންމަގެ ހުއްދައަށް އެދެމުންނެވެ.

[ދަރިފުޅު ގޮސް ގުޅާލާ....އެކަމަކު މާގިނައިރު ފޯނުގައި ނުހުރެ ބާއްވަންވާނެ އިނގޭ....] ފިރާޝާ ނުހަނު ލޯތްބާއެކު، ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. ކުޑަކުޑަ އަޒްހާން އުފަލުން ފުމެމުން ދުއްވައިގަތެވެ. އަޒްހާންގެ އެ ޙަރަކާތްތަކުން ފިރާޝާއާއި އަސްމާ ގާތަށްވެސް ހިނިއައެވެ.

[ހިނގާ މިހާރު ކަރީމްބެ ގާތަށް ދާން...އެހެން ނޫނީ ވަގުތު ފާއިތުވެދާނެ.] އަޒްހާން ދިޔުމުން ފިރާޝާ އެދުނެވެ. އަސްމާ އަތުކުރީގައި އޮތް ގަޑިއަށް ބަލައިލިއެވެ. ފިރާޝާ މަންމައަށް ގޮވާފައި، ނެތީމޭ ބުނެފައި ހިނގައިގެންފިއެވެ.

އަޒްހާނަކީ އޭނާގެ ދަރިއެއް ނޫންކަން އެނގޭއިރުވެސް އެކުއްޖާގެ އަޑަށް މުޢާޒަށް އިންތިޒާރު ކުރެވެއެވެ. އެކުއްޖާއާއެކު ވަގުތު ހޭދަކުރުމަށް އޭނާގެ ހިތް ނުހަނު ބޭނުންވެއެވެ.

[ދަރިފުޅު މިއަދު ސްކޫލަށް ނުދަނީތަ؟] އަޒްހާންގެ އަޑު ކަންފަތުގައި ޖެހުމާއެކު، މުޢާޒު އެހިއެވެ.

[ނޫން....މިއަދު މާއަވަހަށް ސްކޫލް ނިމުނީ...އަޅެ ބައްޕީ މިއަދު އަންނައްޗޭ....ކޮއްކޮ މިއަދު ބައްޕީ ވަރަށް ދެކޭހިތްވޭ....] މުޢާޒަށް ގުޅުނީމާ އަޒްހާން އުފަލުން ވަރެއް ނެތެވެ. އެހެންވެ އެކުއްޖާ އުފަލުން ފުރެނީއެވެ. ހީވަނީ ދުވަސްތަކަކަށްފަހު ބައްޕަގެ އަޑު އިވުނީހެނެވެ.

[ބައްޕީ މިއަދު ދަރިފުޅާ ބައްދަލުކުރާނަން އިނގޭ....] މުޢާޒު އަޒްހާން ހިތްހަމަޖައްސައިދިނެވެ.

[ޕްރޮމިސްތަ؟] އަޒްހާން ކުރިއަށްވުރެންވެސް އުފާވެއްޖެއެވެ. އެ ޢުމުރުގެ އެހެން ކުދިންނާ ޚިލާފަށް އޭނާގެ ސިކުނޑި ތަނަވަސްވެ ލޯ ހުޅުވެއެވެ. ހުޝިޔާރުވެސްމެއެވެ. އެކުއްޖާގެ މުދައްރިސުންވެސް އެކަން ފާހަގަކޮށް ވާހަކަ ދައްކައެވެ. ކިޔެވުމަށް މޮޅު ވާހަކައާއި، ތޫނުފިލި ވާހަކައެވެ. އެހެންކަމުން، މިހާރު ފިރާޝާގެ ހިތްހަމަޖެހުމަކީ އެއީއެވެ. އޭނާ ބޭނުންވަނީ އެ ދަރިފުޅު އޭނާފަދަ މީހަކަށްނުވެ، މުޖްތަމަޢަށް ބޭނުންތެރި މީހަކަށް ވުމަށެވެ.

[އާނ...ދަރިފުޅާ ބައްޕީ ދާނަމޭ....އިހަށް ބާއްވާލާ....] މުޢާޒު ފޯނު ބޭއްވިއެވެ.

ފިރާޝާމެނަށް ކަރީމްބެ ގެޔަށް ދެވުނުއިރު، ނަޞީބަކުން މިފަހަރު ކަރީމްބެއާ ދިމާވެއްޖެއެވެ. މާދިގު ކިޔުއެއްވެސް ނެތެވެ. ތިބީ ދެތިން މީހެކެވެ. އެހެންކަމުން، ބޭރުގައި އެމީހުންނަށް ތިބެން ޖެހުނީ ދިހަވަރަކަށް މިނެޓަށެވެ.

އެމީހުނަށް ކޮޓަރިއަށް ވަނުމަށް ކަރީމްބެ އަންގައިފިއެވެ. ފުރަތަމަ ވަނީ އަސްމާއެވެ. ފިރާޝާ ވަނީ އޭނާގެ ފަހަތުންނެވެ.

[ދެކުދިން ކޮންކަހަލަ ކަމަކުތަ؟] ދޮރު ލައްޕާލަމުން ކަރީމްބެ އެއްސެވެ. އަސްމާއާއި ފިރާޝާއަށް އެކަކު އަނެކަކުގެ މޫނަށް ބަލައިލެވުނެވެ. ހީވާގޮތުން ކަމުގެ ބާވަތުން އެމީހުން ފަސްޖެހެނީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން