ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މިއަހަރަށް ލަފާކުރާ 48 މިލިއަން ރުފިޔާގެ ބަޖެޓު، އެ އެސޯސިއޭޝަންގެ އޯޑިނަރީ ކޮންގްރެސް އިން ފާސްކޮށްފިއެވެ.

މި ބަޖެޓު ވަނީ ފާސްކޮށްފައި ވަނީ ތިން އަހަރުގެ މެދުކެނޑުމަކަށްފަހު އެފްއޭއެމް އިން ބޭއްވި ކޮންގްރެސްގައި ބައިވެރިވި މެމްބަރުންގެ ބޮޑު އަގުލަބިއްޔަތަކުންނެވެ.

މިއަހަރަށް އެފްއޭއެމް އިން ފާސްކުރި ބަޖެޓުގެ ޖުމްލަ އަދަދަކީ 48،458،511 (ސާޅީސް އަށް މިލިއަން ހަތަރުލައްކަ ފަންސާސް އަށްހާސް ފައްސަތޭކަ އެގާރަ) ރުފިޔާއެވެ. މި ބަޖެޓަށް އާމްދަނީ ލިބޭނެ ގޮތްތަކަށް ބަލާއިރު، އެންމެ ބޮޑު ހިއްސާއެއް ލިބެނީ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ކަމަށްވާ ފީފާގެ އެހީގެ ގޮތުގައެވެ. އެގޮތުން ފީފާއިން 32.7 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކޮށްފައިވެއެވެ. މީގެ އިތުރުން ސްޕޮންސަރޝިޕްތަކުން 8.7 މިލިއަން ރުފިޔާ، އެކިއެކި ހަރަކާތްތަކުން 4.8 މިލިއަން ރުފިޔާ، ކުޅިވަރާ ބެހޭ ވުޒާރާއިން 1.8 މިލިއަން ރުފިޔާ އަދި ޖަޕާނުގެ ފުޓުބޯޅަ އެސޯސިއޭޝަނުން 3 ލައްކައަށްވުރެ ގިނަ ރުފިޔާ ލިބޭނެ ކަމަށް ބަޖެޓުގައި ހިމަނާފައިވެއެވެ.

ޚަރަދުތަކަށް ބަލާއިރު، މިއަހަރުގެ ތެރޭގައި ޖުމްލަ 48،385،770 (ސާޅީސް އަށް މިލިއަން ތިންލައްކަ އަށްޑިހަ ފަސްހާސް ހަތްސަތޭކަ ހަތްދިހަ) ރުފިޔާ ޚަރަދުވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ބަޖެޓުގެ އެންމެ ބޮޑު ބައެއް ކަނޑައަޅާފައިވަނީ މުބާރާތްތަކާއި އެކިއެކި ފުޓުބޯޅަ ހަރަކާތްތައް ހިންގުމަށެވެ. އެގޮތުން އެކަމަށް 27.2 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބަޖެޓުގައިވެއެވެ. އަދި އިދާރީ ހިންގުމުގެ ޚަރަދަށް 10 މިލިއަން ރުފިޔާ، ޤައުމީ ޓީމުތަކަށް 6.3 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިދެންނެވުނު ހުރިހާ ޚަރަދަކަށްފަހު ބަޖެޓުގައި ބާކީ ވާފައިސާ ޚަރަދު ކުރުމަށް ނިންމާފައިވަނީ ވަސީލަތްތައް ބެލެހެއްޓުމާއި މާކެޓިންގ ފަދަ ކަންކަމަށެވެ. އެގޮތުން އެކަމަށް ހޭދަކުރަން ބަޖެޓުގެ ބާކީވާނެ ކަމަށް ލަފާކޮށްފައިވަނީ 72،741 ރުފިޔާ އެވެ.



ކުރީގެ މެނޭޖްމަންޓުގެ ދޯދިޔާ ސިޔާސަތުތަކާއި މާލީ މައްސަލަތަކުގެ ސަބަބުން އެފްއޭއެމް އޮތީ މާލީ ގޮތުން ފުން އަނދަވަޅެއްގައެވެ. ނަމަވެސް، މިހާރުގެ އައު ޒައާމަތުން އިދާރާގެ ހިންގުމާ ހަވާލުވެ، ކުރަމުންދާ ހަރުދަނާ މަސައްކަތްތަކުގެ ސަބަބުން ދިވެހި ފުޓުބޯޅައަށް އައު ދިރުމެއް ލިބި، ކުރިއެރުންތައް ފެންނަމުންދާކަން ކުޅިވަރު އާއިލާއިން އުފަލާއެކު ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު