ފިރިމީހާ ނުވަތަ އަނބިމީހާގެ ނަމުގައި ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ދިނުމަށް ނިންމައި އެކަމަށް ހުޅުވާލައިފިއެވެ.

އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން މިކަމާ ގުޅޭ އުސޫލު މިހާރު ވަނީ ސަރުކާރުގެ ގެޒެޓުގައި އާންމުކޮށްފައެވެ. މި އުސޫލުގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ރަސްމީކޮށް ހުޅުވާލީ މިއަދުއެވެ.

ހައުސިން މިނިސްޓްރީން ބުނީ "ގޯތިގެދޮރު" ޕްރޮގްރާމްގެ ދަށުން ގޯއްޗަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ އޭޕްރީލް 30 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 11:59 އަށް ހުޅުވާލާފައިވާ ކަމަށެވެ. ގޯއްޗަށް އެދި ކުރިމަތިލާން ޖެހެނީ ބޯހިޔާވަހިކަން ޕޯޓަލު މެދުވެރިކޮށެވެ.

މި ޕްރޮގްރާމްގެ ދަށުން އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތަކުގެ ތެރޭގައި ހިމެނެނީ އަމިއްލަ ނަމުގައި ރަޖިސްޓަރީ ކޮށްފައިވާ ފުލެޓެއް/ ބިމެއް ނަމަ، ރަޖިސްޓަރީ އާއި މާލޭ ރަށްވެއްސެއް ނަމަ މާލޭގައި ރަޖިސްޓަރީވެފައިވާ ތާރީހު އެނގޭ ގޮތަށް ދައުލަތުގެ އިދާރާއަކުން ދޫކޮށްފައިވާ ލިޔުމެވެ. އަދި މާލޭގައި އުޅުނުކަން ސާބިތުކުރުމަށް ޕެންޝަން ސްކީމަށް ހިއްސާކުރާ ވަޒީފާދޭ އަމިއްލަ ފަރާތަކުން ދޫކޮށްފައިވާ ރަސްމީ ވަޒީފާގެ ލިޔުން ނުވަތަ ސަރުކާރުގެ އިދާރާއަކުން ދޫކޮށްފައިވާ ވަޒީފާގެ ލިޔުން ހުށަހެޅިދާނެ އެވެ. އަދި އެ މުއްދަތު ސާބިތު ކުރުމަށް ތައުލީމީ މަރުކަޒުތަކުން ދޫކޮށްފައިވާ ލިޔުން ވެސް ހުށަހެޅިދާނެ ކަމަށް އިއުލާނުގައިވެ އެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ އުސޫލަށް ބަދަލު ގެނައުމަށް ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާލޭގެ ރައްޔިތުންނާ އެކު ބޭއްވެވި ބައްދަލުވުންތަކުގައި، ގިނަ ބަޔަކު އެކަމަށް އެދި ހުށަހަޅާފައިވާތީ ރައްޔިތުންގެ އެދުމުގެ މަތިންނެވެ. ހައުސިން މިނިސްޓަރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވީ، "ގޯތި ގެދޮރު"ގެ ނަމުގައި އާ ސްކީމެއް ތަޢާރަފު ކުރަން ނިންމީ ގޯތި ހޯދުމަށް އިތުރު ފުރުސަތުތަކެއް ފަހިކޮށްދިނުމުގެ މަގުސަދުގައި ކަމަށެވެ.

މި ބަދަލާއެކު، ކައިވެނިކޮށްގެން އުޅޭ މީހުންގެ ތެރެއިން އެކެއްގެ ނަމުގައި ފްލެޓެއް ނުވަތަ ބޯހިޔާވަހިކަމެއް އޮތް ނަމަވެސް، އަނެކާއަށް މުސްތަޤުބަލުގައި އަމިއްލަ ބިމެއް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި އުސޫލުގެ ދަށުން ރަސްމާލެއިން 1،250 އަކަފޫޓުގެ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކަށް ބަހާލައިގެންނެވެ. އެއީ މާލޭ ރަށްވެހިންނަށް ގްރޭޓާ މާލެ ސަރަހައްދުންނާއި، ރަސްމާލެއިންނެވެ. އަދި މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ރަސްމާލެއިންނެވެ.

ހައުސިން މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، "ބޯހިޔާވަހިކަން އެންމެންނަށް" ސްކީމްގެ ދަށުން މިހާތަނަށް އެކި މަރުހަލާތަކުގައި ޖުމްލަ 18،399 އެޕްލިކޭޝަނެއް އެބައޮތެވެ. މީގެ ތެރޭގައި ފްލެޓަށް އެދި ހުށަހެޅުމުގެ މަރުހަލާގައި ހުރި 8،466 ފޯމާއި، ހުށަހަޅާފައިވާ 3،396 ފޯމު ހިމެނެއެވެ. އަދި ގޯއްޗަށް އެދި ހުށަހެޅުމުގެ މަރުހަލާގައި 2،851 ފޯމު އޮތްއިރު، 2،513 ފޯމެއް ވަނީ ހުށަހަޅާފައެވެ. މީގެ އިތުރުން ހިޔާ ކެޓަގަރީން ވެސް ގިނަ އަދަދެއްގެ އެޕްލިކޭޝަންތައް ދަނީ ޕްރޮސެސް ކުރެވެމުންނެވެ.

މި މަޝްރޫޢުގެ ދަށުން ގޯއްޗަށް އެދި ފޯމު ހުށަހަޅަން ޖެހޭނީ ސަރުކާރުގެ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށެވެ.



ކިޔުންތެރިންގެ ހިޔާލު