ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ ހަމަވުމަށްފަހު މަސައްކަތަށް ނުކުންނަ މުވައްޒަފުންނަށް، ދަރިފުޅުގެ ކަންކަން ބެލެހެއްޓުމަށްޓަކައި ހުސް ވަގުތު ދޭންޖެހޭ މުއްދަތު ދެ އަހަރަށް އިތުރުކުރުމަށް ވަޒީފާއާބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި ފާސްކުރި މި އިސްލާހު ހުށައެޅީ ސަރުކާރުގެ ފަރާތުން މަޑަވެލި ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒެވެ.

މިހާރު އަމަލުކުރަމުންދާ ވަޒީފާއާބެހޭ ގާނޫނު އޮންނަ ގޮތުން، ދަރިފުޅުގެ އުމުރުން އެއް އަހަރު ވާންދެން، މުސާރައިން ނުކެނޑޭ ގޮތަށް ކޮންމެ ދުވަހަކު ދެ ފަހަރަށް 30 މިނެޓުގެ ހުސް ވަގުތުކޮޅެއް މުވައްޒަފުންނަށް ދޭންޖެހެއެވެ. ނަމަވެސް މިއަދު މަޖިލީހުން ފާސްކުރި އިސްލާހާއެކު، ދަރިފުޅަށް ދެ އަހަރު ފުރެންދެން އެ ހުސް ވަގުތު މުވައްޒަފުންނަށް ލިބިގެންދާނެއެވެ.

މީގެ އިތުރުން، ވަޒީފާއިން ވަކިކުރުމުގެ ކުރިން ދޭންޖެހޭ ނޯޓިހުގެ މުއްދަތަށް ގެނައި ބަދަލުތަކެއްވެސް މިއަދު ވަނީ ފާސްކޮށްފައެވެ. ކުރިން ގާނޫނު އޮތްގޮތުން ދެ ހަފުތާގެ ނޯޓިހެއް ދޭންޖެހެނީ ހަ މަހާއި އެއް އަހަރާ ދެމެދުގެ މުއްދަތަކަށް ވަޒީފާގައި އުޅުނު މުވައްޒަފުންނަށެވެ. އެހެންނަމަވެސް، މިއަދު ފާސްކުރި ބިލުގައިވާ ގޮތުން ވަޒީފާގައި އެއް އަހަރު ނުވާ ކޮންމެ މުވައްޒަފަކު ވަކިކުރި ނަމަވެސް، މަދުވެގެން ދެ ހަފުތާގެ ނޯޓިހެއް ދޭންޖެހޭނެއެވެ.

މި އިސްލާހުގައިވާ ގޮތުން، ނޯޓިހުގެ މުއްދަތުގެ ގޮތުގައި ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތަށްވުރެ ކުރު ނުވަތަ ދިގު މުއްދަތެއް ކަނޑައެޅުމަށް ވަޒީފާދޭ ފަރާތާއި މުވައްޒަފާ ދެމެދު އެއްބަސްވުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

މި ބިލު ފާސްކުރުމާ ގުޅިގެން، ދެން އޮންނާނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި ބިލު ތަސްދީގު ކުރެއްވުމުގެ މަރުހަލާއެވެ.



ކިޔުންތެރިންގެ ހިޔާލު